މާލޭ އިރުމަތީ ފަރާތު، ރާޅުގަނޑު ސަރަހައްދުގެ ފަރަށް އެރި އާގު ބޯޓުން، ފަރަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 62 މިލިއަން ރުފިޔާ ހޯދުމަށް ސަރުކާރުން ބޯޓުގެ ވެރިފަރާތަށް ހުށަހަޅައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ސަން އަށް ވިދާޅުވީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެސެސް ކުރުމަށް ފަހު، ސިލްވާ ލައިންއިން އެޖެންޓްކަން ކުރާ ޑެލްމާސް ޝިޕިން ކުންފުނީގެ ބޯޓް ފަރަށް އެރުމުން ލިބުނު ގެއްލުން 4.06 މިލިއަން ޑޮލަރު( 62.73 މިލިއަން ރުފިޔާ) އަށް އަރާ ކަމަށް އެ ފަރާތަށް އަންގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް، ބުރާސްފަތި ދުވަހު އެ ފަރާތަށް އަންގަވާފައިވާ ކަމަށާއި ހަތަރު މިލިއަން ޑޮލަރުގެ ބޭންކް ގެރެންޓީއެއް ބަހައްޓަނިކޮށް ވެސް ބޯޓު ފުރުވާލުމުގެ ހުއްދަ ދެއްވާނެ ކަމަށް އަންގަވާފައިވާ ކަމަށެވެ.

ސިލްވާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަބީލު މިއަދު ސަން އަށް ވިދާޅުވީ ސަރުކާރުން ދައްކަން އެންގި ހަތަރު މިލިއަން ޑޮލަރުގެ ބޭންކް ގެރެންޓީ ހޯދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށާއި ނަމަވެސް ސަރުކާރާ ވާހަކަ ދައްކައިގެން އެ އަދަދު ކުޑަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މި ބަލަނީ އަވަހަށް ބޯޓު ފުރުވާލެވޭތޯ. އުސޫލެއްގެ ގޮތުން އަޅުގަނޑުމެން ވެސް ގަބޫލުކުރަން ޖޫރިމަނާއެއް ކުރަން ޖެހޭނެ ކަމަށް، ނަމަވެސް ސަރުކާރުން ވެސް އެބަ ބުނޭ ވާހަކަ ދެއްކުމުގެ ފުރުސަތު އޮތް ކަމަށް،" އާންމުކޮށް ސިންގަޕޫރާއި ރާއްޖެއާ ދެމެދު ކާގޯ އުފުލާ ބޯޓާ ބެހޭ ގޮތުން ނަބީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑެލްމާސްގެ ބޯޓު ފަރަށް އެރުމުން ލިބުނު ގެއްލުން އެ ފަރާތުން ވެސް ބަލާ ކަމަށާއި އެ އަށް ބެލުމަށް ފަހު ސަރުކާރާ ވާހަކަ ދައްކައިގެން ޖޫރިމަނާ ކުޑަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނަބީލު ވިދާޅުވީ ޑެލްމާސް ޝިޕިންލައިނަކީ ރާއްޖެ އަށް އެންމެ ގިނައިން ކޮންޓޭނާ ބޯޓު އޮޕަރޭޓް ކުރާ ދެ ކުންފުނީގެ ތެރެއިން އެއް ކުންފުނި ކަމަށާއި ޒިންމާދާރު އަދި ދެމެހެއްޓެނެވި ގޮތެއްގައި އެ ކުންފުނިން ރާއްޖެ އަށް ހިދުމަތް ދެމުން އަންނަތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެ ކުންފުންޏަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑު ހިއްސާއެއް އަދާކުރާ ކުންފުންޏެއް ކަމަށެވެ.

ނަބީލު ވިދާޅުވި ގޮތުގައި ޑެލްމާސްގެ ބޯޓެއް މީގެ ކުރިން މާލޭ ފަރަށް އަރައި ބޯޓު ފަރުމަތީގައި 20 ދުވަސް ވަންދެން އޮތުމަށް ފަހު ފުންކުރުމުން ވެސް ޖޫރިމަނާކޮށްފައި ވަނީ 4.5 މިލިއަން ރުފިޔާ އިން ކަމަށާއި އެ އަގަށް ބަލާ އިރު ވެސް މި ފަހަރު ފަރަށް އެރި އެ ކުންފުނީގެ ބޯޓްގެ ޖޫރިމަނާއަކީ ބޮޑު އަދަދެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ލައިބީރިޔާގައި ރަޖިސްޓްރީކޮށްފައިވާ 27،000 ޓަނުގެ "އޮގަސްޓޯ ޝައުލްޓް" މާލޭ ފަރުމަތީގައި ތިން ގަޑި އިރު ވެސް ނުވާ ކަމަށެވެ.

ރާޅުގަނޑު ސަރަހައްދުގެ ފަރަށް މި މަހުގެ 7 ވަނަ ދުވަހު އާގު ބޯޓް އެރީ ގާދޫކޮލުން ވަދެގެން، މާލެއިން ހުޅުލެއާ ދެމެދު ކަނޑުން ވަނުމަށް ފަހު، އަނބުރާލާފައި ބޭރުކަނޑަށް ނުކުންނަށް އުޅެނިކޮށެވެ. ބޯޓް ފުންކުރީ ތިން ގަޑިއިރުގެ މަސައްކަތަށް ފަހު އެވެ. ބޯޓް ފުންކުރުމުގެ މަސައްކަތްކޮށްފައި ވަނީ ބޯޓްގެ އެޖެންޓުން އެހީގައި ބޭނުން ކުރި ދެ ޓަގަކުންނެވެ. ބޯޓް ފުންކުރި އިރު، އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވެސް ހަރަކާތްތެރިވި އެވެ.

ދެހާސް އެގާރަ ވަނަ އަހަރުގެ ފަހުކޮޅު ވަނީ ޝަންގްރިއްލާ ފަރަށް ވެސް ވަނީ ބޮޑު އާގު ބޯޓެއް އަރައި އެ ރިސޯޓްގެ ފަރަށް ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. އަދި އެ ބޯޓު ފުންވީ ފަރުމަތީގައި އޮންނަތާ މަސް ދުވަސް ފަހުންނެވެ.

އެ ބޯޓު ފުން ނުކުރެވި ގިނަ ދުވަސްވާން ފެށުމުން ދުވާލަކު 700،000ރ.ގެ ރޭޓުން އެ ބޯޓު ޖޫރިމަނާކުރި އެވެ. ނަމަވެސް އަބްދުއްރަޝީދު ނާފިޒު މިއަދު ވިދާޅުވީ ކުރީގެ ސަރުކާރު އޮތް ދުވަސްވަރު ހިނގާފައިވާ އެ ހާދިސާގައި "އެމެރެލްޑާ" ނަމަކަށް ކިޔާ ބޯޓުން ރާއްޖެ އަށް ޖޫރިމަނާ ދައްކާފައި ނުވާ ކަމަށެވެ.