ބެއިޖިންގް (ޖަނަވަރީ 19): ޔޫރަޕްގައި މިހާރު އުފައްދާ ހަތިޔާރަކީ ޓެކްނޮލޮޖީގެ ގޮތުން ފެންވަރުދަށް އަގުބޮޑު ހަތިޔާރު ކަމަށާއި ޔޫރަޕްގެ ހަތިޔާރު ގަންނަން ބޭނުން ނުވާކަން ޗައިނާ އިން ހާމަކޮށްފި އެވެ.

ބެއިޖިންގައި ދެއްވި ބަޔާނެއްގައި ޗައިނާގެ ޚާރިޖީ ވަޒީރު ލީ ޗާވް ޗިންގް ވިދާޅުވީ ޗައިނާ މިހާރު އޮތީ ޔޫރަޕްގެ ގައުމުތަކުން އުފައްދާ ހަތިޔާރު ބޭނުންވާ ޙާލަތުގައި ނޫންކަމަށާއި ޗައިނާ އިސްކަންދެނީ ހަތިޔާރަށާއި ޢަސްކަރީ ކަންތައްތަކަށް ވުރެ އިޤްތިސާދީ ކުރިއެރުމަށާއި ތަރައްޤީ ކަންތައްތަކަށް ކަމުގަ އެވެ. ލީ މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ ޗައިނާ އަށް ހަތިޔާރު ނުވިއްކުމަށް މީގެ 15 އަހަރުކުރިން ޔޫރަޕުން އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް ގެންނާނެކަން ޔޫރަޕްގެ އިއްތިޙާދުން ހާމަކުރުމާ ގުޅިގެންނެވެ.

ޔޫރަޕުން ޗައިނާ އަށް ހަތިޔާރު ނުވިއްކުމަށް ނިންމީ ޗައިނާ އަށް ދިމުޤްރާތީ އިސްލާހްތައް ގެނައުމަށް ގޮވާލައި މީގެ 15 އަހަރުކުރިން ބެއިޖިންގެ ޓިޔަންމިން މައިދާނަށް އެތައް ހާސްބަޔަކު އެއްވެ ކުރަމުންދިޔަ މުޒާހަރާތަކާ ދެކޮޅަށް ޗައިނާ ސަރުކާރުން ބާރުގެ ބޭނުންކޮށް އެމުޒާހަރާ ރޫޅާލުމާ ގުޅިގެންނެވެ. ހަތިޔާރު ބޭނުންކޮށްގެން ޗައިނާ ސަރުކާރުން އެ މުޒާހަރާ ރޫޅާލުމާ ގުޅިގެން ކުށެއްނެތް އެތައް ހާސްބަޔަކު މަރުވިކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ޗައިނާ އަށް ހަތިޔާރު ވިއްކުން މަނާކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ޔޫރަޕްގެ ގައުމުތަކުން ބޭނުންވަނީ އެގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ އިޤްތިސާދީ ހީނަރުކަމުން އަރައި ގަތުމަށް އިތުރު އާމްދަނީ ބޭނުންވާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އެމެރިކާ ވަނީ ޗައިނާ އަށް ހަތިޔާރު ވިއްކުން މަނާކޮށްފައި އޮންނަ އޮތުން ނިމުމަކަށް ނުގަނައުމަށް ޔޫރަޕަށް ގޮވާލާފަ އެވެ. ޔޫރަޕްގެ ހަތިޔާރު ޗައިނާއަށް ލިބުމަކީ ދެކުނު އިރުމަތީ އޭޝިޔާ ސަރަޙައްދުގެ ޢަސްކަރީ ބެލަންސަށް ލޮޅުން އަރާނެ ކަމެއް ކަމަށް އެމެރިކާ ބުނެ އެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވީ ޔޫރަޕުން ހަތިޔާރު ގަތުމުގެ އެއްވެސް ޕްލޭނެއް އޭނާގެ ގައުމުން ނުގެންގުޅޭ ކަމަށާ ކުރިޔަތް އޮތްތާނގައި ޗައިނާ އިސްކަންދޭނީ އިޤްތިސާދީ ކުރިއެރުމަށާއި އެގައުމުގެ އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށާއި ރައްޔިތުންނަށް ވަޒީފާގެ ފުރްސަތުތައް ތަނަވަސްކޮށްދީ އެމީހުންގެ ދިރިއުޅުމުގެ ފެންވަރު މަތި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ކަމުގަ އެވެ. (އަލްޖަޒީރާ)