19 Jan 2013, 18:01
ސާބާ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޓީމު ކުޅުނު ތިންވަނަ މެޗުގައި ބޫޓާންގެ ގައުމީ ބާސްކެޓްބޯޅަ ޓީމު އަތުން ރާއްޖެ މޮޅުވެއްޖެ އެވެ. މިއަދުގެ މެޗު ރާއްޖެ ކާމިޔާބުކޮށްފައި ވަނީ 74-57 ޕޮއިންޓުން ނެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްދާ އެ މުބާރާތުގެ ފަސްވަނަ މެޗުގައި މިއަދު މެދުރުފަހު ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅެ މޮޅުވި މެޗުގައި ރާއްޖޭގެ ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ރެޑްލައިން ކުލަބަށް ކުޅޭ މުހައްމަދު ޒިލާލް އެވެ. އެނާ ވަނީ ރާއްޖޭގެ ޓީމަށް މިއަދުގެ މެޗުގައި ޖުމްލަ 15 ޕޮއިންޓް ހޯދައިދީފަ އެވެ. އަދި ރާއްޖޭގެ ޓީމަށް އެ މެޗުގައި ދެވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ ހަމަ ރެޑްލައިން ކުލަބަށް ކުޅޭ އަހްމަދު އަފްޝަން ރަޝީދު އެވެ. އޭނާ ވަނީ މިއަދުގެ މެޗުގައި 13 ޕޮއިންޓް ހޯދައިދީފަ އެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ޓީމުން 25 ޕޮއިންޓް ހޯދާފައިވާ އިރު ބޫޓާނަށް ހަމަކުރެވުނީ އެންމެ ހަ ޕޮއިންޓެވެ. އަދި ދެ ވަނަ ކުއާޓާ ނިމުނު އިރު ރާއްޖޭގެ ޓީމު ވަނީ 46 ޕޮއިންޓު ހަމަކޮށްފަ އެވެ. އެ ކުއާޓާގައި ބޫޓާން ޓީމަށް ހަމަކުރެވުނީ 19 ޕޮއިންޓެވެ.
މެޗުގެ ތިން ވަނަ ކުއާޓާގައި ރާއްޖެ އަށް 53 ޕޮއިންޓް ހަމަ ކުރެވުނު އިރު އެ ކުއާޓާ ނިމުނު އިރު ބޫޓާނުން ވަނީ 43 ޕޮއިންޓް ހަމަކޮށް މެޗުގެ ނަތީޖާ 10 ޕޮއިންޓަށް ކުޑަކޮށްފަ އެވެ. އެހެން ނަމަވެސް މެޗުގެ ފަހު ކުއާޓާ ގައި ރާއްޖޭގެ ޓީމުން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް އެ ކުއާޓާގައި އިތުރު 21 ޕޮއިންޓު ހޯދައިގެން މެޗު ނިމުމުގެ ކުރިން 74 ޕޮއިންޓު ހޯދާފަ އެވެ. ފަހު ކުއާޓާ ނިމުނު އިރު ބޫޓާނަށް ލިބިފައި ވަނީ 54 ޕޮއިންޓެވެ. އެ ނަތީޖާއާ އެކު މިއަދުގެ މެޗުން ރާޖެ މޮޅުވީ 17 ޕޮއިންޓުގެ ތަފާތުން ނެވެ.
މުބާރާތުގެ ހަތަރު ވަނަ މެޗުގައި ރޭ ބަންގްލަދޭޝް އާ ވާދަކުރި މެޗު 71-64 ޕޮއިންޓުން ކާމިޔާބު ކުރީ ބަންގުލަދޭޝް އެވެ. އެހެން ކަމުން މުބާރާތުގައި މިހާތަނަށް ކުޅެވުނު މެޗުތަކަށް ބަލާއިރު ދެމެޗު ކުޅެގެން ހަތަރު ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތީ ބަންގްލަދޭޝް އެވެ. އަދި އެއްމެޗު ކުޅެ އެމެޗުން މޮޅުވެގެން ނޭޕާލާއި ޕާކިސްތާނަށް ކޮންމެ ޓީމަކަށް ދެ ޕޮއިންޓު ލިބިފައި ވާއިރު ކުޅުނު ތިންމެޗުން އެއްމެޗު ކާމިޔާބުކޮށް ރާއްޖެއަށް ލިބިފައިވަނީ ދެ ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނަ އެވެ. ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ ފަސްޓީމު ބައިވެރިވި އެ މުބާރާތުގެ ފުލުގައި އޮތީ ބޫޓާން އެވެ.
ސާބާ ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ ހޯމަދުވަހު ހަވީރު ބައްދަލުކުރާނީ މުބާރާތުގައި މިހާތަނަށް އެންމެ ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ ބަންގުލަދޭޝް ޓީމާއެވެ. މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހުގެ ހަވީރު 6:30ގައެވެ.