މާފުށީގައި ބައިތިއްބާފައި ތިބި ދެކުދިންގެ ތެރެއިން އެއްކުއްޖަކަށް ހިއުމަންރައިޓްސް ކޮމިޝަނުން މަޖުބޫރުކޮށްގެން އެކުއްޖާގެ މާޒީގެ ވާހަކަ ކިޔުއްވާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާއިން ބުނީ ކުޑަކުދިންގެ ހިޔާގައި ބައިތިއްބާފައިވަނިކޮށް އެތަނުން ނުކުމެގެން ދިޔަ ދެކުދިންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް މާފުށްޓަށް ގެންގޮސްފައިވަނިކޮށް އެޗްއާރުސީއެމުން އެ ދެކުދިން ކައިރިއަށް ކުރި ޒިޔާރަތުގައި އެތަނުން އެއްކުއްޖެއްގެ މާޒީ ކިޔައިދިނުމަށް ދެކޮޅު ހެދުމުން ވެސް އެ ކުއްޖާއަށް މަޖުބޫރުކޮށްގެން އެކުއްޖާގެ މާޒީގެ ވާހަކަ ކިޔުއްވާފައިވާ ކަމަށް އެކުއްޖާގެ ކޭސް ވޯކަރުގެ ގާތުގައި ބުނެފައިވާ ކަމަށެވެ. އަދި އެކަމުގައި އެޗްއާރުސީއެމްއާ މެދު ގާނޫނީ ފިޔަވަޅުއެޅުމަށް ޖެންޑާއިން ސީރިއަސްކޮށް ވިސްނަމުންދާ ކަމަށް ވެސް އެމިނިސްޓްރީން ބުނެ އެވެ.

ދެކުދިންގެ މައްސަލައިގައި ހިއުމަންރައިޓްސް ކޮމިޝަނުން ދައްކާފައިވާ ވާހަކަތަކަށް ރައްދުދީ ޖެންޑާއިން އާންމުކުރި ފަސް ސަފްހާގެ ބަޔާނެއްގައި ބުނެފައިވަނީ އެޗްއާރުސީއެމުން އިއްޔެގެ ވަގުތެއްގައި މާފުށްޓަށް ގޮސް އެކުދިންނާ ބައްދައްލުކޮށް އެކުދިންގެ މާޒީގައި ވެފައިވާ އަނިޔާތައް އެކުދިންލައްވައި އަލުން ޚިޔާލަށް ގެނުވައިގެން ކިޔުއްވާފައިވާ ކަމަށެވެ.

"..މިހާތަނަށް ވެސް މިނިސްޓްރީން މަސައްކަތްކޮށްފައިވަނީ އެކުދިންގެ މާޒީން އެކުދިން ނެރެ އެފިކުރުތަކާ ދުރުކުރުމަށް ކަމަށްވާއިރު، ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ އެކުދިންނަށް މިހާތަނަށް މިމިނިސްޓްރީން ދީފައިވާ އެންމެހާ ސަޕޯޓްތައް ނަގައިލާފަ އެވެ. މިކަމަކީ މިމިނިސްޓްރީން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެކެވެ..."

ޖެންޑާއިން ބުނީ އެކުދިންގެ ބެލެނިވެރިންގެ ހައިސިއްޔަތުން އެ މިނިސްޓްރީން މިހާތަނަށް ވެސް އަމަލުކުރަމުން އައީ ކޭސް ވޯކަރު (އިޖްތިމާއީ ޚިދުމަތް ތެރިޔާ) ފިޔަވައި އެހެން މީހަކަށް އެކުދިންގެ ސިއްރުތައް ހާމަނުކުރުމުގެ ސިޔާސަތަށެވެ. ނަމަވެސް މާފުށީގައި ތިބި ކުދިންގެ ތެރެއިން ކުއްޖަކާ އޭނާގެ މާޒީއާ ބެހޭ ގޮތުން އެޗްއާރުސީއެމްއިން ސުވާލު ކުރުމުން އޭނާގެ ކޭސްވޯކަރު ނެތި އެވާހަކަތައް ދައްކަން ބޭނުންނުވާ ކަމަށް ބުނުމުން ވެސް ކޮމިޝަނުން އޭނާއަށް މަޖުބޫރުކޮށްގެން ވާހަކަ ދައްކުވާފައިވާ ކަމަށް ކޭސްވޯކަރު ގާތު ބުނެފައިވާ ކަމަށެވެ.

އެޗްއާރުސީއެމްގެ ވާހަކަތައް ކުށްވެރިކޮށް ޖެންޑާއިން ނެރުނު ބަޔާނުގައި ބުނީ ކުޑަކުއްޖަކާ މެދު އެފަދަ އިހާނަތްތެރި ގޮތަކަށް އެޗްއާރުސީއެމުން އަމަލުކުރުމަށްފަހު، ކަމުގެ ހަގީގަތް ބެލުމަކާނުލައި އެކުދިންގެ ވާހަކަތައް މީޑިއާގެ ފަލަ ސުރުޚީތަކަށް ގެނެސް، އެކުދިންގެ ކަރާމާތަށް ގެއްލުން ދިނުމަށްފަހު އެކުދިންގެ ހައްގުތަކުގެ ވާހަކަދެއްކުމަށް އެކޮމިޝަން ކުފޫ ހަމަނުވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގުކޮށް އެކުއްޖާއަށް އޭނާގެ މާޒީ ހަނދާނަށް ގެނައުމުގެ ސަބަބުން ލިބިފައިވާ ނަމަ، ވާ ގެއްލުމަކަށް އެ ކޮމިޝަން ޒިންމާދާރު ކުރުވަން ކުރަންޖެހޭ މަސައްކަތެއް އެމިނިސްޓްރީން ކުރާނެ ކަމަށް ވެސް ޖެންޑާއިން ބުނެ އެވެ.

ކުޑަ ދެ އަންހެން ކުދިންގެ މައްސަލައިގައި އެޗްއާރުސީއެމުން ބުނާ ގޮތުގައި ދައުލަތުން ވަނީ އެ މައްސަލައިގައި މިގައުމުން ސޮއިކޮށްފައިވާ މުއާހަދާތަކާއި އިންސާނީ ހައްގުތަކުގެ އެންމެ ބޭސިކް ރައިޓްސްތަކާ ވެސް ޚިލާފުވެފައި ކަމަށެވެ. އަދި އެކުދިން ބައިތިއްބާފައި ތިބީ މާފުށީ ޖަލުގައި ކަމަށް ވެސް އެޗްއާރުސީއެމުން ވަނީ ބުނެފަ އެވެ.