ގުއަންޓަނާމޯބޭ (ގިޓްމޯބޭ) ޖަލުން ގައިދީން ރާއްޖެ ގެނައުން ރައްޔިތުންގެ މަޖިލީހުން މަނާކޮށްފައި ނުވާ ކަމަށާއި، އެ ޖަލުގެ ގައިދީއަކު ރާއްޖެ ގެންނާނެކަމަށް ވިދާޅުވެފައި ވަނީ ސަރުކާރުގެ ވިސްނުން ހާމަ ކުރުމަށްކަމަށް ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.


އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ އަހަރީ ބައްދަލުވުމުގައި، ގިޓްމޯބޭ ޖަލުން ރާއްޖެއަށް ގައިދީއަކު ގެންނާނެ ކަމަށް އިޝާރާތް ކުރައްވައި، އެމީހާއަށް ރައްޔިތުންގެ މަޖިލީހުން "މަރުހަބާ" ކިޔާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ހާރިޖީ ވަޒީރު ވިދާޅުވެފައިވާތީ، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޝަހީދު އިއްޔެ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވަނީ، އެފަދަ މީހަކު ރާއްޖެ ގެންނަ ނަމަ މަޖިލީހުގެ ރުހުން ހޯދަން ޖެހޭގޮތަށް ކަމަށެވެ. އެ މައްސަލަ އަދި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާ މަރުހަލާއަށް އަދި ނުދާ ކަމަށާއި، އެކަމުގައި ސަރުކާރުގެ ވިސްނުން ހުރި ގޮތަށް ވާހަކަ ދެއްކުމަކީ އޮންނަން ޖެހޭނެ ކަމެއްކަމަށް ވެސް ޑރ.ޝަހީދު ވިދާޅުވި އެވެ.


ކިއުބާގައި ހުންނަ އެމެރިކާގެ އަސްކަރީ ޖަލު، ގިޓްމޯބޭގެ ގައިދީއަކު ރާއްޖެ ގެންނާނެ ކަމަށް ދޭހަވާ ގޮތަށް ޑރ. ޝަހީދު އޯއައިސީގެ ބައްދަލުވުމުގައި، ދެއްކެވި ވާހަކަފުޅާ ހަވާލާދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއަށް އައުމަށް ދައުވަތު ދެނީ، އެ ޖަލުގައި ހުރި ހަމައެކަނި ފަލަސްތީނަށް ނިސްބަތްވާ މީހާއަށްކަމަށެވެ.


ޑރ.ޝަހީދުގެ މި ވާހަކަފުޅަށް ރައްދު ދެއްވައި، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީގެ ނައިބު މުގައްރިރު އަލީ ވަހީދު މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ، ގްއަންޓަނާމޯބޭގެ ޖަލުގައި ހުރި ކުށްވެރިއަކަށް މަޖިލީހުގެ ރުހުން ހޯދައިދޭން މަސައްކަތްޕުޅު ކުރެއްވުމަށްވުރެ ބޮޑަށް ޑރ. ޝަހީދަށް ރަނގަޅުވާނީ އެމަނިކުފާނާ މެދު މަޖިލީހުގެ ރުހުން އޮތްތޯ ބެއްލެވިއްޔާ ކަމަށާއި އަދި ރުހުން ލިބޭތޯ ގަދައަޅައި މަސައްކަތް ކުރެއްވިއްޔާ ކަމަށެވެ.