18 Jan 2013, 18:40
ޕީޕީއެމްގެ ފުރަތަ ދާއިމީ ދެ ނައިބު ރައީސުންނަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އިލްހާމް އަހުމަދު އިންތިހާބު ވެވަޑައިގެންފި އެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ކޮންގްރެސްގައި ނައިބު ރައީސުން ހޮވުމަށް ނެގި ސިއްރު ވޯޓުގެ ވަގުތީ މަތީޖާ ދައްކާ ގޮތުން އެންމެ ބޮޑު އަޣުލަބިއްޔަތެއް ލިބިފައި ވަނީ އަބްދުﷲ ޔާމިންގެ "ޔަގީން ޓީމު"ގެ އަދީބަށެވެ. ކޮންގްރެސްގައި ވޯޓްލި 400އަށް ވުރެ ގިނަ މަންދޫބުންގެ ތެރެއިން 361 ވޯޓް ވަނީ އަދީބަށް ކަށަވަރުވެފަ އެވެ.
އަދީބާ އެކު ނައިބު ރައީސުންނަށް ދެން ކުރިމަތިލެއްވި އިލްހާމާއި އަބްދުއްރަހީމް އަބްދުﷲގެ ވޯޓްގެ ވާދަވެރިކަން ވަރަށް ބޮޑެވެ. ވަގުތީ ނަތީއްޖާ އިން ދައްކާ ގޮތުން އިލްހާމަށް ލިބިވަޑައިގެންފައިވާ ވޯޓް 301 އަށް އަރަ އެވެ. ނަމަވެސް އަބްދުއްރަހީމަށް ލިބިވަޑައިގެންނެވި ވޯޓް އަދަދަކީ 268 ވޯޓެވެ. އެ ދެ ބޭފުޅުންގެ ވޯޓްގެ ފަރަގަކީ 33 ވޯޓެވެ.
ޕީޕީއެމްގެ ނައިބު ރައީސުންގެ ވަގުތީ ނަތީއްޖާ މިހާތަނަށް ދައްކާ ގޮތުން އަދީބާއި އިލްހާމް ނައިބު ރައީސްކަން ކާމިޔާބު ކުރެއްވި ކަމަށް ކޮންގްރެސްގައި ވަނީ އިއުލާންކޮށްފަ އެވެ. ކޮންގްރެސްގައި ވޯޓްލި 12 ފޮށީގެ ތެރެއިން ގިނަ ވޯޓް ފޮށިތައް ކާމިޔާބު ކުރެއްވީ އަދީބެވެ.