19 Jan 2013, 12:27
ބަޑީގެ ނުރައްކާތެރި ހަމަލައަކާ ގުޅިގެން މަސްދުވަހު މަރާ ހަނގުރާމަ ކުރުމަށް ފަހު ކުވެއިތުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗް ގޯރާން ތުފެގްޒިޗް އެނބުރި އެޓީމުގެ ކޯޗުކަމަށް އަތުވެއްޖެ އެވެ.
އުމުރުން 41 އަހަރުގެ ކޯޗު މީގެ ފަސް މަސް ދުވަސް ކުރިން ޗުއްޓީއެއްގައި އޭނާގެ އަމިއްލަ ގައުމު ކަމަށްވާ ސާބިޔާގައި ހުއްޓައި ބިމަކާ މެދު އޭނާގެ އަވައްޓެރިޔަކާ ޖެހުނު މައްސަލައިގައި އުފެދުނު އަރައިރުމެއްގައި އެ އަވަށްޓެރިޔާ ތުފެގްޒިޗުގެ މެޔަށް ބަޑިޖެހުމުގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކުރެވު ބޮޑު އޮޕަރޭޝަނަކަށް ފަހު މަސް ދުވަސް ވާންދެން ކޯމާއެއްގައި (ހޭނާރައި) އޮތެވެ.
ބީބީސީގެ ވޯލްޑް ފުޓްބޯލް ޕްރޮގުރާމުގައި ވާހަކަ ދައްކަމުން ތުފެގްޒިޗް ބުނީ "އަހަރެން ވަނީ އެއްފަހަރު މަރުވެފައި. އެއީ އަހަރެންގެ ހިތް ހުއްޓުމުގެ ސަބަބުން. އެކަމަކު މާތްރަސްކަލާނގެ އަހަންނަށް ދެވަނަ ފުރުސަތެއް މިންވަރު ކުރެއްވީ،" ކަމަށެވެ.
"އެއީ އަހަރެންގެ މާޒީ، އަދި އެހުރިހާ ކަމެއް ހަނދާން ނައްތާލާފައި މިހާރު އަހަރެން ވިސްނަނީ އަހަރެންގެ މުސްތަގްބަލާ ދޭތެރޭ،" ތުފެގްޒިޗް ބުންޏެވެ.
އޭނާއަށް ދެވުނު އެ ނުރައްކާތެރި ހަމަލާއަށް ފަހުވެސް ތުފެގްޒިޗްގެ ފަލްސަފީ ވިސްނުމަކަށް ބަދަލެއް ނާދެއެވެ. އޭނާ ބުނެފައިވަނީ މިދަނޑިވަޅުގައި ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ވިސްނާނީ އޭނާގެ އަމިއްލަ ހަޔާތާއި އަދި ވަޒީފާއާ ދޭތެރޭ ކަމަށެވެ. އޭނާ ބުނީ "ކުރިން ވެސް އަހަރެންނަކީ ޕްރޮފެޝަނަލް މީހެއް. އަދިވެސް އަހަރެންނަކީ ހަމަ ޕްރޮފެޝަނަލް މީހެއް" ކަމަށެވެ.
"އަހަރެންގެ ވަޒީފާއަށް މާބޮޑު ބަދަލެއް ނާދޭ. އަހަރެންގެ ހަޔާތަށް ބަދަލެއް އަނަމަވެސް ފުޓްބޯޅަ އަށް އެއްވެސް ބަދަލެއް ނާދޭ،" ތުފެގްޒިޗް ބުންޏެވެ.
ތުފެގްޒިޗް ވަނީ ކުވައިތުގެ ޓީމަށް 2010 ވަނަ އަހަރުގެ ގަލްފު ކަޕް ހޯދައިދީފަ އެވެ. އަދި ޖެހިގެން އައި އަހަރު ދޯހާގައި އޮތް އޭޝިޔަން ކަޕު ފައިނަސް އަށް އެޓީމު ގެންގޮސް ދީފަ އެވެ. އެހެންނަމަވެސް ތުފެގްޒިޗްގެ އިރުޝާދު ލިބޭ ގޮތް ވި ނަމަވެސް ގަލްފު ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަންސްއަށް މި އަހަރުގެ ގަލްފު ކަޕް މުބާރާތުގެ ތަށި ދިފާއު ކުރެވޭ ގޮތެއް ނުވި އެވެ.
ގަލްފު ކަޕުގެ ސެމީފައިނަލުން ޔުނައިޓެޑް އެރެބް އެމިރޭޓްސް އަތުން ބަލިވުމަށްފަހު ލިބުނު ހިތާމަ ހަނދާން ނައްތާލުމަށްފަހު ކުވައިތު ވަނީ މުބާރަތުގެ ތިންވަނަ ހޮވި މެޗުގައި މުބާރާތް ބާއްވާ ބަހުރެއިން އަތުން ހަލަނޑު އެއްލަނޑުގެ ބޮޑު ތަފާތަކުން މޮޅުވެފަ އެވެ. އެއީ ގަލްފު ކަޕުގެ ތާރީހުގައިވެސް ނެރުނު އެންމެ ތަފާތުބޮޑު ނަތީޖާ އެވެ.
ގަލްފު ކަޕަކީ އެރީޖަންގެ ރައްޔިރުން ދެކޭގޮތުގައި އެމީހުންނަށް އެންމެ ބޮޑު އަދި އެންމެ މުހިއްމު މުބާރާތެވެ. އެއީ އެ މުބާރާތަކީ އެމީހުންނަށް ޓްރޮފީއެއް ލިބޭނޭކަން ޔަގީންކަން އޮންނަ އެންމެ ބޮޑު މުބާރާތް ކަމަށް ވާތީއެވެ. މި ފަހަރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ދޭއް އެކަކުން އިރާގު ބަލިކުރުމަށްފަހު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ކުރިން ޔޫއޭއީގެ ރައީސް ޝެއިޚް ޚަލީފާ އަލް މުތެއިވީ ވަނީ ޔޫއޭއީ ޓީމަށް ސަޕޯޓުކުރުމަށްޓަކައި ފްލައިޓްތަކެއް ޗާޓަރުކޮށްގެ އެގައުމުގެ ރައްޔިތުން ހިލޭ ބަހުރެއިންއަށް ގެންގޮސްދީފަ އެވެ.
"މިއީ މި ސަރަހައްދުގެ ގައުމުތަކަށް ވަރަށް ވާދަވެރި މުބާރާތެއް. އަހަންނަށް ގަބޫލުކުރެވޭ ގޮތުގައި ގަލްފު ކަޕަކީ އޭޝިޔަން ކަޕާއި ވޯލްޑް ވަޕަށް ވުރެވެސް އެމީހުންނަށް މުހިއްމު ކަޕެއް" ކުވެއިތުގެ ކޯޗު ބުންޏެވެ. "އަހަރެން ހަނދާން ނުނެތޭނެ އެންމެ ފަހުގެ ގަލްފު ކަޕް. ކުވައިތުގައި ތިންދުވަސްވަންދެން އެމީހުން އުފާފާޅުކުރަމުން ގެންދިޔަ" އޭނާ އިތުރަށް ބުންޏެވެ.