18 Jan 2013, 20:05
ސާބާ ޗެމްޕިއަންޝިޕް 2013ގައި ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޓީމު ކުޅުނު ދެވަނަ މެޗުގައި ޕާކިސްތާނުގެ ގައުމީޓީމު އަތުން 62-88 ޕޮއިންޓުން ރާއްޖެ ބަލިވެއްޖެ އެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްދާ އެ މުބާރާތުގެ ތިން ވަނަ މެޗުގައި މިއަދު ހަވީރު ޕާކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން ރާއްޖޭގެ ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އަހްމަދު ޒަބީރު އެވެ. އެނާ ވަނީ ރާއްޖޭގެ ޓީމަށް މިއަދުގެ މެޗުގައި ޖުމްލަ 10 ޕޮއިންޓް ހޯދައިދީފަ އެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ކުއާޓާގައި ޕާކިސްތާނު ޓީމުން 28 ޕޮއިންޓް ހޯދާފައިވާ އިރު ރާއްޖެ އަށް ހަމަކުރެވުނީ އެންމެ ހަތް ޕޮއިންޓެވެ. އަދި ދެ ވަނަ ކުއާޓާ ނިމުނު އިރު ރާއްޖޭގެ ޓީމަށް ހަމަކުރެވިފައި ވަނީ 25 ޕޮއިންޓެވެ. އެ ކުއާޓާގައި ޕާކިސްތާނު ޓީމުން ވަނީ 51 ޕޮއިންޓް ހަމަކޮށްފަ އެވެ.
މެޗުގެ ތިން ވަނަ ކުއާޓާގައި ރާއްޖެ އަށް 35 ޕޮއިންޓް ހަމަ ކުރެވުނު އިރު އެ ކުއާޓާ ނިމުނު އިރު ޕާކިސްތާނުން ވަނީ 63 ޕޮއިންޓް ހަމަކޮށް މެޗުގެ ނަތީޖާ 30 ޕޮއިންޓަށް ފުޅާކޮށްފަ އެވެ. އަދި މެޗުގެ ފަހު ކުއާޓާ ނިމުނު އިރު ޕާކިސްތާން ޓީމުން 88 ޕޮއިންޓު ހަމަކޮށްފައިވާ އިރު ރާއްޖެ އަށް ލިބިފައި ވަނީ 62 ޕޮއިންޓެވެ. އެ ނަތީޖާއާ އެކު މިއަދުގެ މެޗުން ރާޖެ ބަލިވީ 26 ޕޮއިންޓުގެ ތަފާތުން ނެވެ.
އެ މުބާރާތުގެ ހަތަރު ވަނަ މެޗުގައި މިރޭ ބަންގްލަދޭޝް އާ ވާދަކުރާނީ ނޭޕާލް އެވެ. މުބާރާތް ހުޅުވި މެޗުގައި ބޫޓާން އަތުން ބަންގްލަދޭޝް ޓީމު މޮޅުވެފައިވާ އިރު ނޭޕާލު ޓީމުވަނީ ރާއްޖޭގެ ޓީމުގެ މައްޗަށް ކާމިޔާބު ހޯދާފަ އެވެ.
ސާބާ ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅޭ ތިން ވަނަ މެޗުގައި މާދަމާ ހަވީ ބައްދަލުކުރާނީ ބޫޓާން އާއެވެ. މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 16:30ގަ އެވެ.