02 Oct 2010, 11:33
ސަރުކާރުން އެދެނީ ވީހާ ވެސް އަވަހަކަށް އޭސީސީގެ މެމްބަރުކަމުގެ ހުވާ ސ. ހިތަދޫ، ރަންފަސް ހަސްން ލުތުފީ އަށް ކުރެވޭނެ ގޮތް ހަމަޖެހިގެން ދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަދަނީ ކޯޓުން 30 ދުވަހުގެ ތެރޭގައި އޭސީސީއަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފައިވާ އިރު، ރައީސް ނަޝީދު ވިދާޅުވީ އޭސީސީގެ މެމްބަރުކަމަށް ލުތުފީ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމުން މެމްބަރުކަމަށް އައްޔަން ނުކުރެއްވީ ލުތުފީއާ މެދު ސަރުކާރުން ހިތްހަމަ ނުޖެހިގެނެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ އޭސީސީގެ މެމްބަރުކަމަށް ލުތުފީ ވީހާ ވެސް އަވަހަކަށް އައްޔަންކުރެއްވުމަށް އެ މަނިކުފާނު ބޭނުންފުޅުވެވަޑަގެންނެވި ނަމަވެސް އެ ކަމުގައި ބަންޑާރަ ނާއިބު ޑރ. އަހުމަދު އަލީ ސަވާދުގެ ލަފައެއް ބޭނުންފުޅުވާ ކަމަށެވެ.
ނިއުދިއްލީގައި މާދަމާ ފަށާ ކޮމަންވެލްތު ގޭމްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ
ލުތުފީގެ މައްސަލައިގައި ދައުލަތުން އިސްތިއުނާފު ކުރައްވަން ބަންޑާރަ ނާއިބު އެދިވަޑައިގަންނަވާތޯ އެނގެންޖެހޭ ކަމަށާއި ނަމަވެސް އެމަނިކުފާނު ބޮޑަށް ބޭނުންފުޅުވަނީ ލުތުފީ އަށް އޭސީސީގެ މެމްބަރުކަމުގެ ހުވާކުރެއްވޭނެ ގޮތެއް ވުން ކަމަށެވެ.
ލުތުފީ އޭސީސީއަށް އައްޔަން ނުކޮށްގެން ލުތުފީގެ ފަރާތުން މަދަނީ ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމުގައި އޭސީސީގެ މެންބަރު ކަމަށް ލުތުފީ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ ގާނޫނު އަސާސީ އާއި އޭސީސީގެ ގާނޫނުގައިވާ ހަމަތަކުގެ މަތިން ކަމަށާއި އޭސީސީގެ މެންބަރު ކަމަށް ލުތުފީ އައްޔަންކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވާތީ 30 ދުވަހުގެ ތެރޭގައި ލުތުފީ އޭސީސީ އަށް އައްޔަންކުރުމަށް މަދަނީ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.