18 Jan 2013, 22:49
ޕީޕީއެމްގެ ނާއިބް ރައީސް ކަމަށް މިއަދު އިންތިޚާބު ކުރި އިލްހާމް އަހުމަދާ އެކު މަސައްކަތް ކުރަން ވަރަށް ފަސޭހަވާނެ ކަމަށް އެ މަގާމަށް އިންތިޚާބުވި އަނެއް ކެނޑިޑޭޓް އަހުމަދު އަދީބް އަބްދުލް ޣަފޫރު ވިދާޅުވެއްޖެ އެވެ.
ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރުކަން ވެސް މިހާރު ކުރައްވަމުން ގެންދަވާ އަދީބު ވިދާޅުވީ އޭނާ އަކީ ވަރަށް ތަފާތު ފިކުރުތަކުގެ މީހުންނާ އެކު މަސައްކަތްކޮށް އެކަމުގެ ތަޖްރިބާ ހާސިލްކޮށްފައިވާ ބޭފުޅެއް ކަމަށާއި އިލްހާމް ފަދަ ސިޔާސީ ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅަކާ އެކު މަސައްކަތްކުރަން އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ.
~
އަދީބު ވިދާޅުވީ އޭނާގެ ނައިބު ރައީސް ކަމުގައި ޕާޓީގެ މެނިފެސްޓޯއަކީ އިގްތިސޯދީ ގޮތުން ހަރުދަނާ އެއްޗަކަށް ހެދުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދު ހިމާޔަތްކޮށް ކުރިއަރުވަން ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
"އަޅުގަނޑަކީ ވަރަށް ތަފާތު ފިކުރުތަކުގެ މީހުންނާ އެކު މަސައްކަތްކޮށް ތަޖްރިބާ ލިބިފައި ހުރި މީހެއް. އަޅުގަނޑު ދެކޭގޮތުގައި އިލްހާމާ އެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ ވާނެ. އެއީ އެއްވެސް މައްސަލައެއް ނޫން،" އަދީބު ވިދާޅުވި އެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޕީޕީއެެމްގެ ފުރަތަމަ ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސުން ހޮވުމަށް ނެގި ސިއްރު ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެންމެ ގިނަ ވޯޓު ލިބިފައި ވަނީ "ޔަގީން ޓީމު"ގެ އަދީބަށެވެ. ކޮންގްރެސްގައި ވޯޓްލި 400 އަށް ވުރެ ގިނަ މަންދޫބުންގެ ތެރެއިން 361 ވޯޓު އަދީބަށް ވަނީ ލިބިފަ އެވެ. އޭނާ އާ އެކު އެ މަގާމަށް ދެން ހޮވި އިލްހާމަށް ލިބިވަޑައިގަތީ 301 ވޯޓެވެ. އެ ދެބޭފުޅުންނާއި ވާދަ ކުރައްވައިގެން ބަލިވެވަޑައިގަތް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަށް ލިބިވަޑައިގަތީ 268 ވޯޓެވެ.
އިންތިޚާބުން ބަލިވެވަޑައިގެންނެވި އަބްދުއްރަހީމް މިރޭ ވިދާޅުވީ ނާއިބް ރައީސް ކަމަށް އޭނާ އާ ވާދަކުރައްވައިގެން ކާމިޔާބު ކުރެއްވި އަދީބާއި އިލްހާމަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަމަށާއި އެބޭޅުން އެ ހޯއްދެވި ކާމިޔާބަކީ ގޮނޑި ކާމިޔާބު ކުރަން ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
އޭނާ ވިދާޅުވީ ބަލިވެވަޑައިގަތީ ވަރަށް މިނިވަން އިސްސާފުވެރި އިންތިޚާބަކުން ކަމަށާއި މިއަދު ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނަސް ކުރިއަށް އޮތް ތަނުގައި ޕީޕީއެމް ކުރިއަރުވަން މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ބަލިވެވަޑައިގަތުމަކީ އޭނާ ޕާޓީއަށް ކޮށްދެއްވަމުން ގެންދާ ޚިދުމަތްތައް ޕާޓީގެ މެންބަރުން ބަލައި ނުގަތުން ނޫންކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ކޮންގްރެސް އަށް ފަހު ޕީޕީއެމް ބައިބައިވެ ރޫޅިގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަ ތަކަށް އަބްދުއްރަހީމް ވަނީ ރައްދު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ކޮންގްރެސް އަށްފަހުވެސް އަދި އަންނަ ފެބުރުއަރީ މަހު ބާއްވާ ރިޔާސީ ޕްރައިމަރީ އަށްފަހުވެސް ޕާޓީ ތެރޭގައި އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ޕާޓީ އިތުރަށް ވަރުގަދަވެ ކުރިއަރައިގެން ދާނެ ކަމަށެވެ.