20 Jan 2013, 09:54
ޖަޕާނުގެ "އަބަދަށް ޒުވާން އަންހެން ކުއްޖާ"ގެ ގޮތުގައި މަޝްހޫރު ވެފައި ވާ، އުމުރުން 43 އަހަރުގެ މަސާކޯ މިޒުތާނީ އޭނާ ޒުވާންކޮށް ހުންނަނީ ކީއްވެގެން ކަން ހާމަ ކޮށްފި އެވެ.
މޮޑެލް ކުރާމީހުންނަށް ހާއްސަ މަޖައްލާއަކަށް ދިން އިންޓަވިއުއެއްގައި މަސާކޯ ބުނެފައިވާ ގޮތުގައި ހަންގަނޑު ރީތިކޮށް ބެހެއްޓުމުގެ ގޮތުން އޭނާގެ ހަންގަނޑަށް ފަރުވާ ކުރުމުގައި ކޮންމެ ދުވަހަކު ވެސް ފަސް ގަޑިއެއް ހައި އިރު އޭނާ ހޭދަ ކުރެއެވެ.
"އަހަރެން ކޮންމެ ދުވަހަކު ވެސް ހަންގަނޑަށް ފަރުވާ ދިނުމުގައި ފަސް ވަރަކަށް ގަޑި އިރު ހޭދަ ކުރަން. ވަރަށް ގިނައިން ފެން ބޮން. ގިނައިން ފެން ބުއިމުން ހަށިގަނޑުގެ ތެރޭގައި ހުންނަ ވިހަ މާއްދާތައް ހަށިގަނޑުން ބޭރު ކޮށް ދޭ. ކެއުމުގައި އަހަރެން ބަލަނީ އަބަދު ވެސް ތާޒާ ތަކެތި ކެވޭތޯ. ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާއެއް އެކުލެވޭ ގޮތަށް ބެލެންސް ޑައެޓެއް ނެގުމަށް އަބަދުވެސް ސަމާލުކަން ދެން. ޖަންކް ފުޑާއި ފިޒީ ޑްރިންކްސް އާއި ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާ އެއްގޮތަކަށް ވެސް ބޭނުމެއް ނުކުރަން. ގައިގައި ލާން ބޭނުން ކުރަނީ ވިޓަމިން އީ އެކުލެވޭ ލޯޝަނާއި ކްރީމް. ދުންފަތުގެ އިސްތިއުމާލު ކުރުމާއި ރާ ބުއިމަކީ އަހަރެން ކުރާ ކަމެއް ނޫން. މީހަކު އަަހަރެން ހުރި ތަނެއްގައި ސިނގިރޭޓު ބޯން ފަށައިފިއްޔާ އަހަރެން އަވަހަށް އެތަނަކުން ދުރަށް ދަން. ރޭގަނޑު ވަރަށް އަވަހަށް އަހަރެން ނިދަން. ހަމަ އެހެންމެ ވަރަށް ފަތިހު ހޭލަން. އަދި މެންދުރު ގަޑީގައި ސިއެސްޓާ ނެޕް ނަގައި އަރާމު ކުރަން. ހަމަ އެހެންމެ ގަވައިދުން ކޮންމެ ދުވަހަކު ވެސް ކަސްރަތު ކުރަން،" މަސާކޯ އޭނާގެ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ޓަކައި ސަމާލުކަން ދޭ ކަންތައްތައް ކިޔައިދެމުން ބުންޏެވެ.
މަސާކޯގެ އުމުރުން 20 އަހަރަށް ދާ އަންހެން ދަރިފުޅާއި އޭނާއާ ދެ މީހުން ކައިރީގައި ތިބޭ އިރު، އެއީ އެއް އުމުރެއްގެ ދެ ކުދީން ނޫން ކަމެއް މީހަކަށް ނޭނގޭނެ އެވެ.
މަސާކޯ ދެކޭ ގޮތުގައި ހުތުރު މީހުންނަކީ ތިބޭ ބައެއް ނޫނެވެ. ހަށިގަނޑާ މެދު ފަރުވާތެރިވެ އުޅެންޏާ ކޮންމެ މީހަކަށް ވެސް ރީތިކޮށް ހުރެވިދާނެ ކަމަށް މަސާކޯ ގަބޫލު ކުރެ އެވެ.
"ހުތުރު އަންހެނުންނެއް ދުނިޔެއަކު ނޫޅޭ. ތިބެނީ މުރާލި އަންހެނުންނާއި ކަންނެތް އަދި ފަރުވާ ކުޑަ އަންހެނުން. ތިމާގެ ހަށިގަނޑާ މެދު ފަރުވާ ކުޑަ އަންހެނުން ރީއްޗެއް ނުވާނެ." އިންޓަވިއުގައި މަސާކޯ ބުނެފައިވެ އެވެ.
މި ދުވަސްކޮޅު މުޅި ޖަޕާނުގެ އިތުރުން އިރުމަތި އޭޝިޔާގެ ގައުމުތަކާއި ޔޫރަޕުގައި ވެސް އެންމެ ގިނައިން އެމީހެއްގެ ފޮޓޯ ގޫގުލް ކުރެވޭ މީހަކީ މަސާކޯ މިޒުތާނީ އެވެ.