ޕާކިސްތނުގެ ބޮޑުވަޒީރު ރާޖާ ޕަރްވޭޒް އަޝްރަފުގެ މައްޗަށް ކުރެވުނު ޚިޔާނާތުގެ މައްސަލަތައް ތަހްގީގު ކުރި އޮފިސަރަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯގައި (އެންއޭބީ) މަސައްކަތް ކުރާ ކަމްރާން ފައިސަލްގެ މަރުވެފައިވާ ހަށިގަނޑު ފެނިފައިވަނީ ސަރުކާރުން އޭނާ ދިރިއުޅެން އިސްލާމްއާބާދުގައި ދީފައިވާ އިމާރާތުގެ ކޮޓަރިއެއްގެ ސީލިންގް ފަންކާގައި ދަންޖެހިފައި ވަނިކޮށް ކަމަށް ސީނިއާ ޕޮލިސް އޮފިސަރު ބިން ޔާމީންއާ ހަވާލާދީ މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

ޕޮލިހުން ބުނެފައިވަނީ އޭނާ މަރުވެފައިވަނީ އަމިއްލައަށް ދަންޖެހިގެން ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެން ނަމަވެސް ފައިސަލްގެ ބޮޑުބޭބެއަކާ ހަވާލާދީ މީޑިޔާ ރިޕޯޓުތައް ބުނާގޮތުން އޭނާގެ ހަށިގަނޑަށް ދީފައިވާ ބޮޑެތި އަނިޔާތަކެއްގެ ނިޝާންތަކެއް ފެންނަން ހުށްޓެވެ.

އެންއޭބީގެ ޗެއާމަން ފަސީހް ބުޚާރީ ވަނީ، ޕަވަރ ޖެނެރޭޝަން ޕްރޮޖެކްޓް ބިޑްކުރުމުގައި ރިޝްވަތުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބޮޑުވަޒީރުގެ މައްޗަށް ތުހުމަތު ކުރެވޭ ޚިޔާނާތުގެ އެ މައްސަލަ ތަހުގީގު ކުރުމުގައި މަސައްކަތްކުރި ކަމްރާން ފައިސަލް އާއި އަދި އެހެން އިންވެސްޓީގޭޓިން އޮފިސަރަކު މީގެ ހަފުތާތަކެއް ކުރިން މަގާމުން ދުރު ކުރުކޮށްފަ އެވެ. އަދި ޕާކިސްތާނުގެ ސްޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު އެގައުމުގެ ބޮޑުވަޒީރާއި އިތުރު 15 މީހަކު ހައްޔަރުކުރުމަށް ނެރުނު އަމުރުގައި ބޭނުންވާ މިންވަރަށް ހެކި ހުށަހަޅައިފައި ނެތްކަމަށް ބުނެ ފަސީހް ބުޚާރީ ވަނީ އެ އަމުރު ގަބޫލު ކުރުމަށް އިންކާރު ކޮށްފަ އެވެ.

ސައުވީސް ގަޑިއިރު ތެރޭގައި ބޮޑުވަޒީރު ހައްޔަރުކުރުމަށް ސްޕްރީމް ކޯޓުން ނެރުނު އަމުރަށް މިހާރު 72 ގަޑީއިރު ވެފައިވީ ނަމަވެސް ސްޕްރީމް ކޯޓުގެ އަމުރާ އެއް ގޮތަށް އެންޓި ކޮރަޕްޝަނާ ބެހޭ އިދާރާ އިން އެކަން ތަންފީޒު ކޮށްފައެއްނުވެ އެވެ.

ސްޕްރީމް ކޯޓުގެ އަމުރާ އެއް ގޮތަށް އެންޓި ކޮރަޕްޝަނާ ބެހޭ އިދާރާ އިން ބޮޑުވަޒީރު ހައްޔަރުކޮށްގެން އެކޯޓަށް ހާޒިރު ކުރި ނަމަވެސް ބޮޑުވަޒީރަށް މަޤާމް ގެއްލިވަޑައިގަތުމުގެ އެއްވެސް ބިރެއްނެތް ކަމަށް ޕާކިސްތާނުގެ ޤާނޫނީ ތަޖްރިބާކާރުން ދެކެއެވެ.