އިސްލާމް އާބާދު (ޖަނަވަރީ 18) : ކޮރަޕްޝަނުގެ މައްސަލާގައި ޕާކިސްތާނުގެ ބޮޑުވަޒީރު ރާޖާ ޕަރުވޭޒް އަޝްރަފް ހައްޔަރު ކުރުމަށް އެގައުމުގެ ސުޕްރީމް ކޯޓުން ދާދި ފަހުން ނެރުނު އަމުރަކީ ސައްޙަ ދަލީލުތަކެއްގެ މައްޗަށް ރިޢާޔަތްކޮށްގެން ނެރެފައިވާ އަމުރެއް ނޫންކަން ހާމަވެއްޖެ އެވެ.

މިކަން ހާމަކުރައްވަމުން ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިނުގަންނަވާ އެ ކޯޓުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވީ ބޮޑުވަޒީރުގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުގެ މައްސަލާގައި ޕާކިސްތާނުގެ ދައުލަތުގެ އެއްވެސް ފައިސާއެއް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން އެގައުމުގެ އެންޓި ކޮރަޕްޝަނާ ބެހޭ އިދާރާ އިން އެންމެ ފަހުންކުރި ތަޙްޤީޤްތަކުން ހާމަވެފައިނުވާ ކަމުގަ އެވެ. ނަންހާމަކުރަން ނޭދޭ ޕާކިސްތާނުގެ ސްޕްރީމް ކޯޓުގެ މިމަސްއޫލުވެރިޔާ ވިދާޅުވީ ބޮޑުވަޒީރާއި އިތުރު 15 މީހަކު ހައްޔަރު ކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ސައްޙަ ދަލީލުތަކެއްގެ މައްޗަށް ރިޢާޔަތްކޮށްގެން ނެރެފައިވާ އަމުރެއް ކަމަށް ނުބެލެވޭތީ ބޮޑުވަޒީރު ހައްޔަރުކުރުމަށް ޕާކިސްތާނުގެ އެންޑިކޮރަޕްޝަނާ ބެހޭ އިދާރާ އިން މަސައްކަތް ކުރާނެކަމަށް ނުބެލެވޭ ކަމުގަ އެވެ.

ބޮޑުވަޒީރު ރާޖާ ޕަރުވޭޒް އަޝްރަފާއި އިތުރު 15 މީހަކު ހައްޔަރު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުނީ އަޝްރަފް ޕާކިސްތާނުގެ އެނަރޖީ އެންޑް ވޯޓަރ އާބެހޭ ވަޒީރުކަމުގައި ހުންނެވި ދުވަސްވަރު ހިންގަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ ޢަމަލަކާ ގުޅިގެންނެވެ. ބޮޑުވަޒީރާއި އިތުރު 15 މީހަކު ހައްޔަރު ކޮށް ސްޕްރީމްކޯޓަށް ހާޒިރުކޮށް ދިނުމުގެ އަމުރު ސްޕްރީމް ކޯޓުން ނެރުނީ ޕާކިސްތާނުގެ އެންޓި ކޮރަޕްޝަނާބެހޭ އިދާރާގެ މައްޗަށެވެ. ނަމަވެސް މިއީ ސައްޙަ ނޫން ލިޔެކިޔުން ތަކެއްގެ މައްޗަށް ރިޢާޔަތްކޮށްގެން ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރެއްކަމަށް އެ އިދާރާގެ ތަޙްޤީޤްތަކުން މިހާރު ހާމަވެފައިވާތީ އެންޓި ކޮރަޕްޝަނާ ބެހޭ އިދާރާއިން ބޮޑުވަޒީރު ހައްޔަރުކުރާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ސްޕްރީމް ކޯޓުގެ ނަންހާމަކުރަންނޭދޭ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.

ސައުވީސް ގަޑިއިރު ތެރޭގައި ބޮޑުވަޒީރު ހައްޔަރުކުރުމަށް ސްޕްރީމް ކޯޓުން ނެރުނު އަމުރަށް މިހާރު 72 ގަޑީއިރު ވެފައިވީ ނަމަވެސް ސްޕްރީމް ކޯޓުގެ އަމުރާއެއްގޮތަށް އެންޓި ކޮރަޕްޝަނާ ބެހޭ އިދާރާ އިން އެކަން ތަންފީޒު ކޮށްފައެއްނުވެ އެވެ. ސްޕްރީމް ކޯޓުގެ އަމުރާއެއްގޮތަށް އެންޓި ކޮރަޕްޝަނާ ބެހޭ އިދާރާ އިން ބޮޑުވަޒީރު ހައްޔަރުކޮށްގެން އެކޯޓަށް ޙާޒިރު ކުރިނަމަވެސް ބޮޑުވަޒީރަށް މަޤާމް ގެއްލިވަޑައިގަތުމުގެ އެއްވެސް ބިރެއްނެތް ކަމަށް ޕާކިސްތާނުގެ ޤާނޫނީ ތަޖްރިބާކާރުން ދެކެއެވެ.

ސިޔާސީ ފަރާތްތަކުން ދެކެނީ މިއީ މިއަހަރުގެ މެދެއްހާ ހިސާބު ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައވާ އިންތިޚާބަށް އަސަރު ފޯރުވުމުގެ ގޮތުން ޕާކިސްތާން ސިފައިންގެ ތެރޭގައި ހިމެނޭ ނުފޫޒު ގަދަ އިސް ޖެނެރަލުންނާއި ސްޕްރީމް ކޯޓު ގުޅިގެން ސަރުކާރާ ދެކޮޅަށް ހިންގާ ކަންތައް ތަކެއް ކަމުގަ އެވެ. (އަލްޖަޒީރާ)