19 Jan 2013, 20:15
ފެބުރުއަރީ 7، 2012، ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށް ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ކޯނީގެ ރިޕޯޓް ދިރާސާ ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް މައުލޫމާތު ދެއްވަމުން އިބްރާހިމް ދީދީ ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކުރީ ބަޣާވާތަކުންތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކީ އޭނާ އަށް ލިބިގެންވާ ބާރެއް ނޫން ކަމަށާއި އޭނޭގެ މަސްއޫލިއްޔަތަކީ ނަޝީދުގެ ވެރިކަން ބަދުލުވި ދުވަހު ކަން ހިނގި ގޮތުގެ މައުލޫމާތު އެނގި ހުރި މިންވަރަކަށް ކޮމެޓީ އަށް ދިނުން ކަމަށެވެ.
~
"އަޅުގަނޑެއް ނުނިންމާނަން އެއީ ބަޣާވާތެއް ކަމަކަށް. އެކަން އެހެން ނިންމުމުގެ ހައްގު އަޅުގަނޑަށް ލިބިގެނެއް ނުވޭ. އަޅުގަނޑު އެހެން ނުވެސް ދަންނަވާނަން. އެކަން އަޅުގަނޑު އެހެން ނުވެސް ނިންމާނަން. އަޅުގަނޑަށް އެނގި ހުރި މައުލޫމާތެއް ތިޔަ ބޭފުޅުންނަށް އަޅުގަނޑު މިދެނީ،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ބަދުލުވި ދުވަހު ތަނުގެ ކޮމާންޑި އިން ކޮންޓްރޯލް ގެއްލުމުން ލީތަލް ވެޕަން ބޭނުން ކުރުމަށް ލަފާ ދެއްވި ކަމަށާއި ނަމަވެސް ރައީސް ނަޝީދު އެކަމަށް އިންކާރު ކުރެއްވި ކަމަށެވެ. އަދި އެގޮތަށް ލަފާ ދެއްވީ ތަނުގެ ހާލަތު އޮތް ގޮތުން ސިފައިން ހުސް އަތާ ނިކުމުގެން އެ ސަރަހައްދު ކޮންޓްރޯލް ނުކުރެވޭ ހަލަތަށް ގޮސްފައިވާ ކަމަށް އަމިއްލަފުޅަށް ގަބޫލު ކުރެވުމުން ކަމަށް ވެސް އިބްރާހިމް ދީދީ ވިދާޅުވި އެވެ.
"ވެޕަން އާއި ބެހޭ ގޮތުން އަޅުގަނޑު ރައީސުލްޖުމްހޫރީއްޔާ އަށް ދެންނެވިން ރައީސުލްޖުމްހޫރީއްޔާ އަކީ ސިފައިންގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ލީތަލް ވެޕަން ބޭނުން ކުރައްވާށޭ. އަޅުގަނޑު އެޑްވައިސް އަކީ އެއީއޭ. އެކަމާ ރައީސް ކޯފާ އިސް ކުރައްވައި ވިދާޅުވި ތިމަންނާގެ ވެރިކަމެއްގައި ލީތަލް ވެޕަން ބޭނުން ނުކުރައްވާނަމޭ. އަޅުގަނޑު ދެންނެވިން ފުލުހުންނާއި އެމްޑީޕީ މީހުންނާއި ކުރިމަތިލީ ހިސާބުން ފެށިގެން ތަނުގެ ކޮމާންޑިއިން ކޮންޓްރޯލް ގެއްލިޖެއޭ. ވާހަކަ ދައްކައިގެން ވެސް އެ ހިސާބުން ދެން އެތަން ކޮންޓްރޯލް ނުކުރެވޭނެ އޭ. ސިފައިން އެތަނަށް ނުކުމުގެން ވެސް އެތަން ކޮންޓްރޯލެއް ނުކުރެވޭނޭ. ސިފައިން ހުސް އަތާ ނުކުތަސް އެތަން ކޮންޓްރޯލެއް ނުކުރެވޭނެއޭ އެ ހާލަތުގައި. ހަމަ އެކަނި ހާލަތަކީ ލީތަލް ވެޕަން ހިފައިގެން އަޅުގަނޑުމެން އަޅުގަނޑުމެން ގޮތުގައި ނިކުމެ އެކަންތައް ހައްލު ކުރުމޭ. އެހެން ދެންނެވިން. އެހެން ނަމަ އެކަން ހައްލު ކުރެވުނީސް. ރައީސް ލީތަލް ވެޕަން ބޭނުން ނުކުރެއްވުމުން އަޅުގަނޑަށް އެނގިއްޖެ މިކަން މިހިސާބުން ނިމެނީއޭ. ދެން އަޅުގަނޑު އިސްތިއުފާ ވެސް ދިނިން. އެހެން ނަމަވެސް ރައީސް އެކަން ގަބޫލުފުޅެއް ނުކުރެއްވި،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު އޭރު އޮތް ގޮތުންނާއި ބައެއް މީޑިއާތަކުން ސީދާ ފުލުހުންނަށާއި ސިފައިންނަށް އަމާޒު ކޮށްގެން ކުރަމުން ދިޔަ ކަންތައްތަކެއްގެ ސަބަބުން އޭގެ ނުބައި އަސަރު ސިފައިންނަށާއި ފުލުހުންނަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ހައްދު ފަހަނައަޅާފައިވާ މިންވަރަށް ފުލުހުންނާއި ސިފައިންގެ އިދާރާ އަށް ސިޔާސީ ނުފޫޒް ވަދެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަނޑޭރި ކޮށި ކުރިމަތީގައި ހުންނަވައިގެން ފެބްރުއަރީ ހަތް ވަނަ ދުވަހު މިހާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދެއްކެވި ވާހަކަތަކުގެ ސަބަބުން އާއިލާއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް، އޭރުގެ ހޯމް މިނިސްޓަރު ހަސަން އަފީފު ވިދާޅުވި ކަމަށް އޭނާގެ އަރިހު ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ. އަދި އިސްތިއުފާ ދެއްވުމުގެ ކުރިން ނާޒިމާއި އުމަރު ނަސީރު، ތޮލްހަތު މެދުވެރިކޮށް ރައީސް ނަޝީދަށް ތަފާތު އެކި އެކި ފިއްތުންތައް ކުރިމަތި ކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.