19 Jan 2013, 10:02
އިންގްލެންޑް އަދި އާސެނަލްގެ ހުނަރުވެރި ޒުވާން ފޯވަޑް ތިއޯ ވޮލްކަލްޓް، 23، އާސެނަލްއާ އެކު ތިން އަހަރާ ބައިގެ ކޮޓްރެކްޓެއްގައި އަލުން ސޮއިކޮށްފިއެވެ.
އުމުރުން އެންމެ 16 އަހަރުގައި 2006 ވަނަ އަހަރު ސައުތުހެމްޓަނުން އާސެނަލްއާ ގުޅުނު ވޮލްކަޓް އެ ޓީމާއެކު ހަދައިފައިވާ އެއްބަސްވުން މިސީޒަންގެ ނިޔަލަށް ހަމަވާތީ ހުސްވި އޮގަސްޓު މަހުން ފެށިގެން އެ ޓީމުން ދަނީ އޭނާ ލައްވައި ފަސް އަހަރު ދުވަހުގެ އާ އެއްބަސްވުމަކަށް އައުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެޓީމުން އޭނާއަށް ހަފްތާއަކު 75000 ޕައުންޑު (1800000ރ)ގެ ފީއަކަށް ފަސްއަހަރުގެ އޮފައެއް ހުށަހެޅުމުން ވެސް ވޮލްކަޓް ވަނީ އެ އަގާ މެދު އެއްބަސް ނުވެފައެވެ.
އާސެނަލްއާއި ވޮލްކަޓާ ދެމެދު ގިނަދުވަސްތަކެއް ވަންދެން ދެކެވުނު ވާހަކަތަކަށް ފަހު އެންމެފަހުން އޭނާ މިފަހަރު އާސެނަލްއާ އެކު ސޮއިކުރި އެއްބަސްވުމުގައި އެއްބަސްވެފައި މިވަނީ ހަފުތާއަކު 100000 ޕައުންޑު (2400000ރ) ފީއަކަށެވެ.
އާސެނަލްއަށް މި ސީޒަންގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ ވޮލްކަޓް އޭނާގެ ކޮންޓްރެކްޓް އާކުރުމުން ބޯނަސްގެ ގޮތުގައި ޓީމުން ވަނީ އޭނާއަށް ތިން މިލިޔަން ޕައުންޑް (72 މިލިޔަން ރުފިޔާ) ދީފަ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވޮލްކަޓް ބުނެފައިވަނީ ފެށުނީއްސުރެންވެސް އޭނާ ޓީމާއެކު ހުންނަން ބޭނުން ކަމުގައި ބުނެފައިވާނެ ކަމަށާއި އަދި އެންމެން ހިތްހަމަ ޖެހޭގޮތަށް މައްސަލަ ހައްލުވުމުން އޭނާ އުފާކުރާ ކަމަށެވެ.
"އެންމެން އަހަންނަށް ދިން އެއްބާރުލުމަށް ޝުކުރު އަދާކުރަން. ހާއްސަކޮށް ޓީމުގެ ކޯޗު، އަދި ކުލަބުގެ އެންމެހައި ފަރާތްތަކާއި އަދި ވަކިން ހާއްސަކޮށް ޓީމުގެ ފޭނުންނަށް ޝުކުރު އަދާކުރަން،" ވޮލްކަޓް ބުންޏެވެ.
ވޮލްކަޓް ކޮންޓްރެކްޓް އާކުރުމުން އާސެނަލްގެ ކޯޗު އާސެން ވެންގާ ހުރީ ވަރަށްބޮޑަށް ހިތްހަމަޖެހިފަ އެވެ. އޭނާ ބުނީ "ވޮލްކަޓް އެއްބަސްވުން އާކުރުމުން ޓީމުގެ ޒުވާން ކުޅުންތެރިންނާ އެކު ޓީމު އިތުރަށް ވަރުގަދަވެ ހިތްވަރު އާވެއްޖެ. އަދި ކާމިޔާބަށް ވާސިލުވުމަށް އިތުރު ހިތްވަރެއް ލިބިއްޖެ،" ކަމަށެވެ.
ބުރާސްފަތި ދުވަހު އާސެނަލްއިން ވޮލްކަޓް އަށް ހަފްތާއަކު 90000 ޕައުންޑު (2160000ރ) ފީއަކާ އެކު ފަސްއަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހުށަހެޅި ނަމަވެސް އޭނާ އިހްތިޔާރު ކުރީ، ހަފުތާއަކު 100000 ޕައުންޑު (2400000ރ) ފީއަކަށް ތިން އަހަރާއި ބައިގެ އެއްބަސް ވުމެވެ.