ދައުލަތުގެ ރައްކާތެރި ކަމުގައި ބައިތިއްބަން ޖެހޭ ކުޑަ ދެ ކުޑަކުއްޖަކު މާފުށީ ޖަލަށް ގެންދިޔަ މައްސަލާގައި ޖެންޑާ މިނިސްޓްރީން އިން ދައްކާފައިވާ ވާހަކަތަކަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑްވްސް (އެޗްއާރްސީއެމް) އިން ހޫނު ރައްދެއް ދީފި އެވެ.

އެޗްއާރްސީއެމްގައި މި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެޗްއާރުސީއެމްގެ ނައިބް ރައީސް އަހުމަދު ތޮލާލު މިރޭ ވިދާޅުވީ އެ ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ހިއުމަންރައިޓްސް ކޮމިޝަނުން މަޖުބޫރުކޮށްގެން އެ ކުއްޖާގެ މާޒީގެ ވާހަކަ ކިޔުއްވާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުނެފައިވާ ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެ ކުދިންގެ ކަރާމާތަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް އެކޮމިޝަނުން ކޮށްފައިނުވާ ކަމަށެވެ.

"ކޮމިޝަނުގެ ޓީމުން މާފުއްޓަށް ޒިޔާރަތްކޮށް އެ ކުދިންގެ ކަރާމާތަށް ބުރޫއާރާފާނެ އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ. އަދި ހަމަ އެހެންމެ އެ ކުދިންނާ ބައްދަލުކުރި ކޮމިޝަނުގެ ޓީމަކީ ކަމުގެ ތަމްރީނާއި ތަޖްރިބާ ލިބިފައިވާ ގާބިލް ބޭފުޅުން ހިމެނޭ ޓީމެއް،" ތޮލާލް ވިދާޅުވި އެވެ.

ތޮލާލް އިތުރަށް ވިދާޅުވީ ކުޑަކުދިންގެ ހިޔަލުގައި ބައިތިއްބާފައި ވަނިކޮށް އެ ތަނުން ނުކުމެގެން ދިޔަ ދެ ކުދިން މާފުއްޓަށް ގެންގޮސްފައި ވަނީ ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް ކަމަށް ޖެންޑާ އިން ބުނެފައިވީ ނަމަވެސް އަދި މިހާތަނަށް އެއްވެސް ރިހިބިލިޓޭޝަން ޕްރޮގްރާމެއް އެ ކުދިންނަށް ހިންގާފައިނުވާ ކަމަށެވެ. އަދި އެ ކުދިންނާ ބެހޭ މައުލޫމާތު ދިނުމަށް މީގެ ކުރިން ޖެންޑާ މިނިސްޓްރީގައި އެދުމުން ދީފައި ވަނީ ނުބައި މައުލޫމާތުތަކެއް ކަމަށާއި އެގޮތުން އެ ކުދިން ބައިތިއްބާފައި ތިބީ މާފުއްށީ ޖަލުގެ ބޭރުން ގެއެއްގައި ކަމަށް ބުނެފައިވީ ނަމަވެސް އެ ކޮމިޝަނުގެ ޓީމުން ގޮސް ބެލިބެލުމުން އެ ކުދިން ބައިތިއްބާފައި ތިބީ މާފުށީ ޖަލުގެ ވިންގެއްގައި ކަމަށް އެނގިފަިއވާ ކަމަށެވެ. އަދި ވިދާޅުވީ އެ ކުދިން ދޫނިދޫގައި ބައިތިއްބާފައިވާ 17 ދުވަހުގެ ތެރޭގައި ވެސް އެ ކުދިނަށް ނަފްސާނީ ގޮތުން އަސަރުކުރާ ފަދަ ކަންތައްތައް ހިނގާފައިވާ ކަމަށެވެ.

"މިކޮމިޝަނުން ވަނީ މި މަމަހުގެ 16 ވަނަ ދުވަހު އަންގާފައި އެ ކުދިން މާފުށީ ޖަލުން ނެރެ ދައުލަތުގެ ބެލުމުގެދަށުގައި ކުޑަކުދިން ރައްކާތެރިކަމާ އެކު ބެލެހެއްޓުމުގެ ގާނޫނީ ހައިސިއްޔަތު އޮތް ތަނަކަށް އެތަނަށް ބަދަލުކުރުމަށް. ނަމަވެސް މިއަދާހަމައަށް ވެސް އެ އެންގުމަށް ޖެންޑާ މިނިސްޓްރީން އިޖާބަ ދީފައެއްނުވޭ. އެ ކުދިން ތިބި ޖަލުގެ ވިންގުގައި ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ދެ ކުދިން އެބަތިބި." ތޮލާލް ވިދާޅުވި އެވެ.

ކުޑަކުދިންގެ ހިޔަލުގައި ބައިތިއްބާފައި ވަނިކޮށް މާފުށީ ޖަލަށް ގެންދިޔަ ދެ ކުދިންނާ ގުޅޭ ގޮތުން ޖެންޑާ އިން ބުނެފައި ވަނީ އުމުރުން 16 އަހަރާއި 17 އަހަރުގެ ދެ އަންހެން ކުދިންނަކީ ދަންވަރުގެ ވަގުތެއްގައި ވިލިމާލޭގައި ހުންނަ ކުޑަ ކުދިންގެ ހިޔާއިން ނުކުމެގެން ގޮސްފައިވާ ދެ ކުދިން ކަމަށެވެ. އަދި ހިޔަލުން ނުކުމެގެން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް އެ ދެ ކުދިން ގެންގޮސް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ޖުވެނައިލް ކޯޓަށް ހުށަހެޅި ކަމަށެވެ. އަދި އެ ކުދިންގެ ބަންދުގެ މުއްދަތުގެ ގޮތުގައި ހަތް ދުވަސް ކޯޓުން ޖަހާދީފައިވާ ކަމަށް ޖެންޑާ އިން ބުންޏެވެ.