19 Jan 2013, 14:20
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެމްޕޭންގައި ބޭނުން ކުރައްވާ ސްލޯގަން "ތަރައްގީ ގައިމު" ރޭ ޓުވީޓަކުން އިއުލާންކޮށްފި އެވެ.
ގާސިމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ 'އަޅުގަނޑު 2013 ވަނަ އަހަރުގެ ކެމްޕޭން ސްލޯގަންއަކީ "ތަރައްގީ ގައިމު"، ކަމަށެވެ.
ރިޔާސީ ކެމްޕޭނުގައި ގާސިމް ބޭނުން ކުރައްވާ އެ ސްލޯގަން އިއުލާން ކުރެއްވީ އެ ޕާޓީގެ ރިޔާސީ ކެމްޕޭން އޮނިގަނޑާއި މެނިފެސްޓޯ އެކުލަވާލުމަށް ރޭ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ބައްދަލުވުމެއްގައި އިންނަވައިގެން ކުރެއްވި ޓުވީޓެއްގައި ސްލޯގަން އިއުލާން ކުރެއްވި ނަމަވެސް އެކަމާ ބެހޭ މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. ޖުމްހޫރީ ޕާޓީން ބުނީ، ރަސްމީކޮށް އެ ސްލޯގަން ލޯންޗު ކުރުމަށް ހަމަޖެހިފައި ވަނީ އެކަމަށް ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ.
ޖުމްހޫރީޕާޓީން ބުނީ އެ ސްލޯގަން އަކީ ގާސިމް ރަމްޒުކޮށްދޭ ސްލޯގަންއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ. ސަބަބަކީ ގާސިމްގެ ބުރަ މަސައްކަތާއި ދުރުވިސްނުން ބޭނުން ކުރައްވައިގެން އަމިއްލަ ވިޔަފާރި ތަރައްގީކޮށް، އަދި ރާއްޖޭގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް ވެސް ބޮޑު ހޭދައެއް ކުރައްވާފައި ވާތީ ކަމަށެވެ.