18 Jan 2013, 10:40
ޕީޕީއެމްގެ ރައީސް އާއި ނާއިބު ރައީސުން މަގާމުން ދުރުކުރުމަށް އިތުބާރު ނެތް ކަމުގެ ވޯޓު ޕާޓީގެ ކައުންސިލްގައި ނެގޭނީ، އެ ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ ތެރެއިން 25 ޕަސެންޓް މެންބަރުން ޕެޓިޝަނެއް ހުށަހެޅުމުން ކަމަށް ޕީޕީއެމްގެ ކޮންގްރެސްއިން އިއްޔެ ފާސްކުރި އަސާސީ ގަވާއިދުގައި ކަނޑައަޅައިފި އެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 54 ވަނަ މާއްދާ އިސްލާހު ކުރުމަށް ހުށަހެޅި، އެ އިސްލާހު ފާސްވީ އެ ވަގުތު ޖަލްސާގައި ތިއްބެވި 350 މަންދޫބުންގެ ތެރެއިން 302 މަންދޫބުން ވޯޓު ދެއްވައިގެންނެވެ.
ޕީޕީއެމްގެ ޑްރާފްޓިން ކޮމެޓީން ހުށަހަޅައި ކޮންގްރެސްއިން ފާސްކުރި އިސްލާހުގައި ބުނަނީ ޕާޓީގެ ރައީސް އާއި ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމަށްޓަކައި ޕީޕީއެމްގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ ތެރެއިން 25 ޕަސެންޓް މެންބަރުން ސޮއިކޮށް ހުށަހަޅާ ޕެޓިޝަނެއް ޕާޓީގެ އަމީންއާންމަށް ހުށަހެޅިދާނެ ކަމަށެވެ.
އިސްލާހުގައިވާ ގޮތުން ޕެޓިޝަން ހުށަހަޅާތާ ދެ ދުވަހުގެ ތެރޭގައި ކައުންސިލް ޖަލްސާއެއް ބޭއްވުމަށް ޕާޓީގެ ރައީސަށް އަމީންއާންމު އަންގަވަންވާނެ އެވެ. އަދި އަމީންއާންމު މި ގޮތަށް އެންގެވުމުން ތިން ދުވަހުގެ ތެރޭގައި ކައުންސިލް ބައްދަލުވުމެއް ބާއްވަން ޖެހޭނެ އެވެ. އަދި އިތުބާރު ނެތް ކަމުގެ މައްސަލަ ފިޔަވައި އިތުރު އެއްވެސް މައްސަލައެއް އެ ޖަލްސާއަށް އެޖެންޑާކޮށްގެން ނުވާނެ ކަމަށާއި އިތުބާރު ނެތް ކަމުގެ މައްސަލަ ރައްދުވާ މެންބަރަށް އެ ޖަލްސާގައި ބައިވެރިއެއް ނުވެވޭނެއެވެ.
ޕާޓީގެ ރައީސް އާއި ނައިބު ރައީސުންގެ މައްޗަށް އިތުބާރު ނެތް ކަމަށް ކަނޑައަޅާ ބައްދަލުވުމުގައި އިތުބާރު ނެތް ކަމުގެ މައްސަލަ ތަހުގީގު ކުރަން ކޮމެޓީއެއް ހޮވަން ޖެހެ އެވެ. އެ ކޮމެޓީގައި ހިމެނޭނީ ފެޓިޝަން ހުށަހެޅި މެންބަރުންގެ ތެރެއިން ހޮވާލެވޭ މެންބަރަކާއި ޕާޓީގެ ކައުންސިލުން އައްޔަން ކުރާ ދެ މެންބަރަކާއި އިތުބާރު ނެތް ކަމުގެ މައްސަލަ ރައްދުވާ ފަރާތުން އައްޔަން ކުރާ ދެ މެންބަރުންނެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދަށް ހުށަހެޅި 44 އިސްލާހުގެ ތެރެއިން އެންމެ އިސްލާހެއް ފިޔަވައި ދެން ހުރި ހުރިހާ އިސްލާހެއް ފާސްވީ ކޮންގްރެސްގެ ބޮޑު އަގުލަބިއްޔަތަކުންނެވެ. އަސާސީ ގަވާއިދަށް ހުށަހަޅި އިސްލާހުތަކުގެ ތެރެއިން މަންދޫބުން ދެކޮޅު ހެއްދެވީ ޕްރައިމަރީއަކާއި ނުލައި ހިނގަމުންދާ ދައުރަށް އިންތިހާބުވެފައިވާ މަޖިލިސް މެންބަރުނާއި ކައުންސިލަރުންނަށް ކުރިއަށް އޮންނަ އިންތިހާބަކަށް ކުރިމަތިލެވޭނެ ގޮތަށް އޮތް އިސްލާހެވެ.
އަސާސީ ގަވާއިދުގެ 63 ވަނަ މާއްދާއަށް ހުށަހެޅި އެ އިސްލާހުގައި ބުނަނީ ހިނގަމުންދާ ދައުރުގައި މަޖިލިސް ނުވަތަ ލޯކަލް ކައުންސިލެއްގެ މެންބަރެއްގެ ގޮތުން ޕާޓީއަށް އިލްލާސްތެރިކަމާއެކު މަސައްކަތްކުރައްވަމުން އަންނަ މެންބަރަކު ޕްރައިމަރީއަކާ ނުލައި އިންތިހާބުގެ ޓިކެޓް ލިބެންވާނީ އެ ބޭފުޅަކަށެވެ.
އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ކޮންގްރެސްގައި އިއްޔެ ވަނީ ޕާޓީގެ އަސާސީ ގަވައިދާއި ޕާޓީގެ ހިންގާ ގަވައިދު ފާސްކޮށްފަ އެވެ. މާދަމާ ބާއްވާ ބައްދަލުވުމުގައި ޕާޓީގެ މުހިއްމު މަގާމުތަކަށް މެންބަރުން އައްޔަން ކުރާނެ އެވެ.