ސްރީލަންކާގެ މަސް ބޯޓެއް އިންޖީނު ހުއްޓިގެން ރާއްޖެއާ ދިމާލަށް އަންނަމުންދާތީ ކޯސްޓުގާޑުން އެހީތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބުދުﷲ އަލީ މިއަދު ވިދާޅުވީ އިންޖީނު ހުއްޓިގެން ރޭ އެމްއެންޑީއެފް ކޯސްޓުގާޑަށް ރިޕޯޓު ކުރީ ސްރީލަންކާގެ މަސްބޯޓެއް ކަމަށްވާ ''ސިޔާން ޕުތާ 1" ކަމަށެވެ.

ހަ މީހުންނާ އެކު ދަތުރު ކުރަމުންދިޔަ އެބޯޓުގެ އިންޖީނު ހުއްޓިގެން އެހީތެރިވުމަށް އެދުމުން ބޯޓާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި ބޯޓުގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ށ. ފުނަދޫގެ އިރުން ގާތްގަނޑަކަށް 104 ނޯޓިކަލް މޭލު ބޭރުގައި އޮތް ބޯޓު ރާއްޖެއާ ދިމާއަށް އަންނަ ކަމަށާއި އެ ބޯޓު ލައްވާނީ ޅ. އަތޮޅުގެ އިރުމަތީ ފަރާތަށް ކަމަށް ކޯސްޓްގާޑުން ލަފާކުރެ އެވެ.

އަބްދުﷲ ވިދާޅުވީ އެބޯޓާ ދިމާލަށް ކޯސްޓުގާޑުން އަދި ނުދާ ކަމަށާއި ނަމަވެސް ބޯޓާ ގުޅައިގެން އެހީތެރިކަން ފޯރުކޮށްދެވެން ހުރި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ބޯޓުގައި ކާބޯތަކެތި ހަމައަށް ހުރި ކަމަށެވެ.

ލަންކާގެ މަސްބޯޓަކީ ދިގުމިނުގައި 37 ފޫޓު ހުރި އޮރެންޖް އަދި ފެހި ދަވާދު ލާފައިވާ ބޯޓެއް ކަމަށާއި އެ ބޯޓާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ، ކޯސްޓު ގާޑަށް އެންގުމަށް ވެސް އެމްއެންޑީއެފުން އެދެ އެވެ.