ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސްއިން އިންތިހާބު ކުރި ވާދަވެރި މަގާމުތަކުގެ ނަތީޖާއަކީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް އޮތް "ކޮންމެވެސް ވަރެއްގެ ހިޔަންޏެއް، ނުވަތަ ކޮންމެވެސް ވަރެއްގެ ރިފްލެކްޝަނެއް،" ދޭނެ ނަތީޖާއެއް ކަމަށް ޕީޕީއެމްގެ ޕްރައިމަރީއަށް ވާދަކުރައްވާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
~
ޕީޕީއެމްގެ ކޮންގްރެސްގައި ބޭއްވި ވާދަވެރި އިންތިހާބުގައި ޕާޓީގެ ކައުންސިލް ފިޔަވައި އެހެން ހުރިހާ މަގާމުތަކެއް ކަށަވަރުވެފައި ވަނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރާއި ޔާމީންއަށް ހަމަހަމަވާ ގޮތަށެވެ.

އިންތިހާބުގެ އެންމެ ވާދަވެރި ގޮނޑިތައް ދެ ޓީމަށް ހަމަހަމައަށް ބެހިގެން ދިއުމުން ރިޔާސީ ކެންޑިޑޭޓް ހޮވާ ޕްރައިމަރީއަށް އޮތް ވާދަވެރި ކަމަށް އިޝާރާތްކޮށް ޔާމީން ވިދާޅުވީ ޕްރައިމަރީއަށް ދާންވާ އިރަށް ޔަގީން ޓީމުގެ "ހިތުގެ ސާބިތުކަން" މިއަދަށް ވުރެ މާ ވަރުގަދަވާނެ ކަމަށެވެ. ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ވުމަށްޓަކައި ޕްރައިމަރީއަށް ނުކުމެ ހުންނެވީ އެއްވެސް ގޮތަކަށް ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"މި ނަތީޖާއަކީ ޕްރައިމަރީއަށް ކޮންމެވެސް ވަރެއްގެ ހިޔަންޏެއް، ނޫނިއްޔާ ކޮންމެވެސް ވަރެއްގެ ރިފްލެކްޝަނެއް ދޭނެ ނަތީއްޖާއަކަށް ވެގެންދާނެ. އެހެންނަމަވެސް އަޅުގަނޑު ގަބޫލު ކުރަނީ ޕްރައިމަރީއާ ހިސާބަށް ދާންވާއިރަށް އަޅުގަނޑުމެންގެ ރިޒޯލްވް، ނުވަތަ ހިތުގެ ސާބިތުކަން އެ ހިސާބަށް ދާންވާއިރަށް މިއަށްވުރެ، މާވަރުގަދަވާނެ. އެހެންވީމަ ޕްރައިމަރީއަށް އަޅުގަނޑު ނުކުމެ މިހިރީ އިރާދަ ކުރެއްވިއްޔާ، ފަހަތަކަށް ޖެހޭކަށެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީގެ ޕީޕީއެމް ބައިބައިވެއްޖެ ނަމަ، އެންމެ ބޮޑަށް ގެއްލުމެއް ވާނީ އޭނާއަށް ކަމަށާއި ސަބަބަކީ އޭނާއަކީ ރިޔާސީ ކެންޑިޑޭޓް ކަމަށް ކުރިމަތިލައްވައިގެން އުޅުއްވާ ބޭފުޅެއް ކަމަށް ވާތީ ކަމަށް ޔާމީން ވިދާޅުވި އެވެ. "އަޅުގަނޑުމެން މަސައްކަތް ކުރާނީ އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތަށް ވުރެ، ބޮޑަށް ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެގެން. ޕާޓީއަކީ ކުރިއަށްވުރެ ވެސް ބަދަހި ޕާޓީއަކަށް ހެދޭތޯ ކުރާ މަސައްކަތް އަޅުގަނޑުމެން މިކުރާނީ. މިހެން ނުވެއްޖެ ކަމަށްވަންޏާ، މީގެ ގެއްލުން ވެސް އެންމެ ބޮޑަށް ވާންއޮތީ އަޅުގަނޑަށް. އަޅުގަނޑަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލައިގެން އުޅޭ މީހެއް،" ޔާމީން ވިދާޅުވި އެވެ.

ޕާޓީގެ ކައުންސިލުގެ 35 މެންބަރުންގެ ތެރެއިން ކޮންގްރެސްއިން ހޮވާ 14 މެންބަރުންގެ ތެރެއިން ދެ ގޮނޑި ފިޔަވައި އެހެން ގޮނޑިތައް "ޔަގީން ޓީމް"އިން ކަށަވަރު ކުރުމުން ޔާމީން ވިދާޅުވީ އެމަނިކުފާނާއެކު ކައުންސިލަށް އިންތިހާބުވި 12 މެންބަރުންނަކީ އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް، ޕާޓީގެ މަސްލަހަތަށް މަސައްކަތް ކުރާނެ ބޭފުޅުން ކަމަށެވެ. އަދި ކައުންސިލްގެ އެ މެންބަރުން ޕާޓީ ވަރުގަދަ ކުރުމަށްޓަކައި ރަށްރަށަށް ދަތުރުކޮށް ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ގަދައަޅައި މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގައި ވާދަވެރި ކެންޕެއިންތަކަށްފަހު، ޕާޓީގެ ނައިބުންނަށް ހޮވި ދެ ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓް ހޯއްދެވީ ޔާމީން ޓީމުގެ އަހުމަދު އަދީބެވެ. އަދި އޭނާއެކު ނައިބު ރައީސް ކަމަށް ދެން ހޮވިވަޑައިގެންފައި ވަނީ އުމަރު ނަސީރުގެ ޓީމުގެ އިލްހާމް އަހުމަދެވެ. އަދި ޕާޓީގެ ޒުވާނުންގެ ހަރަކާތުގެ ރައީސްއަކަށް ހޮވުނީ އުމަރު ޓީމުގެ އަހުމަދު ނާޒިމެވެ. ނައިބު ރައީސާއަކަށް އެންމެ ގިނަ ވޯޓް ހޯއްދަވައިގެން ވަޑައިގެންނެވީ އައިމިނަތު ނަދާ (ނަދާއްކޮ) އެވެ.