މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ވިކްޓަރީ ސްޕޯޓްސް ކުލަބަށް ކުޅުނު މުހައްމަދު ޝިފާން (ކުޑައްޓޭ) މިއަހަރުގެ ސީޒަނުގައި ކުލަބް ވެލެންސިޔާއަށް ކުޅުމަށް ސޮއި ކުރިތާ ދެމަސް ދުވަސް ފަހުން، ބީޖީއާ ގުޅުނު ކަމުގެ އަޑު ފެތުރިއްޖެއެވެ.

މިސީޒަނުގައި ވެލެންސިޔާއަށް ކުޅުމަށް ކުޑައްޓޭ ސޮއިކުރީ އެއް އަހަރު ދުވަހުގެ ކޮންޓުރެކްޓެއްގެ ދަށުންނެވެ.

ނަން ނުޖެއްސުމަށް ޝަރުތުކޮށް، ސަންއަށް މައުލޫމާތު ދިން މީހަކު ރޭ ބުނީ، ބީޖީއަށް ކުޅުމަށް ކުޑައްޓޭ މިހާރު ސޮއި ކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ބީޖީގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވާނެ ކަމަށެވެ. އަދި ނިއުއަށް ކުޅުނު އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި ކުޑައްޓޭ ސޮއިކުރި ކަން އަދި މީޑިއަށް ބީޖީން ހާމަކޮށްފައިފައި ނުވަނީ، އެކުޅުންތެރިން ބީޖީއާ ގުޅުމުން ހާއްސަ ރަސްމިއްޔާތެއް ބޭވުމަށް ނިންމާފައި ވާތީކަމަށް ވެސް އޭނަ ބުންޏެވެ.

ވެލެންސިއާގެ ޗެއާމަން އިބްރާހީމް ރާއީ ރަޝީދު ރޭ ވިދާޅުވީ، ކުޑައްޓޭ އެ ކުލަބް ދޫކޮށް ދިޔަކަމުގެ އެއްވެސް އިޝާރާތެއް ލިބިފައި ނުވާކަމަށާއި އޭނަ ވަނީ ކުލަބުގައި ރަޖިސްޓަރީ ކޮށްފައި ކަމަށެވެ.

"ކުޑައްޓޭ ވަނީ ކުލަބުގައި ރަޖިސްޓަރީ ވެސް ކޮށްފައި. އޭނާގެ އެގްރިމަންޓު އަދި ބާތިލް ކޮށްފައެއް ނުވާނެ" ރާއީ ވިދާޅުވިއެވެ.

ވެލެންސިޔާގެ މެނޭޖަރު ކަމާ ދާދިފަހުން ހަވާލުވި، ކުރީގެ ގައުމީ ޓީމުގެ މެނޭޖަރު މުހައްމަދު ހާނިމް މިއަދު ވިދާޅުވީ، ކުޑައްޓޭ ކުލަބް ދޫކޮށް ދިޔަކަމުގެ އެއްވެސް އިޝާރާތެއް ލިބިފައި ނުވާކަމަށެވެ. އަދި އެކަހަލަ އެއްވެސް ވާހަކައެއް އަޑުއަހާފައި ވެސް ނުވާ ކަމަށް ހާނިމް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ބީޖީގެ ބަހެއް ނުލިބުނުއިރު، ކުޑައްޓޭގެ ބަހެއް ވެސް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޑިފެންޑަރު ކުޑައްޓޭ، ބީޖީއާ ގުޅުނު ކަމުގެ ވާހަކަތަކެއް ދެކެވެމުންދާ މިދުވަސް ކޮޅުގައި، އޭނާއާ ބެހޭގޮތުން ރާއްޖޭގެ ކުޅިވަރު ނޫހެއް ކަމަށްވާ މޯލްޑިވްސް ސޮކާގައި ބުނެފައި ވަނީ، ކުޑައްޓޭއާއި ވެލެންސިޔާއާ ދެމެދު މައްސަލަތަކެއް ޖެހިގެން އުޅޭ ކަމަށާއި އެކަމާ ގުޅިގެން ވެލެންސިޔާގެ ފަރިތަކުރުން ތަކުގައި ވެސް ކުޑައްޓޭ ބައިވެރި ނުވާކަމަށެވެ.

މީގެ ކުރިން އެޓީމަށް ކުޅެން އެއްބަސްވެ ސޮއި ކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމް އަދި ވީބީގެ ކެޕްޓަން އައްސަދު (އަޑުބަރޭ) އާއި އަހުމަދު އަޝްފާނާއި އާދަމް ފަޒީހް (ފަޒިއްކޮ) އާއި ފަރުހާދު އިސްމާއީލް އަދި ނިއުގެ މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި އީގަލްސްގެ ކީޕަރު މުހައްމަދު ޔަމާނާއި ވިކްޓަރީއަށް ކުޅުނު މުހައްމަދު ޝައްފާޒު (ސައްޕޭ) އާއި އީގަލްސްގެ އަހުމަދު ރިލްވާނާއި ވިޔަންސާގެ މަޒުހަރު އަބުދުﷲ އާއި ހުސްވި ސީޒަނުގައި ވެލެންސިއާގެ ގޯލު ބެލެހެއްޓި އިބްރާހީމް އިފްރާހު އަރީފާއި ވިކްޓަރީއަށް ކުޅުނު ޑިފެންޑަރު އިބްރާހީމް ޝިނާޒް އަދި ވިޔަންސާގެ ކެޕްޓަން އަހުމަދު ޒާދު އާއި އިބްރާހީމް ފަޒީލް (އޮއްޕޮ) ހިމެނެ އެވެ.

މިއަހަރުގެ ސީޒަނުގައި ބީޖީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފައި ވަނީ މިދިޔަ އަހަރު ވެސް އެ މަގާމުގައި ހުރި މުހައްމަދު ޝާޒްލީއެވެ. އޭނާގެ އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސާފައި ވަނީ އެފްއޭއެމްއިން އެންމެ ފަހުން ބޭއްވި އަންހެން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސަން ޓީމަށް ކޯޗް ކޮށްދިން ވިކްޓަރީގެ ކުރީގެ ޑިފެންޑަރު އިސްމާއިލް އަނިލެވެ.