19 Jan 2013, 14:38
ފެބްރުއަރީ ހަތް ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވީ ފުރާނަފުޅަށް ނުރައްކާވެ، މަޖުބޫރީ ހާލަތެއް ކުރިމަތިވެވަޑައިގެން ނޫން ކަމަށް ނަޝީދު ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ވިދާޅުވެއްޖެ އެވެ.
ކޯނީގެ ރިޕޯޓް ދިރާސާ ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ތޮލްހަތު ވިދާޅުވީ ސިފައިންގެ މައި މަރުކަޒުގައި ރައީސް ނަޝީދު ހުންނަވަނިކޮށް އެމަނިކުފާނުގެ ފުރާނަ ފުޅަށް އެއްވެސް މީހަކަށް ނުރައްކަލެއް ކުރިމަތި ކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ރައީސް ނަޝީދު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ފަދަ ހާލަތަކަށް އެ ދުވަހުގެ ކަންތައްތައް ނުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ސިފައިގެ ތެރޭގައި ރައީސް ނަޝީދު ހުއްޓާ ރައީސް ނަޝީދުގެ ފުރާނަ ފުޅަށް އެއް ވެސް މީހަކަށް ނުރައްކާ ކުރެވިދާނެ ކަމަކަށް. ފެށުނީއްސުރެން ނިމެންދެން ރައީސް ނަޝީދު ހުންނެވީ ސިފައިންގެ ޕްރޮޓެކްޝަނާއި އެކީގައި. އަދި ރައީސް އޮފީހަށް ވަޑައިގެންނެވި އިރު ވެސް ރައީސް އީސްތިއުފާ ދެއްވަން ޓައިމްލައިންތަކެއް ދިން. އެކަމަކުއޭގެ މާނައަކީ ބަޔަކު މީހުން ޓައިމްލައިންތަަކެއް ދިނޭ ކިޔާފައި އިސްތިއުފާ ދޭންޖެހޭނެ އެކޭ ނޫން. އިސްތިއުފާ ދޭކަށް ނުޖެހޭ. އެދުވަހު އިސްތިއުފާ ދޭން ޖެހޭ ހާލަތަކަށް ކަންތައްތައް ނުދޭ." ތޮލްހަތް ވިދާޅުވި އެވެ.
ތޮލްހަތު ވިދާޅުވީ އެ ދުވަހުގެ ހާލަތު ގޯސް ވެގެން ދިޔައީ ނަޝީދު އަމަލުތައް ބެހެއްޓެވި ގޮތުގެ ސަބަބުން ކަމަށާއި ކޮމާންޑު ކުރުމުގެ އުސޫލުތަކާ ޚިލާފަށް އާދައިގެ ސިފައިންގެ އޮފިސަރުންނަށް އެމަނިކުފާނު ކޮމާންޑް ކުރެއްވުމުން ތަނުގެ ކޮމާންޑިން ކޮންޓްރޯލް ގެއްލިގެން ދިޔަކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގަ ސިފައިންގެ ތެރެއިން ވަކި ކުދިން ތަކެއް ނިކުތުން އެއީ މުޅިން އެހެން ކަމެއް. ސިފައިން ތިބީ ދިވެހި ގައުމުގެ ހިމާޔަތުގައި. ދިވެހި ދައުލަތުގެ ހިމާޔަތުގައި. ދިވެހި ރައްޔިތުންގެ ހިމާޔަތުގައި ތިބީ. އެކަމަކު އެދުވަހު ކަންތައްތައް ދިމާވި ގޮތުން ރައީސް އިސްތިއުފާ ދެއްވެވީ. އެއީ އަސްލު މީގައި އެއްޗަކީ. ރައީސް އިސްތިއުފާ ދެއްވެވީމާ މިގޮތަށް މި ކަންތައް ދިމާވީ. އެހެން ނޫންނަމަކަ މިގޮތަކަށް ކަންތައްތައް ދިމައެއް ނުވާނެ. އަޅުގަނޑު އަދިވެސް ގަބޫލު ކުރަނީ އިސްތިއުފާ ދެއްވަން ނުޖެހޭ ކަމަށް. އެގޮތަށް ހިފެހެއްޓެވި ނަމަ ހިފެހެއްޓޭނެ. ރައީސް ނުޖެހޭ މަޝްވަރާ ކުރާކަށް ސިފައިންގެ އާދައިގެ ކުދިންނަކާ ތިމަންނާ ހަދަންވީ ކިހިނެއްހޭ އިސްތިއުފާ ދޭންވީހޭ. އެ ވިދާޅުވި ހިސާބުން މުޅި އެތި ޓާންވީ އޭގެ ކުރިއަކުން ޓާން އެއް ނުވޭ." ތޮލްހަތު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ރިޓެޔާޑް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލު ޔުނިފޯމް ނާޅުއްވައި ކުލަ ހެދުމުގައި ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެކަމުން އެނގިގެން ދިޔައީ އެދުވަހު ދިމާވި ކަންތައްތަކުން އެ ބޭފުޅާ ބަރީއަވާން މަސައްކަތް ކުރެއްވި ކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބޭފުޅުންގެ އަމަލުތަކުގެ ސަބަބުން ސިފައިންގޭގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އައިސް އޭގެ ނޭދެވޭ އަސަރު އެހެން އޮފިސަރުންނަށް ވެސް ކޮށްފައިވާ ކަމަށާއި މޫސާ އަލީ ޖަލީލު ޔުނިފޯމްގައި ހުންނެވި ނަމަ ސިފައިންނަށް އިތުރު ހިއްވަރު ލިބި އޭގެ ރަނގަޅު ނަތީޖާ ފެނިގެން ދިޔައީސް ކަމަށެވެ. އަދި އެދުވަހު ދިމާވި އެއްވެސް ކަމެއް ހައްލު ކުރުމަށް މޫސާ އަލީ ޖަލީލު މަސައްކަތް ކޮށްފައި ނުވާކަމަށް ވެސް ތޮލްހަތު ވިދާޅުވި އެވެ.
ގިނަ ސިޔާސީ ބޭފުޅުންނަށް ގުޅުއްވުމަށް ރައީސް ނަޝީދު އޭނާގެ އަރިހު އެދިވަޑައިގަތްކަމަށާއި އުމަރު ނަސީރާއި މިހާރުގެ ޑިފެންސް މިނިސްޓަރު ނާޒިމާއި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީންގެ އިތުރުން އެހެނިހެން ސިޔާސީ ބޭފުޅުންނަށް އޭނާ ގުޅުއްވީ ނަޝީދުގެ އެެދިވަޑައިގަތުމަށް ކަމަށް ތޮލްހަތު ވިދާޅުވި އެވެ. އަދި ސިޔާސީ ބޭފުޅުންނަށް ގުޅުއްވުމަށް ނަޝީދު އެދިވަޑައިގަތީ އެދުވަހުގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.