ހުޅުމާލޭގެ ގައި ރޭސް ޖެހުމުގެ ހުއްދަ ސަރުކާރުން ދީފައި ވަނިކޮށް ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެ ރަށުގައި ރޭސްޖެހިޔަ ނުދީ ހިފަހައްޓާފައިވާ ކަމަށް ބުނެ ރޭސް ޖަހާ ޒުވާނުން އެމީހުންގެ ކާރުތަކާއި ރޭސް ސައިކަލްތަކުގައި ގޮސް ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް ކުރިމަތީގައި މުޒާހަރާ ކޮށްފި އެވެ.


މިއަދު އިރު އޮއްސުނު ވަގުތު ރައީސް އޮފީސް ކުރިމަތީގައި ފެށި މުޒާހަރާގައި ގާތްގަނޑަކަށް 150 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވެ ތަފާތު ބޯޑުތަކާއި ކަރުދާސްތަކުން އެ މީހުންގެ ޝުއޫރު ފާޅު ކުރި އިރު އަޑު ގަދަކުރާގެ އެހީގައި، ރޭސް ޖެހުމުގެ ހުއްދަ ހޯދަން އެދި ގޮވައި، ސަރުކާރުގެ ވެރިޔަކު އެ މީހުންނަށް ޖަވާބު ދެއްވުމަށް އެދުނެވެ.


މި އެންމެން އެއްވެ މުޒާހަރާ ކުރިއިރު މާލެއާއި ހުޅުމާލޭގައި ރޭސް ޖެހުމުގައި އާންމުކޮށް ދުއްވަމުން އަންނަ 15 ވަރަކަށް ރޭސް ކާރާއި 10 ވަރަކަށް ސައިކަލް ވެސް ރައީސް އޮފީސް ކުރިމަތީގައި ޕާކްކޮށްފައި އޮތެވެ.


މުޒާހަރާގެ ބައިވެރިން މައިގަނޑު ގޮތެއްގައި އަޑު ހަރުކޮށް ގޮވާފައި ވަނީ ހުޅުމާލޭގައި ރޭސް ޖެހުމަށް މާލޭ މުނިސިޕަލްޓީ އާއި ޓްރާންސްޕޯޓް އޮތޯރިޓީ އާއި ފުލުހުން ވެސް ހުއްދަ ދީފައިވާ ކަމަށާއި ނަމަވެސް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މަހްޖޫބު ސުޖާ ހުޅުމާލޭގައި ރޭސް ޖެހުމުގެ ހުއްދަ ނުދީ ހިފަހައްޓަނީ ނުފޫޒެއްގެ ދަށުގައިވެ ހުންނަވައިގެން ކަމަށެވެ.


ސުޖާއަކީ ހުޅުމާލޭގެ "ރަސްގެފާނު" ކަމަށާއި އޭނާ ބޭނުން ގޮތެއް އެ ރަށަށް ހަދަމުންދާ ކަމަށް ބުނެ ބައެއް ވަގުތުތަކުގައި ހުތުރު ބަސްތައް ވެސް މުޒާހަރާގެ ބައިވެރިން ގޮވައި ހެދި އެވެ. އަދި ސަރުކާރުގެ ވެރިޔަކު އެމީހުންގެ ގާތަށް ވަޑައިގެން ރޭސް ޖެހުމުގެ މައްސަލަ ހައްލު ކޮށްދެއްވުމަށް ނުވަތަ އެކަމުގައި ޖަވާބުދާރީ ވުމުން ނޫނީ އެ ސަރަހައްދު ދޫކޮށްފައި ނުދާނެ ކަމަށް ވެސް ތަކުރާރުކޮށް ގޮވާފައިވެއެވެ.


