އަލްޖަޒާއިރު (ޖަނަވަރީ 20): އަލްޖަޒާއިރުގެ ގޭހުގެ ސިނާޢަތުގެ ސަރަޙައްދެއް ކަމަށްވާ ޢައިން އިމްނާސްގައި ހަތިޔާރުއެޅި ޖަމާއަތަކުން ރަހީނުކޮށްގެން އުޅުނު އެތަށް ސަތޭކަ ރަހީނުން މިނިވަންކުރަން ހިންގި އޮޕަރޭޝަންގައި އޭގެ ތެރެއިން 23 ރަހީނަކާއި ހަނގުރާމަވެރިންގެ 32 މީހަކު މަރުވެއްޖެވެ.

އަލްޖަޒާއިރު ދާޚިލީ ވުޒާރާއިން ބުނީ 23 ރަހީނަކު މަރުވިއިރު 692 ރަހީނުން މިނިވަންކުރެވުނު ކަމަށާ އޭގެތެރޭގައި ބޭރު ގައުމުތަކުގެ 107 މީހުން ހިމެނޭކަމުގަ އެވެ. ހަތިޔާރުއެޅި ޖަމާޢަތުގައި ހިމެނޭ 32 މީހުން ވެސް މަރާލެވުނު ކަމުގަ އެވެ. ހަތިޔާރުއެޅި މީހުން އަލްޖަޒާއިރުގެ ސަރަޙައްދަށް ވަދެފައި ވަނީ އަވަށްޓެރި ގައުމަކުން ކަމަށް ބެލެވޭ ކަމަށާ އެ މީހުންގެ ތެރޭގައި ރަނގަނޅަށް ތަމްރީން ލިބިފައިވާ ހަނގުރާމަވެރިންނާއި ގޮވާތަކެއްޗާ ބެހޭ ތަޖްރިބާކާރުން ހިމެނޭކަމަށް ވެސް އެގައުމުގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނެ އެވެ. ހަނގުރާމަވެރިންގެ ތެރޭގައި ހިމެނެނީ ކެނެޑާ މީހަކާއި ހޮލެންޑް މީހެއްގެ އިތުރުން ލީބިޔާ، މިސްރު، މާލީ އަދި ސޫރިޔާގެ ހަރުކަށި ޖަމާއަތްތަކަށް ނިސްބަތްވާ މީހުން ކަމަށް ވެސް އެބަޔާން ބުނެ އެވެ.

ހަނގުރާމަވެރިންގެ ތެރޭގައި ޔޫރަޕްގެ ބައެއް ގައުމުތަކަށް އުފަން މީހުން ވެސް ހިމެނޭކަމަށް އިޝާރާތް ކުރައްވައި ނޯވޭގެ ޚާރިޖީ ވަޒީރު ވަނީ އަލްޖަޒާއިރުގައި މީހުން ރަހީނުކުރި ހަނގުރާމަވެރިންގެ ތެރޭގައި އިނގިރޭސި ބަހުން ފުރިހަމައަށް ވާހަކަ ދައްކާ އަދި އިނގިރޭސިބަސް ފިޔަވައި އެހެން ބަހެއް ނުދަންނަ މީހުން ތިބިކަން އަލްޖަޒާއިރުން ކަށަވަރުކޮށްދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. ރަހީނުން މިނިވަންކުރުމަށް މަސައްކަތްކުރި އަލްޖަޒާއިރުގެ ސިފައިން ޚާއްސަ ޔުނިޓުގެ ކޮމާންޑަރާ ޙަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ހަނގުރާމަވެރިން ވަނީ ރަހީނުން ބަންދުކޮށް ހިފަހައްޓައިގެން އުޅުނު ޢިމާރާތުގެ އިތުރުން އެސަރަޙައްދުގައި ވެސް ގޮވާތަކެތި ހަރުކޮށްފަ އެވެ. ހަތިޔާއެޅި އެންމެ މަރާލެވުނު އިރު އެމީހުންގެ އަތުން ގިނައަދަދެއްގެ ހަތިޔާރު އަތުލައި ގަނެވުނު ކަމަށްވެސް ކޮމާންޑަރު ވިދާޅުވެފައިވެ އެވެ.

އަލްޖަޒާއިރުގެ ޢައިން އިމްނާސް ސަރަޙައްދުގައިތެލުގެ ސިނާއަތުގައި މަސައްކަތްކުރަމުން ގެންދިޔަ މީހުންގެ ތެރެއިން 715 މީހުން ވަގަށްނަގައި ރަހީނު ކުރިއިރު އޭގެތެރޭގައި ގިނައީ އެގައުމުގެ ރައްޔިތުންނެވެ. ޢައިން އިމްނާސްގައި މީހުން ރަހީނުކުރި ޙާދިސާގެ ޒިންމާ އުފުލާފައި ވަނީ އަލްގާޢިދާއާ ގުޅިފައިވާ އެގައުމުގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ "އަލްމުވައްޤިޢޫން ބިއްދިމާއި" ބްރިގޭޑުންނެވެ. އެ ޖަމާއަތުގެ ވެރިޔާ މުޚްތާރު ބިލްމުޚްތާރު ވަނީ މިއީ ފަރަންސޭސިވިލާތުން އެފްރިކާގެ އިސްލާމީގައުމެއްކަމަށްވާ މާލީއަށް ޢަސްކަރީ ގޮތުންވަދެގަނެ ހިންގަމުން ގެންދާ ލޭއޮހޮރުވުންތަކަށް ބަދަލުހިފުމުގެ ގޮތުން ހިންގި ޢަމަލެއްކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. (އަލްޖަޒީރާ)