އިސްލާމް އާބާދު (ޖަނަވަރީ 18): ޕާކިސްތާނުގެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ދެން ގެންގުޅޭ އާ ސްޓްރެޓެޖީއެއް ކަމަށް ވިދާޅުވެ އެގައުމުގެ ދީނީ ޢިލްމުވެރިއެއް ކަމަށްވާ މުޙައްމަދު ތާހިރުއަލްޤާދިރީ އިސްކޮށް ހުންނަވައިގެން ކުރިޔަށް ގެންދިޔަ މުޒާހަރާތައް އިއްޔެ ނިމުމަކަށް ގެނަސް ފިއެވެ.

އަލްޤާދިރީ ވިދާޅުވި ގޮތުގައި އޭނާގެ އާ ސްޓްރެޓެޖީ ބިނާވެފައިވަނީ ކަންތައްތައް އިސްލާޙް ކުރުމަށާއި ކޮރަޕްޝަނާ ހުއްޓުވުމަށް ސަރުކާރަށް އިތުރު ފުރްސަތެއް ދިނުމަށާއި ސަރުކާރާއެކު ވާހަކަ ދެއްކުމުގެ މައްޗަށެވެ. މިކަމަށްޓަކައި އަލްޤާދިރީ އާއެކު ވާހަކަދެއްކުމަށް އޭނާ ވަނީ ބޮޑުވަޒީރު ރާޖާ ޕަރުވޭޒް އަޝްރަފްގެ ސަރުކާރަށް މިއަދުގެ މެންދުރު ފަހު 3 އަކާ ހަމައަށް ވަގުތުދެއްވާފަ އެވެ. އަލްޤާދިރީ ދެއްވި މިސުންގަނޑިއަށް ސަރުކާރުން އިޙްތިރާމް ނުކޮށްފިނަމަ އައު ސްޓްރެޓެޖީގެ ދަށުން ސަރުކާރާ ދެކޮޅަށް ކަންތައްތަކެއް ފަށާނެކަމަށާ މިކަންތައް ތަކުގެ މުގުލުގައި ތިބޭނީ ޕާކިސްތާން ރައްޔިތުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަލްޤާދިރީވަނީ ތިރީހަކަށް ހާސް މީހުންނާއެކު އޭނާ އިސްކޮށް ހުންނަވައިގެން އިސްލާމް އާބާދުގައި ސަރުކާރާ ދެކޮޅަށް ސުލްޙަވެރި މުޒާހަރާތަކެއް ކުރައްވާފައެވެ. މިމުޒާހަރާތަކާގުޅިގެން ޕާކިސްތާން ސަރުކާރަށްވަނީ ސިހުން ލިބިފައެވެ. އަލްޤާދިރީ އާއެކު މުޒާހަރާކުރި އެތަށް ހާސްބަޔަކާ ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގި ނަމަވެސް ހަތަރު ދުވަސްވަންދެން ކުރި ވަރުގަދަ މުޒާހަރާ ރޫޅާލުމަށް ޕާކިސްތާން ފުލުހުން މަސައްކަތްކޮށްފައެއް ނުވެއެވެ. އަލްޤާދިރީ އާއި އޭނާގެ ބައިވެރިން ކުރި މުޒާހަރާތަކުގައި ސަރުކާރުގެ ކިބައިން އެދިފައިވަނީ ސިޔާސީ އިސްލާހްތައް ގެނައުމަށާއި ސަރުކާރުގެ ހިންގުމުގެ ނިޒާމް ރަނގަނޅު ކުރުމަށާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށެވެ.

ކޮރަޕްޝަނާއި ސަރުކާރުގެ ހިންގުން ދޯދިޔާ ވުމުގެ ސަބަބުން ޕާކިސްތާނުގެ އިޤްތިސާދު އިނދަޖެހި ޖަރީމާތައް އާދަޔާ ޚިލާފަށް ގިނަވެ ހަނގުރާމަވެރި ހަރުކަށި ޖަމާއަތެއް ކަމަށްވާ ތާލިބާނުންނަށް ޕާކިސްތާނުގެ މުޖްތަމަޢު ހަލާކުކުރުމުގެ ފުރްސަތު ލިބިގެން ދިޔަކަމަށް އަލްޤާދިރީ ވަނީ ތުހުމަތު ކުރައްވާފައެވެ. ޕާކިސްތާނުން މިކަންކަމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ އެގައުމުގެ ހަލާކުވެގެން ދިޔުމަށް މާގިނަދުވަސްތަކެއް ނުނަގާނެ ކަމަށްވެސް އަލްޤާދިރީ ވިދާޅުވިއެވެ.

އަލްޤާދިރީ އަކީ ކެނެޑާގައި ދިރިއުޅުއްވާ ޕާކިސްތާނުގެ ދީނީ ޢިލްމުވެރިއެކެވެ. އޭނާ އެނބުރި ގައުމަށް ވަޑައިގެންނެވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އަލްޤާދިރީ އަކީ ޕާކިސްތާނުގެ ސިފައިންގެ ނުފޫޒު ގަދަ ޖެނެރަލުން ސަރުކާރާ ދެކޮޅަށް ނެރުއްވާފައިވާ ބޭފުޅެއް ކަމަށް ވެރިކަންކުރާ ޕާކިސްތާން ޕީޕަލްސް ޕާޓީގެ ނުފޫޒު ގަދަ ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. (އަލްޖަޒީރާ)