ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީގެ ހޯދުންތަކާ މެދު ވިސްނައި އެ ރިޕޯޓާ މެދު ދެކޭ ގޮތް ބަދަލުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އެމްޑީޕީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދު މިހެން ވިދާޅުވީ ކޮނީގެ ރިޕޯޓް ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުވަޑައިގެންނެވި ފުލުހުންނާއި ސިފައިންގެ ކުރީގެ އިސް ބައެއް ބޭފުޅުން ދެއްވާފައިވާ މައުލޫމާތުތަކާ ބެހޭ އޯޑިއޯ ރެކޯޑިންތަކެއް އެ ކޮމެޓީން އާންމުކުރުމާ ގުޅިގެން ކަމަށެވެ.

"ފުލުހުންނާއި ސިފައިންގެ ފަރާތުން ދީފައިވާ ބަޔާންތަކަށް ރިޔާއަތްކޮށް ކޯނީގެ ހޯދުންތަކާ މެދު ދެކޭ ގޮތް ބަދަލުކުރުމަށް އަޅުގަނޑު ހުރިހާ ފަރާތްތަކަށް ގޮވާލަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޯނީގެ ރިޕޯޓް ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުވެވަޑައިގެންނެވި ސިފައިންނާއި ފުލުހުންގެ ކުރީގެ އިސް ބައެއް ބޭފުޅުންނާ ހަވާލާދީ އެމްޑީޕީގެ ބުނެފައި ވަނީ އެ ރިޕޯޓް އެކުލަވާލާފައި ވަނީ އެ ރިޕޯޓްގައި ހިމަނަން ޖެހޭ މުހިންމު ބައިތަކެއް ނުހިމަނާ ކަމަށެވެ.

ކޯނީގެ ރިޕޯޓް ދިރާސާ ކުރާ ކޮމިޓީ އަށް ހާޒިރުވެ މައުލޫމާތު ދެއްވި ބައެއް ބޭފުޅުންގެ ތެރޭގައި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ ޖަލީލާއި ސިފައިންގެ އިންޓެލިޖެންްސްގެ ވެރިޔާ ބްރިގޭޑިއާ އަހުމަދު ނިލާމް އަދި ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ހިމެނި ވަޑައިގެންނަވަ އެވެ.

ނަޝީދު އިސްތިއުފާ ދެއްވާފައި ވަނީ މަޖުބޫރީ ހާލަތެއް މެދުވެރިވެގެން ކަމަށާއި ބަޣާވާތެއް ކުރުމަށް ފުލުހުންނާއި ސިފައިން އެހީތެރިވެދީފައިވާ ކަމަށް ވެސް އެމްޑީޕީގެ އެ ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް ބޭރުގެ ފަރާތްތަކުގެ އެހީއާ އެކު ކޯނީން ކުރި ދިރާސާގައި، އެކި ބޭފުޅުން ދެއްކެވި ވާހަކަފުޅުތައް ވޭރިފައި ކުރުމަށް ފަހު، ކޯނީން ބުނެފައި ވަނީ ނަޝީދު އިސްތިއުފާ ދެއްވީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ކަމަށެވެ.