ހުކުރު ދުވަހު ބަހުރެއިންގައި ކުޅުނު ފޯރިގަދަ ފައިނަލުމެޗުގައި ދޭއް އެކަކުން އިރާގު ބަލިކުރުމަށް ފަހު ގަލްފު ސަރަހައްދުގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ގަލްފު ކަޕުގެ މިއަހަރުގެ ޗެމްޕިއަންކަން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ހޯދައިފި އެވެ.

އެކާވީސް ވަނަ ގަލްފު ކަޕްގެ ފައިނަލު މެޗުގެ ފުރަތަމަ ހާފުގައި ޔޫއޭއީ އަށް މެޗުގެ ކުރި ހޯދައި ދިނީ 28 ވަނަ މިނިޓުގައި ޢުމަރު ޢަބްދުއްރަޙްމާން އެވެ. އެހެން ނަމަވެސް މެޗުގެ 81 ވަނަ މިނިޓުގައި އިރާގުގެ ކެޕްޓަން ޔޫނީސް މަޙްމޫދު ޚަލަފް ކާމިޔާބު ކުރި ލަނޑުން އިރާގު ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާ ހަމަހަމަކޮށްފަ އެވެ.

އެތައްހާސް ބަޔަކު ކުޅިބަލަން ވަދެތިބި ފައިންލް މެޗުގެ ނަތީޖާ ނެރުމަށްޓަކައި ކުޅުނު 15 މިނިޓުގެ އިތުރު ދެހާފުގައި ޔޫއޭއީ މޮޅުވި ލަނޑު 107 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެޓީމަށް ކުޅެން އެރި އިސްމާޢީލް އަލް ޙައްމާދީ އެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ކުރިން ޔޫއޭއީގެ ރައީސް ޝެއިޚް ޚަލީފާ އަލް މުތެއިވީ ވަނީ ޔޫއޭއީ ޓީމަށް ސަޕޯޓުކުރުމަށް ޓަކައި ފްލައިޓްތަކެއް ޗާޓަރުކޮށްގެ އެގައުމުގެ ރައްޔިތުން ހިލޭ ބަހުރެއިން އަށް ގެންގޮސްދީފަ އެވެ.

މިއީ ޔޫއޭއީ އަށް އެގަލްފު ކަޕް ކާމިޔާބު ކުރެވުނު ދެވަނަ ފަހަރެވެ. ނަވާރަސަތޭކަ ހަތް ދިހަ ވަނަ އަހަރު އެ މުބާރާތް ބާއްވަން ފެށިފަހުން މި ފަހަރުގެ ރަނަރަޕް އިރާގު ވަނީ ތިންފަހަރެއްގެ މަތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ކުރިން 10 ފަހަރު ގަލްފު ކަޕް ކާމިޔާބު ކޮށްފައިވާ މުބާރާތުގެ އެންމެ ކާމިޔާބު އަދި މުބާރަތިގެ އެންމެ ފަހުގެ ޗެމްޕިއަން ކުވައިތު ޓީމަށް ގަލްފު ކަޕުގެ ސެމީފައިނަލުން ޔުނައިޓެޑް އެރެބް އެމިރޭޓްސް އަތުން ބަލިވުމަށް ފަހު ލިބުނު ހިތާމަ ހަނދާން ނައްތާލުމަށް ފަހު ވަނީ މުބާރަތުގެ ތިންވަނަ ހޮވި މެޗުގައި މުބާރާތް ބާއްވާ ބަހުރެއިން އަތުން ހަލަނޑު އެއްލަނޑުގެ ބޮޑު ތަފާތަކުން މޮޅުވެފަ އެވެ. އެއީ ގަލްފު ކަޕުގެ ތާރީހުގައި ވެސް ނެރުނު އެންމެ ތަފާތުބޮޑު ނަތީޖާ އެވެ.

ގަލްފު ކަޕްގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި ދެ މިލިޔަން ރިޔާލް (8.2 މިލިޔަން ރުފިޔާ) ހުށަހަޅާފައި ވާއިރު ދެ ވަނަ ޓީމަށް 1.5 މިލިޔަން ރިޔާލް (6.17 މިލިޔަން ރުފިޔާ) ހުށަހަޅާފައިވެ އެވެ. އަދި ތިން ވަނަ ޓީމަށް ފަސް ލައްކަ ރިޔާލު (2.05 މިލިޔަން ރުފިޔާ) ދޭއިރު ހަތަރުވަނަ އަށްދާ ޓީމަށް 250 ހާސް ރިޔާލު (1.03 މިލިޔަން ރުފިޔާ) ލިބޭނެ އެވެ.