20 Jan 2013, 09:38
މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ ޕާޓީ ގައުމީ އިއްތިހާދުން ބުނެފި އެވެ.
ގައުމީ އިއްތިހާދު ޕާޓީގެ ނައިބް ރައީސް ނަޒާކީ މުހައްމަދު ޒަކީ މިއަދު ސަން އޮންލައިނަށް ވިދާޅުވީ ރައީސް ވަހީދު ވެރިކަމަށް ކުރިމަތިލެއްވުމަށް ނިންމަވައި އެކަން އިއުލާން ކުރައްވާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ލ. އަތޮޅުގައި ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ކަމަށެވެ.
"ދެހާސް ތޭރައި ގެ އިންތިހާބުގައި މިހާރުގެ ރައީސްލްޖުމްހޫރިއްޔާ، އަޅުގަނޑުމެން ޕާޓިގެ ޒައީމް ކުރިމަތިލައްވާނެ،" ޒަކީ ވިދާޅުވި އެވެ.
ޒަކީ ވިދާޅުވީ އެ މަނިކުފާނު ރިޔާސީ އިންތިހާބަށް ނުކުންނަވާނީ ކޮންގޮތަކަށް ނުވަތަ ކޮންބަޔަކާ ގުޅިގެން ކަމެއް އަދި ނުނިންމާ ކަމަށާއި ވަރަށް އަވަހަށް އެ މައުލޫމާތުތައް މީޑިއާއަށް އާންމުކުރައްވާނެ ކަމަށެވެ.
ރައީސް ވަހީދު މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ނުކުންނެވުމަށް ނިންމާފައިވާ އިރު އެމަނިކުފާނަކީ އެމްޑީޕީ އިން ކާމިޔާބުކުރި ރިޔާސީ އިންތިހާބުގައި ނައިބް ރައީސް އެއްގެ ގޮތުގައި ހޮވިވަޑައިގެން ބޭފުޅެކެވެ. އަދި އެމަނިކުފާނު ރާއްޖޭގެ ރައީސް ކަމާ ހަވާލުވެވަޑައިގަތީ ސިޔާސީ ބޮޑެތި ހަލަބޮލި ކަންތައްގަނޑަކަށް ފަހު 7 ފެބުރުއަރީގައި ރައީސް ނަޝީދު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.