19 Jan 2013, 12:44
މީހާރު ކުރިއަށްދާ ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަމަށް ވޯޓަކާއި ނުލާ އަބްދުﷲ ޔާމިން ހޮވައިފި އެވެ.
މިހާރު ވެސް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ވަގުތީ ލީޑަރުކަން ކުރައްވާ އަދި މުލަކު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ޔާމީން އެ މަގާމަށް އެއްވެސް ވޯޓަކާއިނުލާ މިއަދު ހޮވުނީ އިތުރު ބޭފުޅަކު އެ މަގާމަށް ކުރިމަތި ލައްވާފައި ނުވާތީ އެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަމަށް ޔާމީން ހޮވި އިރު އިއްޔެ ވަނީ އެ ޕާޓީގެ ރައީސް ކަމަށް ޔާމީންގެ ބޭބެ މައުމޫން އަބްދުލްގައްޔޫމް ވެސް ވޯޓަކާއިނުލައި އޮޓަމެޓިކުން ހޮވިވަޑައިގެންފަ އެވެ.
އިއްޔެެ އިން ފެށިގެން މާދަމާގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށްދާ ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވައިގެން ބަލިވެ ވަޑައިގަތް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ މިއަދު ވޯޓަކާއިނުލާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރުކަމަށް ހޮވައިފަ އެވެ. އެމަގާމަށް ވެސް އަބްދުއްރަހީމް ފިޔަވައި އެހެން ބޭފުޅަކު ވާދަކުރައްވާފައެއް ނުވެ އެވެ.
ޕީޕީއެމްގެ ކޮންގެރެސް ނިމޭނީ މިރެ އެވެ. މި ރޭ އިންތިޚާބުތަކުގެ ރަސްމީ ނަތީޖާ އިއުލާނުކުރުން ވެސް އޮންނާނެ އެވެ.