ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ޤައުމީ ވޮލީބޯލަ ލީގުގެ ދެ ވަނަ ޑިވިޜަންގައި ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ކުޅުނު ދެވަނަ މެޗު ވާދަވެރި ކުޅުމަކަށް ފަހު ކާމިޔާބުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގައި އިއްޔެ ހަވީރު ކުޅުނު އެ މެޗު ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ކާމިޔާބުކޮށްފައިވަނީ ބީޖީ ސްޕޯޓްސްއާއި ވާދަކޮށް 3-2 ސެޓުންނެވެ.

އިއްޔެ މެޗުގެ ފުރަތަމަ ދެ ސެޓް 24-26 އަދި 12-25 ން ބީޖީ ސްޕޯޓްސް އިން ކާމިޔާބުކުރިނަމަވެސް ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ވަނީ ކުޅުން ރަގަޅުކޮށް ޖެހިގެން ކުޅުނު ދެ ސެޓްވެސް ކާމިޔާބުކޮށްފައެވެ. އެ ދެ ސެޓް ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ކާމިޔާބުކޮށްފައިވަނީ 16-25 އަދި 15-25 ންނެވެ. ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ދެ ސެޓް ކާމިޔާބުކުރުމާއެކު މެޗުގެ ނަތީޖާ އެއްވަރުވުމާ ގުޅިގެން ނަތީޖާ ނެރުމަށްޓަކައި ކުޅުނު ފަސް ވަނަ ސެޓް ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ކާމިޔާބުކޮށްފައިވަނީ 25-12 އިންނެވެ.

އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޕޮލިސް ފެމިލީ އެސޯސިއޭޝަންގެ ސެޓަރު އަލީ މައުރޫފް އެވެ.

މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ކުރިއަށް ދާ މިމުބާރާތުގައި ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ކުޅުނު ފުރަތަމަ މެޗު ކްލަބު ވެލެންސިއާ އާއި ވާދަކޮށް 3-1 ސެޓުން ކާމިޔާބުކޮށްފައިވާއިރު މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީވެސް އަލީ މައުރޫފްއެވެ.

މުބާރާތުގައި ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ކުޅޭ ތިން ވަނަ މެޗުގައި މި ރޭ 20:30 ގައި ނުކުންނާނީ ނައިފަރު ޖުވެނައިލްއާ ދެކޮޅަށެވެ.

މިމުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން އެއްބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް ސެމީ ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ.

މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.