18 Jan 2013, 21:50
ޕީޕީއެމް ކައުންސިލަށް ކޮންގްރެސްއިން އިންތިހާބު ކުރި މެންބަރުންގެ ތެރެއިން، ދެ ގޮނޑި ފިޔަވައި އެހެން ހުރިހާ ގޮނޑިތައް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އަބްދުﷲ ޔާމިންގެ "ޔަގީން ޓީމް"އިން މިއަދު ކާމިޔާބުކޮށްފި އެވެ.
ޕީޕީއެމްގެ ކައުންސިލްގެ 35 ގޮނޑީގެ ތެރެއިން ކޮންގްރެސްއިން އިންތިހާބު ކުރި 14 ގޮނޑީގެ މަގާމަށް ހޮވިފާފައިވާ ބޭފުޅުންގެ ތެރެއިން ޔާމިންގެ "ޔަގީން ޓީމް" އިން ވަނީ 12 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އުމަރު ނަސީރުގެ ޓީމުން ކައުންސިލުން ކަށަވަރުވެފައި ވަނީ އެންމެ ދެ ގޮނޑި އެވެ. އެ ދެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ އިސް އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު ސަލީމް (މާޒް ސަލީމް) މާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ބޯޑުން އިސްތިއުފާ ދެއްވި ނަހުލާ އަލީ އެވެ.
ކައުންސިލުގެ ގޮނޑިތަކަށް އިންތިހާބު ކުރި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓް ހޯއްދެވީ ރައީސް މައުމޫންގެ ދެ ދަރިކަލުން އަހުމަދު ފާރިޝް މައުމޫންއާއި މުހައްމަދު ޣައްސާން މައުމޫނެވެ. އެ ދެ ބޭފުޅުނަށް 400 އަށް ވުރެ ގިނަ ވޯޓް ލިބުނު އިރު، ކައުންސިލަށް އިންތިހާބުވި އެއްވެސް މެންބަރަކަށް އެ އަދަށް ގާތް ކުރެވޭ ވަރަށް ވެސް ވޯޓެއް ނުހޯއްދެވެ އެވެ.
މައުމޫންގެ ދެ ދަރިކަލުން ފާރިޝް އާއި ޣައްސާންއަށް ވެސް އުމަރުގެ ޓީމުންނާއި ޔާމިންގެ ޓީމުން ވެސް ތާއިދު ކުރައްވަ އެވެ. ނަމަވެސް އެ ދެ ބޭފުޅުން ކެންޕެއިން ކުރައްވާފައި ވަނީ ޔަގީން ޓީމާއެކުގަ އެވެ. ޣައްސާނާއި ފާރިޝްއާއެކު ޔަގީން ޓީމަށް ކައުންސިލުން ކާމިޔާބު ކުރި 10 ގޮނޑިއަށް އިންތިހާބުވެފައި ވަނީ އަހުމަދު ސިދުގީ އާއި މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޓެ) އާއި މުހައްމަދު ނިމާލާއި މުހައްމަދު ހުސައިން ޝަރީފު (މުންދު)އާއި އަނީސާ އަހުމަދާއި މުހައްމަދު ނަދީމާއި އަޒްލީން އަހުމަދާއި އަސްމާ ރަޝީދާއި އާމނަތު ނާދިރާއި އައިޝަތު ޝިހާމެވެ.
އިސްލާހު ކުރި އަސާސީ ގަވާއިދުގައި ބުނާ ގޮތުން ކައުންސިލްގައި ދެން ތިއްބަވާނީ ޕާޓީގެ ރައީސް އާއި ނައިބު ރައީސް އާއި ޕާޓީގެ މުސްތަޝާރު ނުވަތަ ޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިހާބަށް ވާދަކޮށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަ ބޭފުޅެކެވެ. އަދި ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންގެ ތެރެއިން 10 މެންބަރުނާއި ޒުވާނުންގެ ހަރަކާތުގެ ރައީސް އާއި ޒުވާނުންގެ އަންހެނުންގެ ހަރަކާތުގެ ރައީސާއި ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އާއި ކައުންސިލަރަކާއި ޕާޓީގެ ރައީސް އައްޔަން ކުރައްވާ ތިން މެންބަރަކު ވެސް ކައުންސިލްގައި ތިއްބަވާނެ ކަމަށް އަސާސީ ގަވާއިދަށް ގެނައި އިސްލާހުގައިވެ އެވެ.
ޕީޕީއެމްގެ ކޮންގްރެސްއިން އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުގައި ބުނަނީ ކައުންސިލްގައި ތިއްބަވާނީ ޕާޓީގެ ރައީސް އާއި ނައިބު ރައީސް އާއި ޕާޓީގެ މުސްތަޝާރު ނުވަތަ ޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިހާބަށް ވާދަކޮށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަ ބޭފުޅަކާއި ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންގެ ތެރެއިން 11 މެންބަރަކާއި ޒުވާނުންގެ ހަރަކާތުގެ ރައީސް އާއި ޒުވާނުންގެ އަންހެނުންގެ ހަރަކާތުގެ ރައީސާއި ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޕާޓީގެ ރައީސް އައްޔަން ކުރައްވާ ތިން މެންބަރުންނެވެ.