މުޒާހަރާގެ ބައިވެރިންގެ ކާރުތަކުގަ އާއި އެމީހުން އަތުގައި ހުރި ބޯޑުތަކުގައިވާ ޝުއޫރުތަކުގެ ތެރޭގައި ހުރީ "ރޭސް ޖެހުމަކީ ވެސް ކުޅިވަރެއް" ކަމަށާއި "ބައިބަލާ ކުޅެވެންޏާ ރޭސް ޖެހެން ޖެހޭނެ" ކަމަށާއި "އެހެން ކުޅިވަރުތަކަށް އޮންނަ ފުރުސަތެއް ރޭސް ޖެހުމަށް ވެސް ލިބެންޖެހޭނެ"  ފަދަ ޝުއޫރުތަކެވެ.


ރޭސް ޖަހަން ހުއްދައެއް ނުލިބިގެން ހިތްހަމަ ނުޖެހިފައި ތިބުމުގެ އިތުރުން އާ ގަވައިދާ އެއް ގޮތަށް އެއްގަމު އުޅަނދުތަކުގެ ނަންބަރު ބޯޑު ބަދަލު ކުރާތީ ވެސް މި މުޒާހަރާގެ ތެރޭގައި ހިތްހަމަ ނުޖެހުން ފާޅު ކުރި އެވެ.


"އަހަރުމެން ނުކުމެ މިތިބީ ދެ ކަމެއްގައި އެއީ ރޭސް ޖެހުމަށް ދީފައިވާ ހުއްދައިގެ ދަށުން ހުޅުމާލޭގައި ރޭސް ޖަހަން ހުރަސް އެޅުމާ އަހަރެމެންގެ ގަނެފައިވާ ޑޮމެއިންތައް ބަދަލު ކުރަން އުޅުން. އަހަރުމެން މިތިބީ ރުޅި އައިސްގެން، ސިޔާސީ ވެގެނެއް ނޫން. އަހަރެމެން މިތިބީ ސުލްހަވެރި ކަމުގައި ނުކުމެ. އަހަރެމެން މި އެދެނީ ސަރުކާރުގެ ވެރިޔަކު ވަޑައިގެން އަހަރެމެނާ ވާހަކަ ދެއްކުމަށް،" މުޒާހަރާގެ ބައިވެރިޔަކު ބުންޏެވެ.


ކާރުތަކާއި ސައިކަލްތައް ބާއްވައިގެން މުޒާހަރާ ކުރަމުންދިޔައިރު ފުލުހުން މަގު ބަންދުކޮށް ރައީސް އޮފީސް ކުރިމަތީގައި ސްޓާފޯސް ސިފައިން ތިބީ ސަފަކަށް އެތުރިގެނެވެ. ބައެއް ފަހަރަށް މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައެއް މީހުންގެ ސަބަބުން އެ ސަރަހައްދުން ހިނގާ ޓޫރިސްޓުންނަށް އުނދަގޫވާތީ ފުލުހުން ނަސޭހަތް ވެސް ދިނެވެ.


މުޒާހަރާ ހިނގަމުން ދިޔައިރު ފުލުހުން މަގު ބަންދުކޮށްފައި ވަނިކޮށް އިތުރު ރޭސް ކާރެއް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ރައީސް އޮފީސް ކުރިމައްޗަށް ގެނެސްފަ އެވެ. ކާރު ވެއްދީ ފުލުހުން ހުރަސް އަޅަމުން ދަނިކޮށް ފުލުހުގެ ސަފުތައް ރޫޅައިލައިގެނެވެ. ކާރު ވެއްދި އިރު މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުންނާ ދިމާއަށް ވެސް ބައެއް ފަހަރު އެއްޗެހި ގޮވައި ކާރު ވެއްދީ ފުލުހުން ހުއްދަ ދީގެން ކަމަށާއި އިތުރަށް ހުރަސް އަޅާނަމަ ގޯސްވެދާނެ ކަމުގެ އިންޒާތުތައް ވެސް ދިނެވެ.


އޭގެ ކުޑައިރުކޮޅެއް ފަހުން ދެ ތިން ފަހަރެއްގެ މަތިން މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ މަޝްވަރާތައް ކުރުމަށް ފަހު އެ އެއީ މަނާ ސަރަހައްދަކަށްވާތީ އެ ތަން ދޫކޮށް ޓްރެކް ސަހަރައްދުގައި މުޒާހަރާ ކުރަން ދިއުމަށް ނިންމި އެވެ. ނަމަވެސް ހިޔާލު ބަދަލުކޮށް ނުދާނެ ކަމަށް ބުނަމުން އަނެއްކާވެސް މުޒާހަރާ ފެށީ އެވެ.


