ކުލަބް ވެލެންސިޔާ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހޯމް އިމްޕްރޫވްމަންޓާ އެކު އެއްހައަރު ދުވަހުގެ ސްޕޮންސާޝިޕް އެގްރީމެންޓެއްގައި މިރޭ ސޮއިކޮށްފި އެވެ.

އެ އެއްބަސް ވުމުގެ ދަށުން މިއަހަރު ވެސް ވެލެންސިޔާގެ ޖާޒީގައި އިޝްތިހާރު ކުރުމަށް ހަމަޖެހިފައި ވަނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ރާއްޖެ އެތެރެކޮށް ވިއްކާ ދުނިޔޭގެ މަޝްހޫރު ޕްރޮޑަކްޓް ބްރޭންޑެއް ކަމަށްވާ "ފިލިޕްސް" އެވެ. ވޭތުވެދިޔަ އަށް އަހަރު ދުވަހު ވެސް ވެލެންސިޔާގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ. އެހެން ކަމުން މިފަހަރަކީ އެ ޓީމުގެ ޖާޒީގައި ފިލިޕްސް އިޝްތިހާރު ކުރާ ނުވަ ވަނަ ފަހަރެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި މިރޭ އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން އެއްބަސް ވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް އެވެ. އަދި ކުލަބު ވެލެންސިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ކުލަބުގެ ޑިރެކްޓަރު ކޮމާޝަލް އެންޑް މާކެޓިން އޭރިޔާ ޙަސަން ވަޙީދު އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ، މި އަހަރަކީ އެސްޓީއޯ ހޯމް އިމްޕުރޫވްމަންޓާއި ކުލަބު ވެލެންސިޔާއާއި ދެމެދު ސްޕޮންސާޝިޕް އެގްރީމެންޓުގައި ސޮއިކުރެވޭ ނުވަ ވަނަ ފަހަރު ކަމަށާއި އަދި ވެލެންސިޔާ އިން ފިލިޕްސް ޕްރޮމޯޓް ކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައި ގަންނަވާ ކަމަށެވެ.

އާޒިމްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިގޮތުގައި ކުލަބު ވެލެންސިޔާ އިން ވަނީ މިދިޔަ އަހަރު ވެސް ފިލިޕްސް ޕްރޮމޯޓް ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވައިފަ އެވެ. އަދި ވިދާޅުވީ ވެލެންސިޔާއަކީ އަބަދު ވެސް ޒުވާނުންނަށް ފުރުސަތު ހޯދައިދޭ ކުލަބެއް ކަމަށާއި އަދި ޒުވާނުން ކުރިއެރުވުމަށް އެސްޓީއޯ އިން ވެސް ވަރަށްބޮޑަށް ބޭނުންވާ ކަމަށެވެ.

"ވެލެންސިޔާއަކީ އަބަދު ވެސް ޒުވާނުންނަށް ފުރުސަތު ހޯދައިދޭ ކުލަބެއް. އެގޮތުން އަޅުގަނޑުމެން އެސްޓީއޯއިން ވެސް ބޭނުންވޭ ޒުވާނުން ކުރިއަރުވަން،" އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ ކުލަބު ވެލެންސިޔާ އަށް އަބަދުވެސް ކުރިއެރުން ލިބުން އެދޭ ކަމަށާއި މިސީޒަން ތެރޭގައި ވެލެންސިޔާ އިން ޔޫރަޕުގައި ކުޅޭފަދަ ރީތި ޒުވާން ފުޓްބޯޅަ ކުޅުމެއް ފެނިގެން ދާނޭ ކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދު ކުރަން ވެލެސްސިޔާ އިން ދިވެހިރާއްޖެ އަށް ތައާރަފްކުރި ރީތި ޒުވާން ފުޓްބޯޅަ، އަޅުގަނޑުމެންނަށް ޔޫރަޕުން މިފެންނަ ކަހަލަ ރީތި ފުޓްބޯޅަ މިސީޒަން ތެރޭގައި ފެނިގެން ދާނެކަމަށް،" އާޒިމް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ކުލަބު ވެލެންސިޔާގެ ފަރާތުން ވާހަކަ ދެއްކެވި އެކުލަބުގެ ޒުވާން ޗެއާމަން އިބްރާހީމް ރާއީ ރަޝީދު ވިދާޅުވީ އެސްޓީއޯ އިން ޓީމަށް ވެދެއްވާ އެހީތަކަށް ޝުކުރު އަދާކުރާ ކަމަށާއި އަދި ފިލިޕްސް ބްރޭންޑް އިޝްތިހާރު ކުރުމަށް މިއަހަރު ވެސް ގިނަ ކަންތައްތަކެއް އެ ކުލަބުން ރާވައި ހިންގާނެ ކަމަށެވެ. އަދި ޒުވާނުންނަށް އަމާޒުކޮށްގެން ވެލެންސިޔާ އިން މިފަހަރު ވެސް ގިނަ ކަންތައްތަކެއް ކުރަށްވާނޭ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.