18 Jan 2013, 13:58
ލ. ކައްދޫ އެއާޕޯޓުގައި ހެވީލޯޑް މޯލްޑިވްސް އިން ހިންގާ ގެސްޓް ހައުސްތަކުން ދައުލަތަށް ދައްކަން ޖެހޭ 48 މިލިއަން ރުފިޔާ ދައްކާފައި ނުވާތީ އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށް އޮޑިޓާ ޖެނެރަލް ލަފާދެއްވައިފި އެވެ.
އޯޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް އެގޮތަށް ލަފާދެއްވާފައި ވަނީ އިއްޔެ އާންމު ކުރި ޓްރާންސްޕޯޓް މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓްގަ އެވެ.
އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ހެވީލޯޑުން އެތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 48.7 މިލިއަން ރުފިޔާ އާއި އެތަނުގެ ކަރަންޓް ބިލްތަކަށް އަރާފައިވާ 37863ރ. (ތިރީސް ހަތް ހާސް އަށް ސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ) ވެސް ދައްކާފައި ނުވާ ކަމަށެވެ.
މިދޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އޮޑިޓާ ޖެނެރަލް ނެރުއްވި ޓޫރިޒަމް މިނިސްޓްރީގެ އޯޑިޓް ރިޕޯޓްގައި ވެސް އެ ގެސްޓް ހައުސްތަކާ ގުޅޭ ވާހަކަތަކެއް ވަނީ ފާހަގަ ކޮށްފަ އެވެ. މިގޮތުން ކައްދޫ އެއާޕޯޓްގައި ޓޫރިސްޓް ގެސްޓް ހައުސްތައް ހިންގުމަށް ހެވީލޯޑަށް ހުއްދަ ދީފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ވެސް ފާހަގަ ކޮށްފައި ވެއެވެ. އަދި ކައްދޫ އެއާޕޯޓްގައި ހިންގި ގެސްޓް ހައުސްތަކުން ލިބެން ޖެހޭ ޚިދުމަތްތަކުގެ ފެންވަރާއި މިންގަނޑުތަކެއް ބަޔާން ކޮށްފައި ނެތްކަމަށް ވެސް އެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.