ފ. އަތޮޅު ނިލަންދޫ ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ހަވީރު އެރަށު ފުޓްބޯޅަ ޓީމާއެކު ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބު ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗު ފަހެއް އެކަކުން ނިއުގެ އާ ކޯޗު ވެލިޒާ ޕޮޕޯޕްގެ އިރުޝާދުގެ ދަށުން އެ ޓީމުން ކާމިޔާބު ކޮށްފި އެވެ.

ނިއުރޭޑިއެންޓާ އަލަށް ގުޅުނު ބަލްގޭރިޔާގެ ކޯޗުގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ފުރަތަމަ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއު އިން ވަނީ ދެލަނޑުގެ ލީޑެއް ހޯދާފަ އެވެ. އެ ދެލަނޑުވެސް ނިއުއަށް ކާމިޔާބު ކޮށްދިނީ ނިއުގެ ނުރައްކާތެރި ފޯވަޑް އަލީ އަޝްފާގު (ދަގޭ) އެވެ.

ދެވަނަ ހާފުގައި ނިއުއަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ އެޓީމާ މިއަހަރު އަލަށް ގުޅުނު އުމައިރު އާއި ނިޔާޒުގެ އިތުރުން އެޓީމުގެ ޒުވާން ތަރި އައިމަން އެވެ. މެޗުގައި ނިލަންދޫ ޓީމުން ކާމިޔާބުކުރި ހަމަ އެކަނި ލަނޑު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބު ކޮށްދިނީ ކުރިން ނިއުގެ ފަހަތް ބެލެހެއްޓި މޮޅު ޑިފެންޑަރު ފަރުހާދު އެވެ.

މިއަދު ނިލަންދޫގައި ކުޅުނު އެކުވެރިކަމުގެ މެޗަށްފަހު އެޓީމުގެ ޗެއާމަން އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު (ބަލަކް) ވަނީ އެރަށުގެ ރައްޔިތުންނަށް ނިއުގެ ޖާޒީބައެއް ހަދިޔާކޮށްފަ އެވެ. އަދި އޭގެ އިތުރުން އެރަށުގެ ޒުވާން ހަތަރު ކުޅުންތެރިއަކަށް ނިއުރޭޑިއެންޓާ ގުޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.