19 Jan 2013, 14:25
ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް މަގުތަކުގައި ބަހައްޓާފައި ހުރި ބާ އުޅަނދުތައް ނަގައި މަގުމަތި ސާފުކުރުމުގެ މަސައްކަތް ފުލުހުންނާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން ކުރަންފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ މާލޭގެ މަގުތަކަކީ ސާފު މަގުތަކަށް ހެދުމަށް ފުލުހުންނާއި ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މިއަދު ހެނދުނު 8:00ގައި ފެށި މަސައްކަތުގައި މަގުތަކުގައި ގަވާއިދާ ޚިލާފަށް ބޭނުންނުކޮށް ބަހައްޓާފައި ހުންނަ އުޅަނދުތައް ނަގަމުންގެންދާ ކަމަށެވެ.
މިދިޔަ އަހަރުން ފެށިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުން މިއަދު ނުވަ ކާރާއި ތިން ވޭނާއި ތިން ޕިކަޕެއްގެ އިތުރުން ދެ އިންޖީނެއްގެ ސާމާނުތައް ނަގައި ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ހުރި އެއްޗެހި ތަކެކެވެ.
އެ މަސައްކަތް މި އަހަރުގެ އެކި ދުވަސްތަކުގައި ފުލުހުންނާއި ސިޓީ ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.