20 Jan 2013, 09:42
އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަބޫބަކުރު އިބްރާހީމް އަލީ އަވަހާރަވެއްޖެ އެވެ. އިސްލާމިކް ފައުންޑޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހާޓްއެޓޭކެއް ޖެހުމަށް ފަހު ދިގު މުއްދަތަކަށް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ވަޑައިގަންނަވަނިކޮށް ޝައިޚު އަބޫބަކުރު އަވަހާރަވީ ރޭ ފަތިހު 4:20ގައި ކަމަށެވެ. އިސްލާމިކް ފައުންޑޭޝަންގެ އޮފިޝަލް ވިދާޅުވީ ޝައިޚު އަބޫބަކުރުގެ މޫނު ދެއްކުން ފެށޭނީ މިއަދު ހެނދުނު 9:30ގައި ކަމަށާއި އަދި ކަށުނަމާދު ކުރުން އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަމަށެވެ. އިމާމްވެ ކަށުނަމާދު ކުރައްވާނީ އެ ޖަމްއިއްޔާގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް އައްޝައިޚް އިބްރާހިމް ފަރީދު އަޙްމަދު ކަމަށް ވެސް އިސްލާމިކް ފައުންޑޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ. އަވަހާރަވި އިރު އައްޝައިޚް އަބޫބަކުރު އިބްރާހީމްގެ އުމުރުފުޅަކީ 72 އަހަރެވެ. އަދި އަވަހާރަވި އިރު ހަތް ކުދިން ތިބި އިރު އަތްނބަކު ވެސް ދުނިޔޭގައި އެބަ އިންނެވި އެވެ. ޝައިޚު އަބޫބަކުރު ތައުލީމް ހާސިލް ކުރައްވާފައި ވަނީ ސައުދީ އަރަބިއާގެ މަދީނާގައި ހުންނަ އިސްލާމިކް ޔުނިވާސިޓީންނެވެ. އައްޝައިޚް އަބޫބަކުރު އިބްރާހީމް ވަނީ ސައުދީއަރަބިއްޔާގެ މަބުއޫސެއްގެ ގޮތުން އިންޑިއާ އާއި ޕާކިސްތާނުގެ އިސްލާމީ ޔުނިވާސިޓީތަކުގައި ކިޔަވައިދެއްވައިފައެވެ. އަބޫބަކުރު އަވަހާރަވުމުން އަދާލަތު ޕާޓީން ވަނީ އޭނާގެ އާއިލާ އަށް ތައުޒިޔާ ކިޔައިފައެވެ. އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝައިޚް އަބޫބަކުރަކީ ރާއްޖޭގެ ރައްޔިތުންނަށް އިސްލާމް ދީނުގެ ދައުވަތު ފޯރުކޮށްދެއްވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. >