19 Jan 2013, 15:03
ނޫސްވެރިންނާއި ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުން ވޯޓުދީގެން ހޮވި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ޖެހިޖެހިގެން ހަތަރު ފަހަރަށް ހޯދި އާޖެންޓީނާ އަދި ބާސެލޯނާގެ ފޯވަޑް ލިއޮނެލް މެސީގެ ޖޯޒީ ލިބުމަކީ ފުޓްބޯޅައިގެ ހަޔާތުގައި ހޭދަކުރި އަހަރުތަކުގެ ތެރޭގައި ލިބުނު ޝަރަފުތަކުގެ ތެރެއިން ފަހުގެ ތާރީހުގައި ލިބުނު އެންމެ ބޮޑު އެއް ޝަރަފް ކަމަށް ޖަރުމަންގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ގާޑް މުލާ ބުނެފި އެވެ.
ޖަރުމަންގެ ގައުމީ ޓީމާއެކު 1974 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި މުލާއަށް މެސީގެ 10 ނަންބަރު ޖޯޒީ ލިބުމުން، އިނގިރޭސި މީޑިއާތަކަށް މުލާ ދީފައިވާ އިންޓަވިއު ތަކުގައި ބުނެފައި ވަނީ، މެސީއަކީ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށާއި އޭނާގެ ކެރިއަރުގައި މިހާތަނަށް ހޯދާފައިވާ ކާމިޔާބުތަކަކީ މުޅި ދުނިޔެ އެ ކުޅުންތެރިއަކާ އެކު ފަހުރުވެރިވާ އެވޯޑްތަކެއް ކަމަށެވެ. އަދި މެސީ ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާ ކަމަށާއި އެ ކާމިޔާބީ ދެމެހެއްޓުމަށް މެސީ ކުރަމުން އަންނަ މަސައްކަތަށް އަބަދުވެސް ހިތްވަރު ދޭން ބޭނުން ކަމަށް މުލާ ބުންޏެވެ.
"އަހަރެންގެ ރެކޯޑް މުގުރާލުމަށް ފަހު މެސީ އެ ދިން ހަދިޔާ އަހަރެން ގަބޫލު ކުރީ ހިތުން ރުހުމުން. އަހަރެން މެސީއާ މެދު އަބަދުވެސް ފަހުރުވެރިވޭ. މެސީ އަކީ ގޯލާ ރަހުމަތްތެރި އަދި ބޯޅަ ކުޅޭހިތުން ކުޅެ އޭނާ އެ ކުޅޭ ޓީމަކަށް ކާމިޔާބު ހޯދައިދޭ ކުޅުންތެރިއެއް. އެކަން މިއަދު ފެނިއްޖެ" މުލާ ބުންޏެވެ.
އަހަރުދުވަހުގެ ތެރޭ އެންމެ ގިނަ ލަނޑު ޖަހައިގެން 1972 ވަނަ އަހަރު މުލާ ހެދި ރެކޯޑް މެސީ މުގުރާލުމަށްފަހު، މުލާއަށް ދިން 10 ނަންބަރު ޖޯޒީ މިހާރު މުލާ ވަނީ ޖަރުމަންގެ ބަޔާން މިއުނިކްގެ ދާރުލް އާސާރަށް ހަދިޔާ ކޮށްފައެވެ.
އަހަރު ދުވަހުގެ ތެރޭގައި މުލާ ޖެހި 85 ގޯލް، މެސީ މިދިޔަ އަހަރު މުގުރާލީ 91 ގޯލް ކާމިޔާބު ކޮށްގެންނެވެ.
އުމުރުން 25 އަހަރުގެ މެސީވަނީ 2012 ވަނަ އަހަރު އޭނާގެ ކުލަބަށާއި ގައުމީ ޓީމަށް ކުޅުނު 69 މެޗުގެތެރެއިން އާޖެންޓީނާގެ ޓީމަށް 12 ލަނޑު އަދި ބާސެލޯނާއަށް 79 ލަނޑު ކާމިޔާބު ކޮށްދީފައެވެ.
ބެޔާން މިއުނިކުގެ ރިޒާވް ޓިމުގެ މެނޭޖަރެއްގެ މަގާމް ފުރަމުން އަންނަ މުލާ، އޭނާގެ ފުޓްބޯޅައިގެ ކެރިޔާ އެންމެ ފަހުން ނިންމާލީ ވެސް އެކުލަބުގައި ހުރެގެންނެވެ.
ޖެހިޖެހިގެން ހަތަރު ފަހަރަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މެސީ ހޯދިއިރު، އެ އެވޯޑް އެންމެ ގިނައިން ދެން ޖެހިޖެހިގެން ހޯދާފައިވަނީ ފްރާންސްގެ ފުޓްބޯޅަ ތަރި އަދި މިހާރުގެ ޔުއެފާގެ ޕްރެޒިޑެންޓް މިޝޭލް ޕްލެޓިނީއެވެ. އޭނާ ވަނީ ޖެހިޖެހިގެން ތިންފަހަރު 1983، 1984 އަދި 1985 ގައި މި އެވޯޑް ހޯދައިފައެވެ.