ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަކީ ބޭވަފާތެރި ނާއިބު ރައީސެއް ކަމަށާއި އެމަނިކުފާނާ އެކު ރިޔާސީ އިންތިޚާބަށް ދާން އެއްވެސް ސިޔާސީ ލީޑަރަކު ބޭނުން ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ދ. ކުޑަހުވަދޫގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ބޭވަފާތެރި ނާއިބު ރައީސަކާ އެކީގައި ރިޔާސީ އިންތިޚާބަށް އައުމަށް ޕީޕީއެމްގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ކޮއްކޯފުޅު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ޑީއާރްޕީގެ ލީޑަރު އަޙްމަދު ތަސްމީން ޢަލީ ވެސް ބޭނުންވެވަޑައި ނުގަންނަވާނެކަން ޔަގީންވާ ކަމަށެވެ.

"ދަންނަވަންތޯ ބޭވަފާތެރި ނާއިބު ރައީސަކީ އެއްވެސް ސިޔާސީ ލީޑަރަކު ކުޑަކޮށް ވެސް އެކުގައި އުޅެން ބޭނުންވާނެ ކަހަލަ މީހެއް ނޫން. ރައީސް މައުމޫނެއް ވެސް ބޭނުންވެވަޑައެއް ނުގަންނަވާނެ ވަހީދު ފަދަ ބޭވަފާތެރި ނާއިބް ރައީސަކާ އެކީގައި އުޅެން މިއަދު. އަޅުގަނޑަށް ޔަގީން ޔާމީން ވެސް ބޭނުންވެވަޑައި ނުގަންނަވާނެކަން. އަޅުގަނޑަށް ޔަގީން ތަސްމީން ވެސް ބޭނުންވެ ވަޑައި ނުގަންނަވާނެ ކަން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ވަޙީދު ވެރިކަމުން ދުރުކުރުމަކީ އެމްޑީޕީއަށް ނުކުރެވޭނެ ވަރުގެ ކަމެއް ނޫންކަމަށާއި އަމިއްލަ ފުޅަށް އެކަން އެގިވަޑައިގެން ވެރިކަމުން އިސްތިއުފާ ނުދެއްވައިފިނަމަ އެމްޑީޕީން ދެން ޖެހޭނީ ރައީސް ވަޙީދު ވެރިކަމުން ދުރުކުރަން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މިސަރުކާރު ވުޖޫދަށް އައީ ބަޣާވާތަކުން ކަމަށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވާ ގެންދިޔުން ރޭ ވެސް ވަނީ ތަކުރާރު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ބަޣާވާތުގެ ހާލަތުގައި ތިބިހާ ހިނދަކު އެއްވެސް އިންތިޚާބަކަށް ނުދެވޭނެ ކަމަށާއި މިއީ ބަދަލު ކުރަން ޖެހިފައިވާ ވެރިކަމެއް ކަމަށެވެ.