18 Jan 2013, 00:57
ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާގެ އާއިލާ އިން ހިިންގަމުން އަންނަ ޒިޓާލީ ރިސޯޓް އެންޑް ސްޕާ (ކުޑަފަނުފަރު) އިން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން ޖޫރިމަނާ އަށް އަރާފައިވާ ފައިސާއާ އެކު ޖުމްލަ ތިން ލައްކަ އަށް ވުރެ ގިނަ ޑޮލަރު މީރާ އަށް ދެއްކުމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން މިއަދު އެ ހުކުމް ކޮށްފައި ވަނީ ބިލެތްދޫ ދާއިރާގެ މެންބަރު ހަމްޒާގެ ކޮއްކޮ ހ. ގިރިތެރޭގޭ މޫސާ ޝިޔާމް އަބްދުﷲ އަލީގެ މައްޗަށެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ޒިޓާލީ ރިސޯޓުން ދައުލަތަށް ދައްކަން ޖެހޭ ލީސްރެންޓާއި ބިމުކުއްޔާއި އެޑްވާންސް ޕޭމަންޓް އެޖަސްޓް ކުރުމުން ދައްކަން ޖެހޭ ފައިސާއާއި އެ ފައިސާ ދައްކަން ޖެހޭ ތާރީީޚަށް ދައްކާފައި ނުވާތީ މިދިޔަ އަހަރުގެ ނޮވެމްބަރު އަށް ވަނަ ދުވަހާ ހަމަ އަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 384،172.68 ޑޮރަލަކީ އެ ރިސޯޓުން މީރާއަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅާ ކަމަށެެވެ. އެހެންކަމުން މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާ އަށް ދައްކައި ޚަލާސް ކުރުމަށް މޫސާ ޝިޔާމްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.
"މި ބުނެވިދިޔަ ފައިސާއާއި މިފައިސާ ދައްކައި ޚަލާސްކުރާ ދުވަހާ ހަމައަށް އިތުރަށް އަރަމުންދާ ޖޫރިމަނާ އާ އެކު މި އެންމެހައި ފައިސާ ދައުވާ ކުރާ ފަރާތަށް ލިބިދިނުމަށްޓަކައި މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ދައުވާ ކުރާ ފަރާތަށް ދައްކައި ޚަލާސްކުރުމަށް ދައުވާ ލިބޭ ފަރާތަށް އަންގައި ހުކުމް ކޮށްފީމެވެ،" ސިވިލް ކޯޓުގެ ހުކުމްގައި ވެއެވެ.
މީރާއިން މިއަދު ބުނީ އެ ރިސޯޓުން ކުލި ނުދެއްކުމުން ތިން އަހަރަށް ބަހާލައިގެން ކުލިދެއްކުމަށާއި ކުލިނުދެއްކުމުން ޖޫރިމަނާއަށް އަރާފައިވާ ފައިސާ 10 އަހަރަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމް ޓޫރިޒަމް މިނިސްޓްރީން ހަމަޖެއްސުމުން ވެސް ދައްކަންޖެހޭ މުއްދަތުގައި ފައިސާ ދައްކާފައި ނުވާ ކަމަށެވެ.