19 Jan 2013, 09:16
ނިއުޔޯކް (ޖަނަވަރީ 19): ސޫރިޔާގައި ހިންގަމުން ގެންދާ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމަށް އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ހައިކޮމިޝަނަރު ނަވަނިތަމް ޕިއްލޭ އދ.ގެ ސަލާމަތީ މަޖިލީހަށް ގޮވާލައްވައިފި އެވެ.
އެކަމާ ބެހޭ ގޮތުން ސަލާމަތީ މަޖިލީހުގައި ބޭއްވި ބައްދަލުވުމެއްގައި އެމަޖިލީހުގައި ހިމެނޭ ގައުމުތަކަށް ޕިއްލޭ ގޮވާލެއްވީ ސޫރިޔާގައި ހިންގަމުން ގެންދާ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާ މެދު ލޯމަރާލައިގެން ނުތިބު މަށާއި އެ ޖަރީމާތަކުގެ ފަހަތުގައި ތިބި ފަރާތްތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގައި ދަޢްވާ އުފުލުމަށް ސަލާމަތީ މަޖިލީހުން ނިންމުމަށެވެ. ސޫރިޔާއަކީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ މުޢާހަދާގައި ސޮއިކޮށްފައިވާ ގައުމަކަށް ނުވާތީ އެ ގައުމުގައި ހިންގާ އިންސާނިއްޔަތާ ޚިލާފު އަނިޔާތަކާއި ޖަރީމާ ތަކުގެ މައްސަލަ އެކޯޓަށް ހުށަހެޅޭނީ ސަލާމަތީ މަޖިލީހުން އެކަމަށް އެއްބަސްވެގެންނެވެ.
މިކަމަށް އެދި 57 ގައުމުން ސޮއިކޮށްފައިވާ ސިޓީއެއް މިދިޔަ ހަފްތާގައި ސްވިޓްޒަލޭންޑުންވަނީ ސަލާމަތީ މަޖިލީހަށް ހުށަހަޅާފަ އެވެ. އެ 57 ގައުމުގެ ތެރޭގައި ގިނައީ ޔޫރަޕްގެ ގައުމުތަކެވެ. ނަމަވެސް ސަލާމަތީ މަޖިލީހުގައި ހިމެނޭ ވޯޓޯ ކުރުމުގެ ބާރު ލިބިފައިވާ ރަޝިޔާ އިން ވަނީ ސޫރިޔާގެ މައްސަލަ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމަށް ރަޝިޔާ ތާއީދު ނުކުރާކަން ހާމަކޮށްފަ އެވެ.
ރަޝިޔާ އިން ބުނީ މި މައްސަލަ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމުން ސޫރިޔާގެ މައްސަލަ ސުލްޙަވެރިގޮތުގައި ޙައްލުކުރުމަށް މިހާރު ތަނަވަސްވެފައިވާ ހަނި ފުރުސަތު ވެސް ބަންދު ވެގެންދާނެ ކަމުގަ އެވެ. އަދި މިކަމުގެ ސަބަބުން ސޫރިޔާ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް އިތުރަށް ހަރުކަށިވެ ގޮތްދޫނުކުރުގެ ކަންތައް ބޮޑުވެގެންދާނެ ކަމަށް ވެސް ރަޝިޔާ ބުނެފައިވެ އެވެ. (އަލްޖަޒީރާ)