17 Jan 2013, 23:46
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލާ 2010 ވަނަ އަހަރު ސިންގަޕޫރުގައި ޗުއްޓީ ހޭދަކޮށްލެއްވުމަށް ދައުލަތުގެ ބަޖެޓުން 446،578ރ. ހޭދަކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް މިއަދު ނެރުއްވާފައިވާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ކުރީގެ ރައީސް ނަޝީދު 2010 ވަނަ އަހަރު ސްރީލަންކާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އަމިއްލަ ކަމެއް މެދުވެރިވެގެން މާލެ ވަޑައިގަތުމަށް ޗާޓަރު ކުރެއްވި ފްލައިޓާއި އެކަމާ ގުޅޭ އިތުރު ކަންތައްތަކަށް 161512ރ. ސަރުކާރުގެ ބަޖެޓުން ހަހަރުކޮށްފައިވާ ކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ފައިސާ ދައުލަތަށް އަނބުރާ ދައްކާފައިނުވާކަން ވެސް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުގައި އޭރުގެ ނާއިބު ރައީސް އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު 2010 ވަނަ އަހަރު ޗުއްޓީ އަށް މެލޭޝިއާ އަށް ކުރެއްވި ދަތުރުފުޅަކަށް 764،121ރ ހޭދަކުރައްވާފައިވާ އިރު ޓިކެޓުގެ ހަރަދު ފިޔަވައި ޖުމްލަ ގޮތެއްގައި ކުރެއްވި ހަރަދުގެ ތަފްސީލު ސަރުކާރަށް ދައްކާފައި ނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ކުރީގެ ރައީސް ނަޝީދު 2010 ވަނަ އަހަރު ރާއްޖެ އިން ބޭރަށް ކުރައްވާފައިވާ ދަތުރުފުޅުތަކުގައި އޭރުގެ ސަރުކާރަށް ނިސްބަތްވާ ޕާޓގެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ޕާޓީތަކުގެ ބައެއް އިސްފަރާތްތައް ބައިވެރިކުރައްވައި އެ ބޭފުޅުންނަށް ދަތުރުގެ ހަރަދާއި ހުރުމާއި އަދި ކެއުމުގެ ހަރަދު ހަމަޖައްސާފައިވާކަން 2010 ވަނަ އަހަރުގެ ރައީސް އޮފީހުގެ އޮޑިޓް ރިޕޯޓުން އެނގޭ ކަމަށެވެ.
އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ކުރީގެ ރައީސް 2010 ވަނަ އަހަރު އަތޮޅުތަކަށް ކުރައްވާފައިވާ ދަތުރުފުޅުތަކަށް 1.02 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު އޭގެތެރެއިން ގިނަ ދަތުރުފުޅުތަކަކީ ކުރިއާރާވައިގެން ފިނޭންސް މިނިސްޓުރީގެ ސާކިއުލާއާ އެއްގޮތަށް ކުރައްވާފައިވާ ދަތުރުފުޅުތަކެއް ނޫނެވެ. އަދި ކުރައްވާފައިވާ ދަތުރުފުޅުތަކުގައި އޭރުގެ ސަރުކާރަށް ނިސްބަތްވާ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ޕާޓީތަކުގެ ބައެއް އިސް ފަރާތްތައް ބައިވެރިކުރައްވައި އެ ބޭފުޅުންނަށް ދަތުރުގެ ހަރަދާއި ހުރުމާއި އަދި ކެއުމުގެ ހަރަދު ހަމަޖައްސާފައިވާ އިރު އެއީ އެއީ ވަކި ފަރާތަކަށް ސިޔާސީ މަގުސަދެއް ހަސިލްކުރުމަށް ދައުލަތުގެ ފައިސާ ބޭނުންކުރެއްވުން ކަމަށް ބެލެވޭ ކަމަށާއި އެ އުސޫލުން ފައިސާ އިން ހަރަދުކުރައްވައިގެން ނުވާނެ ކަމަށް އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައިވާ އިތުރަށް ފާހަގަކޮށްފައިވާ ކަންތަށްތަކުގެ ތެރޭގައި ރައީސް އާއި ނައިބް ރައީސް އަހަރަކު 30 ދުވަހުގެ ޗުއްޓީއެއް ހޭދަކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ އިރު ވަކި މިންވަރެއް ކަނޑައެޅުމަށާއި ރައީސްގެ ޗުއްޓީ ދަތުރުފުޅަށް ވަކި މިންވަރެއް ގާނޫނުގައި ކަނޑައަޅާފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ.