އޮސްޓްރޭލިއާގެ "ލެކްޓޭލިސް ޖިންޑީ" ކުންފުނިން އުފައްދާފައިވާ ބައެއް ބާވަތްތަކުގެ ޗީޒްގައި "ލިސްޓީރިއާ" ނަމަކަށް ކިޔާ ޖަރާސީމު ހުރިކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އަންގާފައިވާތީ އެ ބްރޭންޑުގެ ޗީޒް ރާއްޖޭގައި ވިއްކުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފި އެވެ.

ފުޑް އެނޑް ޑްރަގް އޮތޯރިޓީން މިރޭ ބުނީ އެ ކުންފުނިން އުފައްދާފައިވާ ބައެއް ޗީޒް ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓް ކުރެވިފައިވާ ކަމަށާއި އެ ބާވަތުގެ ޗީޒްގައި "ލިސްޓީރިއާ" ނަމަކަށް ކިޔާ ޖަރާސީމު ހުރިކަމަށް ޑަބްލިއުއެޗްއޯ އިން އަންގާފައިވާތީ އެ ބާވަތުގެ ޗީޒް އެއްވެސް ފަރާތަކުން ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އަންގާ ކަމަށެވެ. އަދި އެ ބާވަތުގެ ޗީޒް ހުރި ނަމަ އެތަކެތި ނައްތާލުމަށް އެ އޮތޯރިޓީއާ ހަވާލު ކުރުމަށް ވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ އަންގައިފަ އެވެ.

އެބާވަތުގެ ޗީޒެއް ކެއުމުގެ ސަބަބުން އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް އެ އިދާރާ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ރާއްޖެ އަށް އެތެރެކުރެވިފައިވާ އެ ބްރޭންޑްގެ ޗީޒް ޑިސްޓްރިބިއުޓް ކުރެވިފައިވާ ތަންތަނަކީ ކޮބައިތޯ ބަލައި އެތަންތަނުން އެތަކެތި ނެގުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިހާރު ކުރަމުން އަންނަ ކަމަށް ވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުންޏެވެ.