ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރުގެ ޓީމުގެ އިސް އެކްޓިވިސްޓް އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހީމް ނާޒިމް ޕީޕީއެމްގެ ޒުވާނުންގެ ހަރަކާތުގެ ރައީސް ކަމަށް އަދި އެ ހަރަކާތުގެ ނައިބް ރައީސް ކަމަށް އަބްދުﷲ ޔާމިންގެ "ޔަގީން ޓީމު"ގެ އައިމިނަތު ނަދާ ހޮވައިފި އެވެ.

މިހާރު ކުރިއަށްދާ ޕީޕީއެމްގެ ކޮންގްރެސްގައި ނެގި ސިއްރު ވޯޓުގައި ރައީސް ކަމުގެ މަގާމު ނާޒިމް ކާމިޔާބު ކުރީ ކޮންގްރެސްއިން ވޯޓުލި 61 ޒުވާނުންގެ ތެރެއިން 29 ވޯޓު ހޯދައިގެންނެވެ. ނާޒިމްއާ އެންމެ ކައިރިން ވާދަ ކުރީ އަބްދުﷲ ޔާމިންގެ "ޔަގީން ޓީމު"ގެ ޒާހިދު ޒަމީރެވެ. އޭނާއަށް ލިބުނީ 22 ވޯޓެވެ. ދެން އެ މަގާމަށް ކުރިމަތިލި އިބްރާހިމް މުއާޒު (ޓީވީ މުއާ)އަށް ލިބުނީ އަށް ވޯޓެވެ.

ޕީޕީއެމްގެ ޒުވާނުންގެ ހަރާކާތުގެ ނައިބު ރައީސް ކަމަށް ހޮވިފައިވަނީ "ޔަގީން ޓިމު"ގެ އާމިނަތު ނަދާ(ނަދާއްކޮ) އެވެ. އޭނާއަށް އެ މަގާމު ލިބުނީ 40 ވޯޓާއެކުގަ އެވެ. އަދި ޓީމް އުމަރުގެ އަހުމަދު ޝަމްއޫން އަށް ލިބިފައިވަނީ 17 ވޯޓެވެ. އަދި މުހައްމަދު ޝަހުނީމްއަށް ލިބުނީ ފަސް ވޯޓެވެ.