މާލޭގެ ފިހާރައަކަށްވަދެ ފައިސާތަކެއް ފޭރިގަނެގެން ފިލުމަށް މަސައްކަތްކުރި މީހަކު ހުއްޓުވަން ފުލުހަކު މަސައްކަތްކުރުމުން އެފުލުސް މީހާ އަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ހާދިސާގައި ޖަހަމްވި ފުލުހުންގެ މީހާ އަށް އައިޖީއެމްއެޗުން ފަރުވާދީފައިވާ ކަމަށެވެ. ނަމަވެސް އޭނާ އަށް ލިބިފަިއވާ ޒަހަމުގެ ތަފްސީލެއް ނުދެ އެވެ. އަދި ވިދާޅުވީ އެ މައްސަލާގައި 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ މީހާ ޒަހަމްކޮށްލާފައި ވަނީ ރޭގައި އަލިކިލެގެފާނު މަގުގައި ހުންނަ ފިހާރަޔަކުން 4700 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިގެން ދިޔަ މީހަކު ހުއްޓުވުމަށް ފުލުހަކު މަސައްކަތް ކުރުމުން ކަމަށެވެ.

އެ މައްސަލާއާ ބެހޭ އިތުރު މައުލޫމާތެއް އަދި ފުލުހުން އާންމު ނުކުރާއިރު ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގްކުރަމުންދާ ކަމަށެވެ.