ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ޝޯ ހުށަހަޅާން ތައްޔާރު ކަމަށާއި އެހެން ނަމަވެސް ލަވަ ކިޔާން ޕާކިސްތާނަށް ނުދާނެ ކަމަށް އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ ބުނެފި އެވެ.

އާޝާ ބޯސްލޭ މި ގޮތަށް ވާހަކަ ދައްކައިފައި މި ވަނީ ކަޝްމީރު ސަރަހައްދުގައި ހިނގި އަސްކަރީ ކުރިމަތިލުންތަކެއްގެ ސަބަބުން އިންޑިޔާ އާއި ޕާކިސްތާނާ ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސް ވެފައިވާ ދަނޑިވަޅެއްގަ އެވެ.

"އަހަރެން ލަވަ ކިޔާނީ އަހަރެންގެ އަމިއްލަ ގައުމުގައި. އަހަރެން ލަވަ ކިޔާކަށް ޕާކިސްތާނަކަށް ނުދާނަން. ދުނިޔޭގެ ކޮންމެ ގައުމަކަށް ގޮސް ވެސް ލަވަ ކިޔާން އަހަރެން ތައްޔާރު. އެކަމަކު އަހަރެން ޕާކިސްތާނަކަށް ނުދާނަން." އާޝާ ބުންޏެވެ.

ޕާކިސްތާނުގައި އެއްވެސް ޝޯއެއް ހުށަހަޅާން ބޭނުން ނުވާ ކަމަށް އާޝާ ބުނެފައިވާ އިރު، ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ ޢަލީ ޒަފަރު އިންޑިޔާގައި ބާއްވާން އުޅުނު ޝޯއެއް ވެސް ވަނީ އިންޑިޔާ-ޕާކިސްތާނުގެ މައްސަލައިގެ ހިޔަނި އެޅުމުގެ ސަބަބުން ބޭއްވޭ ގޮތް ނުވެފަ އެވެ.

މި ގޮތަށް އިންޑިޔާ އާއި ޕާކިސްތާނާ ދެ ގައުމުގެ މަސްރަހު ހޫނުވާ ކޮންމެ ފަހަރަކު އެ ކަމުގެ އަސަރު ދެ ގައުމުގެ ފަންނުވެރީންނާއި ފަންނީ ހަރަކާތްތަކަށް ވެސް ދަނީ ކުރަމުންނެވެ.