އިދިކޮޅު އެމްޑީޕީއަށް ވެރިކަން ނުލިބޭނެ ހުރިހާ "ފޯމިއުލާ"އެއް ބޭނުން ކުރައްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ކަމަށް އިންތިހާބުވެވަޑައި ގެންނެވި އިލްހާމް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް ކޮންގްރެސް ނިންމާލުމަށް ދަރުބާރުގޭގައި މިރޭ ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިލްހާމް ވިދާޅުވީ ޕީޕީއެމް ބައިބައި ވުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ ޕާޓީ އުފައްދާފައި ވަނީ "ސަމާސާ، ސަމާސާ" އަކަށް ނޫން ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމްއަށް ވެރިކަން ހޯދައި ދިނުމަށްޓަކައި ރެއާ ދުވާލު މަސައްކަތް ކުރާނެ ކަމަށާއި އެ ޕާޓީއަކީ ވެރިކަން ކުރުމަށް އެންމެ ގާބިލް ޕާޓީ ކަމަށެވެ. އަދި ވެރިކަމުގެ ތަޖުރިބާއި ގާބިލްކަން ލިބިވަޑައިގެންނެވި ކުރީގެ ވަޒީރުން ތިއްބެވީ ޕީޕީއެމްގައި ކަމަށާއި 30 އަހަރުގެ "ތަރައްގީގެ ބާނީ" ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ހުންނެވީ އެ ޕާޓީގައި ކަމަށް ވިދާޅުވެ މައުމޫނަށް އިލްހާމް ތައުރީފު ކުރެއްވެވި އެވެ.

ޕީޕީއެމްގެ އެތެރޭގެ އިންތިހާބަށް އުފެދުނު ދެ ޓީމުގެ ދެމެދުގައި ބަދަލު ކުރި ބަހުގެ ހަމަލާތަކަށް އިޝާރާތްކޮށް އިލްހާމް ވިދާޅުވީ ކެންޕެއިންގެ ތެރޭގައި "އެކަހަލަ މިކަހަލަ" ކަންތައްތަކެއް ހިނގާނެ ކަމާއި އެއީ "ރިއަލިޓީ" ކަމަށެވެ. ވާދަވެރި ނައިބު ރައީސް ކަމުގެ ގޮނޑިއަށް ވަޑައިގެންނެވުމުން އިލްހާމް ވިދާޅުވީ އޭނާއަށް އެ ގޮނޑި ކާމިޔާބުކޮށްދިނުމަށް ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެކަމުގައި ޕާޓީގެ މެންބަރުން އޭނާއަށް ދިން ތަރުހީބަށްޓަކައި އިލްހާމް ޝުކުރު ދެންނެވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓް ހޯއްދަވައިގެން ނައިބު ރައީސް ކަމުގެ ގޮނޑި ކާމިޔާބު ކުރެއްވެވި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިރޭ ވިދާޅުވީ މިދުވަސްވަރަކީ އެތެރެއިންނާއި ބޭރުން އެކިކަހަލަ ފިއްތުންތަކާ ކުރިމަތިވަމުންދާ ދުވަސްވަރެއް ކަމަށާއި އެގޮތުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި ސިޔާސީ މަސްރަހުގައި ވެސް ހިނގަމުންދާ ފިތުނަވެރިކަމާއި ހަމަނުޖެހުން ކުޑަކުރުމަށްޓަކައި ޕީޕީއެމް "ލަޝްކަރުން" ކުރިމަތިލައި އެފަދަ ކަންތައްތަކުގެ މައްޗަށް ޕީޕީއެމް ކާމިޔާބު ހޯދާނެ ކަމަށް އަދީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ނައިބު ރައީސް ކަމުގެ ގޮނޑި އޭނައަށް ކާމިޔާބު ކުރެވުނީ ޕާޓީގެ މެންބަރުން އޭނާއަށް ކުރައްވަމުން ގެންދަވާ އިތުބާރުގެ ސަބަބުން ކަމަށެވެ. ޕީޕީއެމްއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެން އަދީބު ވިދާޅުވީ އެ ޕާޓީއަކީ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި ހައްދަވާނެ ކަމަށެވެ.