އިންޑިއާގެ ޓެމިލްނާޑޫ ސްޓޭޓުން ރާއްޖެއަށް އެއް އެއްވެސް ބާވަތެއްގެ ދިރޭ ޖަނަވާރާއި އެތަކެތީގެ މަހާއި މަހުގެ ބާވަތްތައް އެތެރެކުރުން ހެލްތު މިނިސްޓްރީން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

ހެލްތު މިނިސްޓްރީން މި ގޮތަށް ނިންމީ ޓެމިލްނާޑޫ ސްޓޭޓުގައި މި ވަގުތު ޖަނަވާރުތަކުން އެންތްރެސް ބަލި ފެންނަމުންދާތީ އާއި ރާއްޖެ އަކީ މިހާތަނަށް "އެންތްރެކްސް" ބަލި ފެނިފައިނުވާ ގައުމަކަށްވާތީ އެބައްޔާ މެދު ރައްކާތެރިވުމުގެ ގޮތުންނެވެ.

ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާގެ ޓެމިލްނާޑޫގެ ދެ އަވަށެއް ކަމުގައިވާ ތޭނީ އާ އަދި ކަމްބަމްގައި ބައެއް ޖަނަވާރަށް އެންތްރެކްސް ޖެހިގެން މިމަހުގެ ތެރޭގައި 20 އަށް ވުރެ ގިނަ ގެރި މަރުވެފައިވާ ކަމަށާއި ގެރިތައް މަރުވީ އެންތްރެކްސް ބަލީގައި ކަން ލެބޯޓްރީ ޓެސްޓްތަކުން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އިންޑިއާގެ އެ ސަރަހައްދުތަކަކީ އެންތްރެކްސް ބަލި ކޮންމެވެސް ވަރަކަށް ފެންނަ ސަރަހައްދުތަކެއް ކަމުން މި ދުވަސްވަރު އެ ސަރަހައްދުތަކުން އިންޑިއާގެ އެހެން ބައެއް ސްޓޭޓްތަކަށް ވެސް ދިރޭ ޖަނަވާރާއި ޖަނަވާރުގެ މަސް ގެންދިއުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

އިންޑިއާގެ ޓެމިލްނާޑޫގެ ދެ އަވަށަަކުން އެންތްރެކްސް ފެނުމާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިންޑިއާ އިން އެންތްރެކްސް ބަލި ޖެހިގެން 20 އަށް ވުރެ ގިނަ ގެރި މަރުވެފައިވާތީ ޖަނަވާރާއި ޖަނަވާރުގެ މަސް ގެންގުޅޭ ފަރާތަތަކުން އާއްމު ސާފުތާހިރު ކަމަށް ޚާއްސަ ސަމާލު ކަމެއް ދީގެން ޖަނަވާރުގެ މަހުގެ ބާވަތްތަކުގަ އާއި ޖަނަވާރުގެ ގައިގައި އަތްލައިފި ނަމަ ރަނގަޅަށް އަތްދޮވުމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ. އަދި އެންތްރެކްސް ފެނިފައިވާ އަވަށްތަކުން ރާއްޖެ އަށް އެތެރެކުރާ ޖަނަވާރާއި އެ އަވަށްތަކުގައި 31 ޑިސެމްބަރު 2012ގެ ފަހުން އުފައްދާފައިވާ ޖަނަވާރުގެ މަހާއި މަހުގެ ބާވަތްތައް ބޭނުން ނުކުރުމަށް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި "އެންތްރެކްސް" ބަލި ފެނިފައިވާ ކަމަށް އެގައުމުން އިއުލާނު ކޮށްފައިވާތީ އިންޑިއާގެ ޓެމިލްނާޑު ސްޓޭޓުން ރާއްޖެ އަށް ވަގުތީ ގޮތުން ގެރިއާއި ބަކަރި ގެނައުން މަނާކޮށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ވެސް ވަނީ މިއަދު އިއުލާނެއް ނެރެފަ އެވެ.

އެ އިއުލާނުގައި ގައި ބުނެފައި ވަނީ އެންތްރެކްސް ބައްޔަކީ އިންސާނުންނަށާއި އަދި ގެރި ބަކަރިއަށް ވެސް ޖެހޭ ނުރައްކާތެރި ބައްޔަކަށްވާތީ އިންޑިއާގެ ޓެމިލްނާޑޫ ސްޓޭޓުން ރާއްޖެ އަށް ވަގުތީ ގޮތުން ގެރިބަކަރި އެތެރެ ކުރުން މަނާކޮށްފައިވާ ކަމަށާއި އެ ސްޓޭޓުން މުޅިން ބަލި ނައްތާލެވިއްޖެކަން އިއުލާން ކުރަންދެން އެކަން މަނާކަމެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށެވެ. އަދި އެސްޓޭޓުން ރާއްޖެ އަށް ގެރިބަކަރި އެތެރެ ކޮށްފިނަމަ އެ ފަރާތަކާ މެދު ގަވާއިދުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

"ބެލިސަސް އެންތްރަސިސް" ކިޔާ ޖަރާސީމަކުން ޖެހޭ އެންތްރެކްސް ބަލި އާއްމުކޮށް ޖެހެނީ ގެރިބަކަރި ފަދަ ޖަނަވާރަށެވެ. އެހެންނަމަވެސް ޖަނަވާރުތަކުގެ ކިބައިން އިންސާނުންނަށް އެބަލި ޖެހެ އެވެ. އިންސާނުންނަށް އެބަލި ޖެހެނީ އެބަލި ޖެހިފައިވާ ޖަނަވާރުގައި އަތްލުމުންނާއި، ވައިގެ ތެރެއިން އިންސާނުންނަށް ޖަރާސީމު ވާސިލް ވެގެންނާއި އަދި ބަލި ޖެހިފައިވާ ޖަނަވާރެއްގެ މަސް ކެއުމުންނެވެ.

އެންތްރެކް ބަލީގެ ތިން ވައްތަރެއް މިހާތަނަށް ވަނީ ހޯދިފަ އެވެ. އޭގެ ތެރޭގައި ހަމަށް ޖެހޭ ވައްތަރަކާއި ނޭވާލާ ނިޒާމަށް ޖެހޭ ވައްތަރަކާއި އަދި ގޮހޮރަށް ޖެހޭ ވައްތަރެކެވެ. އެބަލި ޖެހުމުގެ ސަބަބުން އިންސާނުންގެ ފުރާނައަށް ނުރައްކާވެ އެވެ. އޭގެ ތެރެއިން ވެސް ނޭވާލާ ނިޒާމާއި ގޮހޮރަށްޖެހޭ ބަލި ޖެހޭ މީހުންގެ ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތު ބޮޑުކަމަށް ވަނީ ހޯދިފައެވެ. މި ޖަރާސީމަކީ ވެލީގެ ތެރޭގައި ގިނަދުވަސް ތަކެއް ވަންދެން ދިރިހުންނަ ޖަރާސީމެކެވެ.