19 Jan 2013, 14:31
ހަށި ހެޔޮކަމުގެ އިންތިހާނެއް ކުރުމުގެ ގޮތުން ފުލުހުން މިއަދު ބޭއްވި ފިޓްނަސްޓެސްޓުން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިއާޒް ރަން މެޑެލް ހޯދައިފި އެވެ.
މިއީ ކޮންމެ އަހަރަކު އެއް ފަހަރު ފުލުހުންގެ ފިޒިކަލް ޓެސްޓް ބެލުމަށް ބާއްވަމުން އަންނަ ޓެސްޓެކެވެ.
މިއަދު ހެދުނު ބޮޑުތަކުރުފާނު މަގުން ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ބޭއްވި މި ޓެސްޓުގައި ފުލުހުންގެ އިދާރާގެ އިސްވެރިންގެ އިތުރުން ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ބައިވެރިވެ ވަޑައިގަތެވެ.
ފުލުހުންގެ އިދާރާ އިން ބުނީ، މިއަދު ބޭއްވި ޓެސްޓުގައި އެންމެ ބޮޑު އެއް މަގްސަދަކީ ފުލުހުންނަކީ އެކަށީގެންވާ ދުޅަހެޔޮ ސިއްހަތެއްގައި ތިބެ، ފުލުހުންގެ ޤާނޫނީ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލްކަން އަށަގެނެވޭ ވަރުގެ ބަޔަކަށް ހެދުމާއި ފުލުހުންނަކީ އަދާކުރަން ޖެހޭ ވަޒީފާގެ ބާވަތުން ދިމާވެދާނެ ކޮންމެ ފަދަ ހަރަކާތަކަށް ވެސް އަބަދު ވެސް ތައްޔާރަށް ތިބެން ޖެހޭ ބަޔަކަށް ވުމާ އެކު، މިފަދަ ކޮންމެ ހާލަތެއްގައި ވެސް ކެރިގެން ހުޝިޔާރު ކަމާއި ހިތްވަރާއި ނަތީޖާ ހާސިލް ކުރުމުގެ އަޒުމާ އެކު އެކަމަކާ ކުރިމަތިލާ ބަޔަކަށް ހެދުމަށް ހިންގި ހަރަކާތެއް ކަމަށެވެ.
ފުލުހުންގެ ހަށިހެޔޮ ކަމުގެ އިމްތިހާނުގައި 1.5 ކިލޯ މީޓަރު ދުވުމާއި ޕުސަޕްސް އަދި ސިޓަޕްސް އެމީހެއްގެ އުމުރު ފުރާއަށް ކަނޑައަޅާފައިވާ ވަގުތެއްގައި ކަނޑައަޅާފައިވާ އަދަދަކަށް ހަދަންޖެހެ އެވެ.