19 Jan 2013, 13:45
ގާނޫނީ ވަކީލު އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވުމުން މެރުމަށް ހުކުމް ކޮށްފައިވާ މ. މަސްރޫރާ އަހުމަދު މުއްރަތާއި ށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާ އިސްތިއުނާފަށް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިގެންފި އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މައްސަލަ ބަލައިގަތުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިހާރު ވަނީ ނިންމައިފަ އެވެ. އަދި އިސްތިއުނާފަށް ހުށަހަޅަން އޮންނަ މުއްދަތު ހަމަވި ފަހުން މުއްރަތުގެ މައްސަލަ ހުށަހެޅި ނަމަވެސް އެ މައްސަލަ ބަލައިގަތުމަށް ހައިކޯޓުން ނިންމާފައި ވަނީ އެ ކޯޓުގެ ގަވާއިދުގެ ދަށުން ކަން ސަން އަށް ވަނީ ކަށަވަރުވެފަ އެވެ.
މުއްރަތުގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅަން އޮންނަ 90 ދުވަހުގެ މުއްދަތު ހަމަވެފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީ ކޮޅު އެވެ. ނަމަވެސް އޭނާ ހައިކޯޓަށް މައްސަލަ ހުށަހެޅީ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ.
ކްރިމިނަލް ކޯޓުން އެ ދެ މީހުންގެ މައްޗަށް ކުރި ހުކުމްގައި ބުނެފައި ވަނީ މަސްރޫރާ ގޭގައި ހަނާ އާއި މުއްރަތު ދިރިއުޅޭ ކޮޓަރިއަށް ޖޫން 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ނަޖީބު ވެއްދުމަށް ފަހު އެ ކޮޓަރީގެ ގޮނޑިއެއްގައި ނަޖީބު ބޭންދުމަށް ފަހު ނަޖީބުގެ ދެ މޯބައިލް ފޯނު އަތުލައި އޭނާގެ ވޮލެޓުގައި ހުރި ފައިސާ އާއި ކޭޝްކާޑް ނަގައި އޭގެ ޕިން ނަންބަރު ނަޖީބުގެ އަތުން އެ ދެ މީހުން ހޯދާފައިވާ ކަމަށެވެ.
އަދި އޭގެ ފަހުން ނަޖީބުގެ އަނގަޔަށް ފޮތިގަނޑެއް ލައި އޭނާ އަށް އެއްވެސް ތަނެއް ނުފެންނާނެ ހެން މުޅި މޫނުމަތީގައި ޓޭޕްއަޅައި ކޮޓަރީގައި ނަޖީބު ބޭންދުމަށް ފަހު އޭނާގެ ކޭޝްކާޑް ބޭނުންކޮށްގެން ފައިސާ ނެގުމަށް ފަހު އެފައިސާއަށް މުއްރަތު މަސްތުވާތަކެތި ގަނެފައިވާ ކަމަށް ވެސް ހުކުމްގައިވެ އެވެ.
މަސްތުވާތަކެތި ގަނެގެން އެނބުރި އެގެއަށް ގޮސް ބަނގުރަލާއި ހިކި މަސްތުވާތަކެތި ބޭނުންކުރުމަށް ފަހު އެ ކޮޓަރިތެރޭގައި އިން ގޮނޑިއެއްގައި ނަޖީބު ބޭންދުމަށް ފަހު އޭނާގެ މޫނުމަތީގައި އެ ދެ މީހުން ޓޭޕްއަޅުމަށް ފަހު ނަޖީބުގެ ކަރަށް ވަޅިހަރައި މަރާލިކަން މުއްރަތާއި ހަނާގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައިވެ އެވެ.