މުޒާހަރާގެ ބައިވެރިން ޝުއޫރު ފާޅުކުރުން ހުއްޓާލައި ތޮށިގަނޑުމަތީގައި އިށީނީ އިޝާ ނަމާދުގެ ބަންގި ގޮވުމުންނެވެ. ބަންގިއަށް ފަހު ޝުއޫރު ފާޅުކޮށެއް ނުހަދައެވެ. ނަމަވެސް ލަވަޖަހައި ދުންމާރިފުމެ، އަޑުގަދަކޮށް ހަދާފައިވެ އެވެ. ރޭސް ޖެހުމުގެ ހުއްދަ ހޯދަން ނުކުތް މީހުން ރައީސް އޮފީސް ދޮށުން  ތެދުވެ، ކާރުތަކާއި ސައިކަލްތަކުގައި ނައްޓައިލީ އަށެއް ޖެހި ފަހުންނެވެ.


މުޒާހަރާގެ އިސް ބައިވެރިން ބުނީ ރޭސް ޖެހުމުގެ ހުއްދަ ލިބޭނެ ކަމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އިބްރާހީމް ރަޝީދު އެމީހުން ގާތުގައި ވިދާޅުވުމުން މުޒާހަރާ ނިންމައިލީ ކަމަށެވެ.


"ނުއެއް ހިފެހެއްޓޭނެ. ހުއްދަ ދޭން ޖެހޭނީ،" އެކަކު ސައިކަލުގައި ނައްޓާލަމުން ބުންޏެވެ.


އެ މީހުން ބުނީ ހުއްދަ ދިނީ މުބާރާތް ކުރިއަށް ގެންދަން ބޭނުންވާ ގޮތުގެ ޕްރޮޕޯސަލެއް ހުށަހަޅާ ގޮތަށް ނިމުމުން ކަމަށެވެ.


ސަންއެފްއެމް އޮންލައިނަށް އެނގިފައިވާ ގޮތުގައި އިބްރާހިމް ރަޝީދު މުޒާހަރާގެ އިސް ބައިވެރިންނާ ބައްދަލު ކުރީ މުލީއާގޭ ކައިރިންނެވެ.


ފުލުހުންގެ މިޑިޔާ އޮފިޝަލަކު މިރޭ ވިދާޅުވީ ހުޅުމާލޭގައި ރޭސް ޖަހަން ބޭނުންވެގެން އެދުމުން އެ ހުއްދަ ދިނުމާ ބެހޭ ގޮތުން ކަމާބަހޭ ފަރާތްތަކުން މަޝްވަރާ ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.


ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިވަގުތު އިންޑިޔާއަށް ވަޑައިގެން ހުންނެވި ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ ރޭސް ޖެހުމާމެދު ސަރުކާރުން ގެންގުޅެނީ ބައިބަލާ ކުޅުމާމެދު ވެސް ސަރުކާރުން ދިންފަދަ ފަހި ޖަވާބެއް ކަމަށާއި އެކަމާ ގުޅޭ ގޮތުން ޔޫތު މިނިސްޓަރު ހަސަން ލަތީފާ ވެސް މިހާރު ވާހަކަ ދައްކާފައިވާނެ ކަމަށެވެ.


"މިނިސްޓަރު ވިދާޅުވި އެކަމާ ގުޅުންހުރި ހުރިހާ އޮފީސްތަކާ ވާހަކަ ދައްކައިގެން އެކަން ކޮށްދެވޭތޯ އެބަ ބައްލަވަމޭ. އެހެންވީމާ ސަރުކާރުން އޮތީ މިކަމުގައި ފަހިކޮށް،" ޒުހައިރު ވިދާޅުވި އެވެ.