18 Jan 2013, 23:34
ކޯނީގެ ރިޕޯޓް ދިރާސާ ކުރުމާއި ނުވަތަ އެކަމާ ގުޅުން ހުރި އެއްވެސް ކަމެއްގައި ދެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވާރު ބަލާ ކޮމެޓީ އަށް ޖަވާބު ދާރީވެވަޑައި ނުގަންނަވާނެ ކަމަށް ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަކީ ކޯނީ ރިޕޯޓް ތަހުގީގްކޮށް ނުވަތަ ދިރާސާ ކުރުމުގެ އިހްތިސާސް ލިބިފައިވާ ކޮމެޓީއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންކަމުން ދެން އެ މައްސަލާގައި އެ ކޮމެޓީ އަށް ޖަވާބުދާރީ ވެވަޑައި ނުގަންނަވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު ކުރިން އެ ކޮމެޓީ އަށް ޖަވާބު ދާރީ ނުވީ މައުލޫމާތު ހާމަކުރާނެ ނުވަތަ އެ ކަހަލަ އެއްވެސް މައުލޫމާތެއް ލިބިގެންނެއް ނޫން. ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ވެސް ވިދާޅުވެފައި ފަދައިން އަޅުގަނޑަކަށް ގަބޫލެއް ނުކުރެވުނު އެ މަޖިލީހަކީ ކޯނީ ރިޕޯޓް ދިރާސާ ކުރެވިދާނެ މަޖިލީހެއް ނުވަތަ ކޮމެޓީއެއް ކަމަކަށް. އެހެން ވީމާ އިހްތިސާސް ނެތް ކޮމެޓީ އަކަށް ނުވަތަ މަޖިލީހަކަށް މައުލޫމާތު ދޭން ނުޖެހޭނެ ކަމަށް ބަލާފައި އަޅުގަނޑު މައުލޫމާތު ނުދިނީ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އިހްތިސާސް ނެތް މަޖިލީހަކަށް ނުވަތަ ކޮމެޓީ އަކަށް އަޅުގަނޑު މައުލޫމާތު ނުވެސް ދޭނަން. މިސާލަކަށް އަލުން އަނެއްކާ ވެސް އެ ކޮމެޓީ އަށް ދާން އަޅުގަނޑަށް އަންގަވައިގެން އެކަހަލަ މައުލޫމާތެއް ސާފުކުރަން ބޭނުންވެ ލައްވައިފި ނަމަ އަޅުގަނޑެއް އެކަމެއް ނުކުރާނަން ކުރިއަށް އޮތް ތަނުގައި." ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ވެސް އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް ވެސް މަސައްކަތް ކުރަން ޖެހޭނީ އެ މަޖިލީހަކަށް ނުވަތަ އެ ކޮމެޓީ އަކަށް ލިބިގެންވާ އިހްތިސާސްގެ ތެރޭގައި ކަމަށެވެ. އަދި އިހްތިސާސްގެ ތެރެއިން މަސައްކަތް ކުރާ ކޮންމެ ކޮމެޓީ އަކަށް އަދި މަޖިލީހަކަށް ވެސް އޭނާ ވެސް އަދި ސަރުކާރުން ވެސް ޖަވާބު ދާރީ ވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އިން ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ކޮމެޓީތަކެއްގެ މައުލޫމާތު ހާމަ ކުރުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުވެ ޖަވާބު ދާރީވެވަޑައި ގަތުމަށް ޖެހިލުންވެވަޑައި ގަންނަވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ކަންބޮޑުވޭ އެކަމާ އެއީ ސިއްރު ކޮމެޓީތަކުގެ މައުލޫމާތު ހާމަކުރުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށް މައުލޫމާތު ދޭން މިހާރު އަޅުގަނޑު ފަސް ޖެހޭ. އެއީ ސިފައިންނާއި ފުލުހުންގެ ކަންކަމަކީ އެއީ ސިއްރު ކުރެވިފައި ހުންނަން ޖެހޭ ކަންކަން. އެހެން ވީމާ ސިއްރު ކުރި ކޮމެޓީތަކެއްގެ މައުލޫމާތު ހާމަކުރުމަކީ އަޅުގަނޑު ވަރަށް ކޮންބޮޑުވާ ކަމެއް. އެހެން ވީމާ މިކަހަލަ ކޮމެޓީތަކަށް މައުލޫމާތު ދިނުމާ ދޭތެރޭ ވިސްނާލަން އަޅުގަނޑު ޖެހޭނީ." ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމެޓީގެ އެ އަމަލުގެ ސަބަބުން ގައުމީ ސަލާމަށް އެއްވެސް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަރިލާން ޖެހޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ކޮމެޓީ އަށް ހިއްސާކޮށްފައިވާ މައުލޫމާތުތަކަކީ އެއްވެސް ހަގީގަތެއް އޭގައި އެކުލެވިގެންވާ މުއުލޫމާތުތަކެއް ކަމަށް ނުވެފައި އެ މައުލޫމާތު ހިއްސާކޮށްފައި ވަނީ ވަކި ބައެއްގެ މަގުސަދުތަކެއް ހާސިލް ކުރުމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެ ހިއްސާ ކުރި މައުލޫމާތުތަކަކީ ނުވަތަ އާންމު ކުރި މައުލޫމާތުތަކަކީ ރައްޔިތުން ގަބޫލު ކުރާނެ މައުލޫމާތުތަކެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގައުމުގައި އެއްވެސް ހަމަނުޖުހުމެއް ހިނގައި ފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލީއްޔަތު އަދާކުރާ މިންވަރު ބާލާ ކޮމެޓީން އެ ހިންގި އަމަލަކީ އެމްޑީޕީ މީހުން އަޑީގައި ތިބެގެން ސަރުކާރު ވައްޓާ ލުމުގެ ގޮތުން ހިންގި އަމަލެއް ކަމަށާއި އެކަމުގެ ސަބަބުން ސަރުކާރުން ކުޑަކޮށް ވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި މަގުމަތިން ސަރުކާރު ވައްޓާލުމުގެ ހިޔާލު އެމްޑީޕީން ދޫކޮށްލުމަށާއި އެއީ އެމްޑީޕީ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އެ ވިސްނުން ދޫކޮށްލައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރު ވުމަށް ނާޒިމް ވަނީ އެމްޑީޕީ އަށް ގޮވައިލައްވާފަ އެވެ.